Roadha Mihaaru
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ކުރިމަތިލެއްވީ އާޒިމް އެކަނި

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ކުރިމަތިލެއްވީ އާޒިމް އެކަނި

30 ޖޫން 2019

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަނި ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަނި ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގައި ބާއްވަން ނިންމާފައިވާ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި ޕީޖީ ލީޑަރަކަށް އާޒިމް ކުރިމަތިލެއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވެސް އާޒިމް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ދެ ބޭފުޅަކު އިންތިޚާބު ކުރާއިރު އެ ދެ މަގާމަށް ކުރިމަތިލެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމެވެ.

އަމީން އާއްމުގެ މަގާމަށް ކުރިމަތިލެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

ޗީފް ވިޕްގެ މަގާމަށް ކުރިމަތިލެއްވީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

އޭގެ އިތުރުން ވިޕުންގެ ގޮތުގައި އިންތިޚާބުވުމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވަނީ ކުރިމަތިލައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާ އެކު ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ.