Roadha Mihaaru
މާނޭގެ ލަނޑާ އެކު ސެނެގާލް އެފްރިކަން ކަޕް ފައިނަލަށް

އެފްރިކަން ކަޕް: މާނޭގެ ލަނޑާ އެކު ސެނެގާލް ފައިނަލަށް

03 ފެބުރުއަރީ 2022

ކެމަރޫން (ފެބްރުއަރީ 3) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގައި ސާޑިއޯ މާނޭގެ މޮޅު ކުޅުމާ އެކު 3-1 އިން ބުރްކީނާ ފާސޯ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސެނެގާލް ރޭ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކެމަރޫން (ފެބްރުއަރީ 3) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގައި ސާޑިއޯ މާނޭގެ މޮޅު ކުޅުމާ އެކު 3-1 އިން ބުރްކީނާ ފާސޯ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސެނެގާލް ރޭ ހޯދައިފި އެވެ.

ރޭގެ ސެމީ ފައިނަލުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ހާފުގައި ބުރްކީނާ ފާސޯގެ ގޯލްކީޕަރު ހާވޭ ކޯފީ އަށް ވަނީ އަނިޔާވެގެން ބަދަލު ކުރަން ޖެހިފަ އެވެ. މަތިން އައި ބޯޅައެއް ކީޕަރު ދިފާއު ކުރަން ނުކުތް ވަގުތު ސެނެގާލް ކުޅުންތެރިޔާ އަށް ފައުލްކުރި ކަމަށް ބަލައި ސެނެގާލަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު، ފަހުން ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމައިފަ އެވެ.

ފަހު ހާފުގައި ވެސް ސެނެގާލް އަށް އިތުރު ޕެނަލްޓީއެއް ދޭން ރެފްރީ އިޝާރާތް ކުރި އެވެ. އެ ނިންމުން ވެސް ބަދަލުކުރީ ވީއޭއާރުންނެވެ. ނަމަވެސް ބުރްކީނާ ފާސޯގެ ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ސާފުކޮށް ނުލެވިގެން އުޅެނިކޮށް އޭގެ ފައިދާ ނަގައި ސެނެގާލުން މެޗުގައި ލީޑު ނެގީ 70 ވަނަ މިނިޓުގަ އެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ، ނަޕޯލީ އަށް ކުޅޭ ކެޕްޓަން ކަލިދޫ ކުލިބާލީ، ގޯލަށް ފޮނުވާލުމުން ލިބުނީ، ޕީއެސްޖީ އަށް ކުޅޭ އަބްދޫ ޑިއާލޯ އަށެވެ. އޭނާ ވަނީ ކޮންޓްރޯލް ކޮށްލާފައި ކައިރީ ތިބި އިދިކޮޅު އެއްވެސް ކުޅުންތެރިޔަކަށް ފުރުސަތު ނުދީ އެ ބޯޅަ ގޯލުތެރަށް ފޮނުވާލައިފަ އެވެ.

ސެނެގާލުން ލީޑު ނެގިތާ ހަ މިނިޓު ފަހުން، ބުރްކީނާ ފާސޯ ކުޅުންތެރިއެއް ކައިރިން ނައްޓާފައި މާނޭ އޭރިއާ ތެރެއަށް ވަދެ ތަނަވަސްކުރި ފުރުސަތަކުން އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ އޭރިއާ ތެރޭ ހުސްކޮށް ހުރި އިދްރީސާ ގާނާ ގޭއި އެވެ. މެޗުގެ 82 ވަނަ މިނިޓުގައި ބްލާޓީ ޓޫރޭގެ ލަނޑަކުން ބުރްކީނާ ފާސޯ އިން އުންމީދު ހޯދި ނަމަވެސް ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ކައުންޓާ އެޓޭކެއްގައި އިސްމާއިލާ ސާ ތަނަވަސްކުރި ފުރުސަތެއްގައި މާނޭ ވަނީ ކީޕަރު ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައި، ސެނެގާލަށް ފައިނަލުގެ ޖާގަ ޔަގީން ކޮށްދީފަ އެވެ.

މާނޭ އާއި ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ރޭގެ މެޗަށް ފަހު.-- ފޮޓޯ: އޭއެފަޕީ

މާނޭ އާއި ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ރޭގެ މެޗަށް ފަހު.-- ފޮޓޯ: އޭއެފަޕީ

މާނޭގެ މި ލަނޑަކީ އޭނާ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 86 މެޗުން ޖަހައިދިން 29 ވަނަ ލަނޑެވެ. އަދި މާނޭ ވަނީ 99 މެޗު ކުޅެގެން ސެނެގާލަށް އެންމެ ގިނަ ލަނޑު ޖަހައަދީފައިވާ، ކުރިން ޕްރިމިއާ ލީގު ވިގަން އެތުލެޓިކަށް ކުޅުނު ފޯވާޑް ހެންރީ ކަމާރާގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ.

މިއީ މުބާރާތުގެ ފައިނަލުގައި ސެނެގާލް ވާދަކުރާ ތިންވަނަ ފަހަރެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އަލްޖީރިއާ އަތުން ބަލިވިއިރު، 2002 ވަނަ އަހަރުގެ ފައިނަލުގައި ކެމަރޫން އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި ސެނެގާލަކީ މިހާތަނަށް މުބާރާތުގެ ފައިނަލުގައި ދެ ފަހަރު ކުޅެ، މުބާރާތް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި ގައުމެވެ.

ފައިނަލުގައި ސެނެގާލް ވާދަކުރާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ރާއްޖޭ ގަޑިން 12 ޖަހާއިރު ކެމަރޫން އާއި މިސްރު ވާދަކޮށް މޮޅުވާ ޓީމަކާ އެވެ.