Roadha Mihaaru
13 އަހަރަށް ފަހު ސެނެގޯލް ސެމީ އަށް

13 އަހަރަށް ފަހު ސެނެގޯލް ސެމީ އަށް

11 ޖުލައި 2019

ގާހިރާ، މިސްރު (ޖުލައި 11) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި 1-0 އިން ބެނިން ބަލިކޮށް 13 އަހަރަށް ފަހު ސެނެގޯލް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގާހިރާ، މިސްރު (ޖުލައި 11) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި 1-0 އިން ބެނިން ބަލިކޮށް 13 އަހަރަށް ފަހު ސެނެގޯލް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ސެނެގޯލުން އެންމެ ފަހުން ސެމީގައި ކުޅުނީ 2006 ވަަނަ އަހަރު މިސްރުގައި އޮތް މުބާރާތުގަ އެވެ. އެ ފަހަރު ސެމީގައި ސެނެގޯލް ބަލިވީ މިސްރު އަތުންނެވެ. ސެމީގައި ސެނެގޯލް ކުޅޭނެ ޓީމެއް އެނގޭނީ މިރޭ މަޑަގަސްކާ އާއި ޓިއުނީޝިއާ ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗަށް ފަހު އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި ބެނިންގެ ޑިފެންޑަރުން ވަނީ ސެނެގޯލް ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނިޓްގައި ޖެހީ އިދްރީސާ ގޭ އެވެ. އޭނާ މި ލަނޑު ޖެހީ ސެނެގޯލްގެ ކެޕްޓަން ލިވަޕޫލްގެ ސަޑިއޯ މާނޭ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.

ބެނިން އިން ރޭގެ މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 83 ވަަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު އޮލިިވިއޭ ވާޑަން އަށް ރަތް ކާޑު ދެއްކުމުންނެވެ.

ސެނެގޯލްގެ ކޯޗު އަލިއޫ ސީސޭ ބުނީ މި މުބާރާތުގައި ސެނެގޯލަށް މި ފަހަރު ތަފާތު ޗެލެންޖްތައް ކުރިމަތިވަމުން އަންނަ ކަމަށާއި އެކަމުން ކުރި ހޯދަން ކުޅުންތެރިން ކުރާ މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށެވެ.

"ސެމީއާ ހަމައަށް ސެނެގޯލް އައީ ވަރަށް ގިނަ ޓެސްޓްތަކުން ފާސްވެގެން. އޭގެ ތެރެއިން އެއް ޓެސްޓް ބެނިން މެޗަކީ. ހަގީގަތުގައި ބެނިންގެ ޑިފެންސް ވަރަށް އޮގަޒަނައިޒްކޮށް ފެނުނީ. ޔަގީނުން ވެސް އެނގޭ ކަމަކީ ސެމީގައި ކޮންމެ ޓީމަކާ ކުޅެން ޖެހުނަސް އެ ޓީމެއް ވެސް ނުކުންނާނީ މިހާ ރަނގަޅަށް ތައްޔާރުވެގެންކަން. އަހަރެމެން ކުޅޭނީ ވިސްނުންތެރިކަމާ އެކު،" ސީސޭ ބުންޏެވެ.

މި ފަހަރުގެ އެފްރިކަން ކަޕްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދަން ނިންމާފައިވަނީ ކުއާޓާ ފައިނަލާ ހަމައިންނެވެ. މީގެ ކުރިން އެފްރިކާގެ ކްލަބް މުބާރާތްތަކުގައި ވީއޭއާރް ބޭނުންކުރުމުގައި ގިނަ މައްސަލަތަކެއް ދިމާވި އެވެ. އެކަމަކު މި ފަހަރުގެ އެފްރިކަން ކަޕްގައި ވީއޭއާރް ބޭނުންކުރުމުގައި ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާކަމަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ވަނީ ބުނެފަ އެވެ.

ކުއާޓާ ފައިނަލުގައި ރޭ ކުޅުނު އަނެއް މެޗުން ނައިޖީރިއާ އިން ވަނީ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާ އެކު 2-1 އިން ދެކުނު އެފްރިކާ ބަލިކޮށް މުބާރާތުގެ ސެމީން ޖާގަ ހޯދައިފަ އެވެ. ދެކުނު އެފްރިކާ ކުއާޓާގެ ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި މިސްރު ކަޓުވާލުމަށް ފަހު އެވެ.