Roadha Mihaaru
ރައީސްކަމަށް ވާދަވެރިކަން ބޮޑުވެ އަފީފަށް ފާޑުކިޔަނީ

މަޖިލީހުގެ ރައީސްކަމަށް ވާދަވެރިކަން ބޮޑުވެ، އަފީފަށް ފާޑު ކިޔުން!

24 މެއި 2019

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އިންތިޚާބު ކުރާނެ ބޭފުޅެއްގެ ވާދަވެރިކަން އެންމެ ބޮޑީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފްގެ މެދުގަ އެވެ. މި ދެ ބޭފުޅުންގެ ސަޕޯޓަރުން މިކަމުގައި ބައިވެރިވެ ބަހުގެ ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އިންތިޚާބު ކުރާނެ ބޭފުޅެއްގެ ވާދަވެރިކަން އެންމެ ބޮޑީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފްގެ މެދުގަ އެވެ. މި ދެ ބޭފުޅުންގެ ސަޕޯޓަރުން މިކަމުގައި ބައިވެރިވެ ބަހުގެ ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ.

މި ވާދަވެރިކަން އިތުރަށް ވަރުގަދަވެ، ބަހުސް ހޫނުވީ މަޖިލިހުގެ ރައީސަކަށް އެންމެ އެކަށީގެންވަނީ އަފީފް ކަމަށް ވިދާޅުވެ، އޭނާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި ފަހުންނެވެ. އޭގެ ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ގެނައުމަށް ތާއީދު ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް. --- ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް. --- ފޮޓޯ: މިހާރު

މި ބަހުސްގައި އެމްޑީޕީިގެ އާންމު މެމްބަރުންނާއި މަޖިލިހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސާއި ނަޝީދު ވިދާޅުވީ އެބޭފުޅުންނަށް ފެނިވަޑައިގެން ނަމެއް ކަމަށެވެ. އަސްލަމާއި އަފީފަކީ އެމްޑީޕީގެ މެމްބަރުން ކަމަށްވާ އިރު، ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކު ހޮވުނަސް ވާނީ އެމްޑީޕީ އަށް ކަމަށާއި އެހެންވެ މި ކުރާ ބަހުސް ބޭކާރު ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ރޮޒެއިނާ ކުރެއްވި ޓުވީޓު.

އެމްޑީޕީގެ އާންމު މެމްބަރުން އެންމެ ބޮޑަށް ރުޅިގަދަވި އެއް ކަމަކީ މަޖިލިހުގެ ރައީސް ކަމަށް އަފީފް ގެނައުމަށް ތާއީދު ކުރާ ކަން އިދިކޮޅު ޕީއެންސީން ހާމަކުރުމުންނެވެ. އެކަމުގެ އަޑީގައި އޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމާއި ނަޝީދު ސަލާމް ކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމާއި ނަޝީދު ސަލާމް ކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ބައެއް މީހުން އަފީފަށް ވަރަށް ހަޑި ހުތުރު ބަހުން ފާޑު ކިޔައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އިރު، އެމީހުންގެ ވިސްނުމުގައި އަފީފަކީ ގައުމަށް ޚިޔާނާތްތެރިވެފައިވާ ބޭފުޅެކެވެ. އަދި ފުލުހުން އަފީފާ ގުޅޭ ގޮތުން ތަހުގީގު ކުރި މައްސަލަތަކުގެ ހަނދާންތައް ޓުވިޓާ މެދުވެރިކޮށް ވަނީ އާންމުކޮށްފަ އެވެ. އަފީފަކީ ހޯމް މިނިސްޓަރުގެ މަގާމު ގާބިލްކަމާއެކު އަދާނުކުރެވުނު ބޭފުޅެއް ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.

އަފީފަށް އިޝާރާތްކޮށް، މުހައްމަދު އާދިލް ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނި ގޮތުގައި އަފީފަކީ ވެރިކަން ލިބުނީމަ "މަތިން ފޭބި" ބޭފުޅެއް ކަމަށެވެ. އެމްޑީޕީ ހާލުގައި އޮތް އިރު، އަފީފަށް ކުރެއްވުނު ކަމެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އަފީފަކީ ފަސާދަ އާއި އަނިޔާވެރިކަމާއި ބިރުވެރިކަން ފެތުރި ބައެއްގެ ނިވަލުގައި މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅެއް ކަމަށް އާދިލް ބުންޏެވެ.

ރޮޒެއިނާގެ ޓުވީޓާއި އަފީފާ ދެކޮޅަށް މީހަކު ކުރި ޓުވީޓެއް.

އޭގެ ރައްދުގައި ރޮޒެއިނާ ވަނީ އެވަރުގެ ބޭފުޅަކަށް މަޖިލިހަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ދިނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން ލަތީފް ޓެގް ކުރައްވައި އެއަށް ޖަވާބުދާރީވެވަޑައިގަތުމަށް ރޮޒެއިން އެދިވަޑައިގަތެވެ. އެކަމަކު ރޮޒެއިނާގެ އެ ސުވާލަށް ހަސަން ލަތީފް ޖަވާބެއް ދެއްވައިފައެއް ނުވެ އެވެ.

ބައެއް މީހުން ތުހުމަތުކުރި ގޮތުގައި ނަޝީދު ބަލިކޮށްލުމުގެ ބޭނުމުގައި ޑީއާރުޕީގެ ތެރެއިން އެމްޑީޕީގެ ތެރެއަށް ވަދެގެން އުޅޭ ބަޔަކު އެބަތިއްބެވެ. އަދި ކިތަންމެ މަސައްކަތެއް ކުރިޔަސް، ޑީއާރުޕީން އެމްޑީޕީ އަށް ބަދަލުވި މީހުންނަށް ފުރުސަތު ނުދޭނެ ކަމަށް އެމީހުން ބުންޏެވެ.

އަފީފާ ދެކޮޅަށް މީހަކު ކުރި ޓުވީޓެއް.

އަފީފާ ދެކޮޅަށް މީހަކު ކުރި ޓުވީޓެއް.

އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންގެ މެދުގައި އަފީފަށް ފާޑު ކިޔުން އިތުރުވި އިރު، ބައެއް މީހުން ޓުވިޓާގައި ވަނީ އަސްލަމްގެ ފަހަތުގައި ތިބި ކަން ހާމަކޮށް ޓްވީޓުކޮށްފަ އެވެ. މަރީ މުހައްމަދު ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނީ ރައީސް ވިދާޅުވިޔަސް، ގާސިމް ދައްކަވާ މަގަކުން ދިވެހިން ނުދާނެ ކަމަށެވެ.

އެމްޑީޕީގެ އެކްޓިވިސްޓަކު ކުރި ޓުވީޓެއް.

އަސްލަމަށް ތާއީދުކޮށް މީހަކު ކުރި ޓުވީޓެއް.

މުހައްމަދު މުއީންގެ ނަމުގައި ޓުވީޓް ކުރި މީހަކު ބުނީ އެމްޑީޕީގެ ވެރިކަން ގަޑުބަޑު ކުރަން އުޅެނީ ރައްޔިތުންނަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށާއި އެމީހުން އުޅެނީ އަމިއްލަ އެދުމައިގެން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އަފީފަށް ތާއީދުކުރަނީ ޖަރީމާތަކުން ސަލާމަތްވާން ކަމަށް އޭނާ ބުންޏެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓު ލޫކަސް ޖަލީލް ކުރި ޓުވީޓެއްގައި ބުނީ މަޖިލިހުގެ ތެރެއިން ހެޔޮ ބަދަލުތަކެއް ގެނައުމަށް އަސްލަމާ އެކު ތިބޭނެ ކަމަށެވެ. މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް ހޮވިވަޑައިގަންނަވާނީ އަސްލަމް ކަމަށް ވެސް އޭނާ ބުންޏެވެ.

ފައިސަލް ނަމުގައި މީހަކު ކުރި ޓުވީޓެއް

އެހެން މީހަކު، ނަޝީދާއި އަސްލަމްގެ ވިސްނުމާއި ފިކުރު ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އޮންނާނެ ކަމަށާއި އެ އަޒުމާއި ހިތްވަރު ގުޑުވާނުލެވޭނެ ކަމަށް ބުނެފައިވެ އެވެ.

ވިލިގިލި ދާއިރާ މެންބަރު ސައުދު ހުސެއިންގެ ޓްވީޓެއް

އަފީފާ ދެކޮޅު ބައެއް މީހުން ހިޔާލު ފާޅުކުރަމުން ބުނީ މަޖިލިހުގެ ބައެއް ކޮމިޓީތަކުގެ މުގައްރިރު ކަން އިދިކޮޅު ފަރާތްތަކަށް ދިނުމަށް އަފީފް ނިންމެވުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ކޮމިޓީތައް ހިސޯރުކުރުމުގެ ފުރުސަތު އޮތް ކަމަށް އެމީހުން ދެކެ އެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސް ހޮވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. އަދި އެމްޑީޕީން ވޯޓު ދޭނެ ބޭފުޅަކު އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ކަނޑައެޅުން އަންނަ ހޯމަ ދުވަހު އޮންނާނެ އެވެ.