Roadha Mihaaru
ރިފްއަތު ވަކިކުރަން ވޯޓް ދޭ މެންބަރުން ވަކިކުރާނަން

ރިފްއަތުގެ އިތުބާރު ނެތްކަމަށް ވޯޓް ދޭ މެންބަރުން ޕާޓީން ވަކިކުރާނަން: އެމްޑީޕީ

13 މެއި 2023

ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލަ އަށް ތާއީދުކޮށް ވޯޓް ދޭ އެމްޑީޕީގެ މެންބަރުން ޕާޓީން ވަކިކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލަ އަށް ތާއީދުކޮށް ވޯޓް ދޭ އެމްޑީޕީގެ މެންބަރުން ޕާޓީން ވަކިކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޗާގޮސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ރިފްއަތު ލީޑް ކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ އޭނާ އާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި ވަރަށް އަވަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަވްދުﷲ ޝާހިދުގެ މައްސަލަ ވެސް ހުށަހަޅާނެ ކަަމަށް ވަނީ ބުނެފަ އެވެ.

އެމްޑީޕީގައި ތިއްބެވި ނަމަވެސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފެކްޝަންގެ މެންބަރުން ވެސް ގެންދަވަނީ ރިފްއަތާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބައިވެރިވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައީސް އޮފީހުގެ މިިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީއާ ދެކޮޅަށް އެހެން ޕާޓީއެއްގެ ހަރަކާތުގައި ބައިވެރިވުމަކީ ޕާޓީގެ މެންބަރުކަން ގެއްލޭ ކަމެއް ކަމަށެވެ.

އެ މެންބަރުންގެ މައްސަލަ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް ފޮނުވީތޯ ސުވާލު ކުރުމުން އިބުރޭ ވިދާޅުވީ މައްސަލަ ކޮމިޓީ އަށް ފޮނުވާފައި ނުވާ ކަމަށާއި ނަމަވެސް ޕާޓީ އާ ދެކޮޅަށް މަސައްކަތް ކުރާ މެންބަރުން ޕާޓީން ވަކިވާނެ ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

"އަސާސީ ގަވާއިދުގައި އެބައޮތް ޕާޓީ އަށް ގެއްލުންވާ ގޮތަށް އެހެން ޕާޓީ އަކުން ކުރާ ކަމެއްގައި ބައިވެރިވުމަކީ މެންބަރުކަން ގެއްލޭނެ ކަމެއް ކަމަށް. އަސާސީ ގަވާއިދު ތަންފީޒު ކުރަން ޖެހޭނެއޭ އަޅުގަނޑު މި ދަންނަވަނީ،" އިބުރޭ ވިދާޅުވިި އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވިޔަ ނުދޭނެ ކަމަށެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވީ 13 މެންބަރުންނެވެ. އެއީ ޕީޕީއެމް 6 ޕީއެންސީ 2 ޖުމްހޫރީ ޕާޓީ 2 އެމްއެންޕީ 3 އެވެ. ނަޝީދާ އެކު ތިއްބެވި އެމްޑީޕީ މެމްބަރުން 13 އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ތިބި އެމްޑީޕީ މެންބަރުންގެ އަދަދަކީ 54 އެކެވެ.