Roadha Mihaaru
އެފްރިކަން ކަޕް: ސެނެގާލް އާއި މޮރޮކޯ ވެސް ކުއާޓައަށް

އެފްރިކަން ކަޕް: ސެނެގާލް އާއި މޮރޮކޯ ވެސް ކުއާޓަ ފައިނަލަށް

26 ޖެނުއަރީ 2022

ކެމަރޫން (ޖެނުއަރީ 26) - އެފްރިކަން ކަޕް އޮފް ނޭޝަންގެސްގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ސެނެގާލް އާއި މޮރޮކޯ މުބާރާތުގެ ކުއާޓަ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކެމަރޫން (ޖެނުއަރީ 26) - އެފްރިކަން ކަޕް އޮފް ނޭޝަންގެސްގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ސެނެގާލް އާއި މޮރޮކޯ މުބާރާތުގެ ކުއާޓަ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް ސެނެގާލް ރޭ ކުޅުނު މެޗު ކާމިޔާބުކުރީ ކޭޕް ވާޑޭއާ ވާދަކޮށް 2-0 އިންނެވެ. މި ހާފުގައި ކޭޕް ވާޑޭގެ މިޑްފީލްޑަރު ޕެޓްރިކް އަންޑްރާޑޭ ކުރި ކުށަކަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ރެފްރީ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ވަނީ ނިންމުން ސީދާ ރަތް ކާޑަކަށް ބަދަލުކޮށްފަ އެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ފުރަތަމަ ހާފު ނިންމާލަން ޖެހުނު ކޭޕް ވާޑޭ އަށް މައްސަލަ ދިމާވީ 57 ވަނަ މިނިޓުގައި އެޓީމުގެ ކީޕަރު ވޮޒީނިއާ އަށް ރަތްކާޑު ދެއްކުމުންނެވެ. މެޗުގެ 53 ވަނަ މިނިޓުގައި ސެނެގާލްގެ ކީޕަރު، ޗެލްސީ އަށް ކުޅޭ އެޑުއާޑް މެންޑީ ސައްޕު ޖަހާފައި ފޮނުވާލި ބޯޅަ ހޯދަން ކޭޕް ވާޑޭގެ އޭރިއާ ކައިރިން ސާޑިއޯ މާނޭ އާއި ކީޕަރު ވޮޒީނިއާއާ ދެމީހުން ބޮލުން އެރި ވަގުތު ދެ ކުޅުންތެރިންގެ ބޮލަށް ވަނީ ހާނިއްކަވެފަ އެވެ. ދެ ކުޅުންތެރިންނަށް ވެސް ދަނޑުމަތީގައި ފަރުވާ ދޭން ޖެހުނެވެ. ކޭޕް ވާޑޭ އިން ކީޕަރު ވޮޒީނިއާ ބަދަލުކުރަން އުޅެނިކޮށް، ވީއޭއާރު ބެލުމަށް ފަހު އަލްޖީރިއާގެ ރެފްރީ ލަލޫ ބެންބްރަހަމް ވަނީ ވޮޒީނިއާ އަށް ރަތް ކާޑު ދައްކައިފަ އެވެ. އޭރު އެޓީމުގެ ބަދަލު ކީޕަރު ވެސް އަރަން ތައްޔާރު ވަނީ އެވެ.

މާނޭ އާއި ކޭޕް ވާޑޭގެ ކީޕަރު ވޮޒީނިއާ ބޮލަށް އަނިޔާވެގެން، ރެފްރީ އާއި ކުޅުންތެރިން މެޑިކަލް އޮފިޝަލުންނަށް އިޝާރާތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މާނޭ އާއި ކޭޕް ވާޑޭގެ ކީޕަރު ވޮޒީނިއާ ބޮލަށް އަނިޔާވެގެން، ރެފްރީ އާއި ކުޅުންތެރިން މެޑިކަލް އޮފިޝަލުންނަށް އިޝާރާތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނުވަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ކޭޕް ވާޑޭ ކޮޅަށް ސެނެގާލް އިން ގޯލު ޖެހީ ވޮޒީނިއާއާ އެކު ބޮލަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަހު އަލުން ކުޅުމާ ބައިވެރިވި މާނޭ އެވެ. މެޗުގެ 63 ވަނަ މިނިޓުގައި އެޓީމުން ނެގި ކޯނަރެއް ކޭޕް ވާޑޭ ކުޅުންތެރިން ބޮލުގައި ޖެހިފައި މާނޭ އަށް ލިބުމުން އޭނާ ވަނީ ބޯޅަ ކޮންޓްރޯލް ކޮށްލާފައި ގޯލު މަތީ ދަނޑީގައި ޖައްސާފައި ގޯލުތެރަށް ފޮނުވާލައިފަ އެވެ. މާނޭ އަށް ބޯޅަ ލިބުނު ވަގުތު އޭރިއާ ތެރެއިން ސެނެގާލްގެ ފޯވާޑް ފަމާރާ ޑައިދިއޫ، ކޭޕް ވާޑޭގެ ކުޅުންތެރިޔަކު ވައްޓާލުމުން ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ރެފްރީ ކައިރީ ޝަކުވާ ކޮށްފަ އެވެ.

ސެނެގާލްގެ ދެވަނަ ލަނޑު ޖަހައިދިނީ މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް މާނޭގެ ބަދަލުގައި ކުޅެން އެރުވި، ފްރާންސްގެ މާސޭ އަށް ކުޅޭ ފޯވާޑް ބާމްބާ ޑިއެންގް، 21، އެވެ. އޭނާ މި ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޑައިދިއޫއާ އެކު އުފެއްދި ކައުންޓާ އެޓޭކެއްގަ އެވެ.

ކުއާޓަ ފައިނަލުގައި ސެނެގާލް ވާދަކުރާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު މާލީ އާއި އިކުއެޓޯރިއަލް ގިނީއާ ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

އަޝްރަފް ހަކީމީ މޮރޮކޯ މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އަޝްރަފް ހަކީމީ މޮރޮކޯ މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ރޭ ކުޅުނު ދެވަނަ މެޗުގައި މޮރޮކޯ ވަނީ ފަހަތުން އަރައި 2-1 އިން މަލާވީ ބަލިކޮށްފަ އެވެ. މިއީ މީގެ ކުރިން ދެފަހަރު މުބާރާތުގައި ވާދަކޮށްފައިވާ މަލާވީ ގުރޫޕް ސްޓޭޖް ފަހަނަޅައި ދިޔަ ފުރަތަމަ ފަހަރެވެ. މެޗުގެ ހަތްވަނަ މިނިޓުގައި، ހާފުގެ މެދަކާ ހަމައިން ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެން މަލާވީ އަށް ލީޑު ނަގައިދިނީ ފޯވާޑް ގަބަޑީނިއޯ މަންގޯ އެވެ.

އޭގެ އިރުކޮޅެއް ފަހުން އޭނާ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވިއިރު، މަލާވީގެ ޒުވާން ކީޕަރު ޗާލްސް ތޫމޫ ވަނީ ފުލުފުލުގައި މޮޅު ދެ ސޭވް ކޮށްފަ އެވެ. ޕީއެސްޖީ އަށް ކުޅޭ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ހިލޭޖެހުން ދިފާއުކުރިއިރު، ރީބައުންސް ވެފައި އައި ބޯޅަ، ވަޓްފޯޑަށް ކުޅޭ މޮރޮކޯގެ މިޑްފީލްޑަރު އިމްރާން ލޫޒާ ފޮނުވާލުމުން ވެސް ދިފާއުކުރި އެވެ.

މި ހާފުގައި ލޫޒާ ހިލޭޖެހުމަކުން ހުރަސް ކޮށްލި ބޯޅަ މޮރޮކޯގެ ކެޕްޓަން، ވުލްވްސް އަށް ކުޅޭ ރޯމައިން ސައިސް ފޮނުވާލުމުން ގޯލު ހުރަސް ދަނޑީގައި ޖެހުނުއިރު، ހަކީމީ ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލު ދަނޑިއަށް އަމާޒުވެފަ އެވެ.

މޮރޮކޯ އިން އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، އޭރިއާ ތެރަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ޖަހައިދިނީ ސްޕެއިންގެ ސެވިއްޔާ އަށް ކުޅޭ ފޯވާޑް ޔޫސުފް އަންނަސީރީ އެވެ. އަދި ޓީމު މޮޅުކޮށްދިން ލަނޑު 70 ވަނަ މިނިޓުގައި ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިނީ ހަކީމީ އެވެ.

ކުއާޓާ ފައިނަލުގައި މޮރޮކޯ ނުކުންނާނީ މިރޭ މިސްރާއި އައިވަރީ ކޯސްޓް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 9 ޖަހާއިރެވެ.