Roadha Mihaaru
"ނުފޫޒު ފޯރުވަން އުޅުއްވި ވަޒީރުންނަށް ފިޔަވަޅުއެޅޭނެ"

ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ވަޒީރުންނަށް ފިޔަވަޅު އަޅަން ޖެހޭ: ބޮންޑޭ

27 މެއި 2019

އާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ހޮވަން ބޭނުންވާ ބޭފުޅަކު ކަނޑައަޅަން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި ނަގާ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ވަޒީރުން، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ހޮވަން ބޭނުންވާ ބޭފުޅަކު ކަނޑައަޅަން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި ނަގާ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ވަޒީރުން، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ އެކި ދާއިރާތަކަށް ކަނޑައަޅާފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ރައީސަކު ކަނޑައަޅާ ވޯޓު ވަކި ބޭފުޅަކަށް ދެއްވުމުން ކަމަށް، ބައެއް ވަޒީރުން މެމްބަރުންނަށް ގުޅުއްވައި ވިދާޅުވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ ކޮން ވަޒީރެއް ކަމެއް ނުވަތަ އޭނާ އަށް ލިބިވަޑައިގެންނެވި މައުލޫމާތުގެ ތަފްސީލެއް ނުދެއްވަ އެވެ.

ތަރައްގީގެ މަޝްރޫއުތަކާ ވޯޓާ ގުޅުވާ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމާއި ބޮންޑޭ ހިތްހަމަނުޖެހުން ފާޅުކުރައްވާފައި.

މާދަމާ ރޭ ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ބޭނުންވާ ބޭފުޅަކު ކަނޑައެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގައި މިރޭ ނަގާ ވޯޓުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. މަޖިލީހުގެ ރިޔާސަތަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެެރެއިން އެންމެ ވާދަވެރީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފްގެ ނަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތީ، އަފީފަށެވެ. ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި މުހައްމަދު ނަޝީދުގެ ބޭނުންފުޅުވަނީ މަޖިލީހުގެ ރިޔާސަތަށް އަސްލަމް އިންތިޚާބު ކުރާށެވެ.

އަސްލަމަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވާފައިވާ ބޮންޑޭ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހާ ގުޅޭ ވޯޓަކަށް ނުފޫޒު ފޯރުވުމަކީ ވަޒީރުން ކުރައްވައިގެންވާނެ ކަމެއް ނޫނެވެ. ސަރުކާރު ކޯލިޝަންގައި އެމްޑީޕީގެ 40 ޕަސެންޓާއި އެހެން ޕާޓީތަކުގެ 60 ޕަސެންޓް ހިއްސާވާ އިރު، ވަޒީރުން ޒިންމާދާރުކުރުވުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރުގެ އެއްވެސް ވަޒީރަކު މެމްބަރަކަށް ގުޅުއްވައި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް،" ބޮންޑޭ ވިދާޅުވި އެވެ.

މި ކަންބޮޑުވުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް އިއްޔެ ވަނީ ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމުގެ ވޯޓު، ތަރައްގީގެ މަޝްރޫއުތަކާ ގުޅުވުން ހުތުރެވެ. މި ސަރުކާރު އައީ އެ ކަންކަމާ ދެކޮޅަށް އަޑުއުފުލަމުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

މަޖިލީސް ރައީސަކު ހޮވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު، ދެ ނަމެއް ޚިޔާރުކުރެއްވުމުން، އެމްޑީޕީގެ ތެރޭގައި ވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ ސާފު އަޣުލަބިއްޔަތު ހޯދައިފަ އެވެ. މަޖިލީހުގެ 87 ދާއިރާގެ ތެރެއިން، އެމްޑީޕީން 65 ގޮނޑި ކާމިޔާބު ކުރި އެވެ.