Roadha Mihaaru
އެމްޑީޕީގެ ޕީޖީ އިންތިހާބުގެ ވާދަވެރިކަން މިފަހަރު ބޮޑު

އެމްޑީޕީގެ ޕީޖީ އިންތިހާބުގެ ވާދަވެރިކަން މި ފަހަރު ބޮޑު

17 ފެބުރުއަރީ 2022

އެމްޑީޕީން އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ އިންތިހާބުގައި ގިނަ މަގާމުތަކަށް އެންމެ ބޭފުޅަކު ވާދަކުރައްވައިގެން ހޮވިޔަސް މާދަމާ ބާއްވާ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީން އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ އިންތިހާބުގައި ގިނަ މަގާމުތަކަށް އެންމެ ބޭފުޅަކު ވާދަކުރައްވައިގެން ހޮވިޔަސް މާދަމާ ބާއްވާ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ޕީޖީގެ އިންތިހާބު 2019 ގައި އެންމެ ފަހުން ބޭއްވިއިރު، ލީޑަރަކަށް ކުރިމަތިލެއްވީ އެ މަގާމު މިހާރު ވެސް ފުރުއްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. ޕީޖީ ގުރޫޕްގެ ދެ ނައިބުންނަށް ކުރިމަތިލެއްވީ އެ މަގާމުގައި ދެމިތިއްބެވި ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލައްވައި ހޮވިވަޑައިގަތީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ.

މަޖިލީހުގައި 65 ގޮނޑިއާއެކު ސާފު އަޣުލަބިއްޔަތު އޮތް ޕީޖީގެ އިންތިހާބުގައި ލީޑަރު ކަމުގެ މަގާމު ދިފާއުކުރައްވަން އަލީ އާޒިމް މި ފަހަރު ނުކުންނަވަ އެވެ. އޭނާއާ ވާދަކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ދެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރައްވަ އެވެ. އަނދުން ހުސައިންގެ އިތުރުން އިލްޔާސް ލަބީބް މަގާމު ދިފާއުކުރައްވަން ވާދަކުރައްވާއިރު ބިގޭ ވެސް މިފަހަރު އެ މަގާމަށް ނުކުންނަވަ އެވެ.

ބިގޭ ފުރުއްވި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މި ފަހަރު ވާދަކުރައްވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ.

ސެކްރެޓަރީ ޖެނެރަލްގެ ނައިބަކާއި ޗީފް ވިޕް ވެސް ހޮވާނެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިހާބު އޮންނާނީ މާދަމާ މެންދުރު 1:30 އިން ހަވީރު 5:30 އަށް އެ ޕާޓީގެ އޮފީހުގަ އެވެ.

މި އިންތިހާބު 2019 ގެ ފަހުން މިހާތަނަށް ނުބާއްވާ އޮތީ ގަވާއިދަށް އިސްލާހު ގެެނެސް ދައުރު ދަންމާލާފައި އޮތުމުންނެވެ.

ޕީޖީގެ މަސްއޫލިއްޔަތަކީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ހިޔާލުފާޅުކުރުމާއި ވޯޓު ދިނުމުގައި ޕާޓީގެ ސިޔާސަތަށް ތަބާވުމަށް ބާރު އެޅުވުމެވެ. އަދި ޕާޓީގެ ސިޔާސަތު މަޖިލީހުގައި ދިފާއުކުރުން ކަަމަށް އަސާސީ ގަވާއިދުގައިވެ އެވެ.