12 މާޗް 2023
އެމްޑީޕީގެ ތެރޭގައި އުފެދިފައި އޮތް ހިޔާލުތަފާތުވުމުގައި އެއްވެސް މެމްބަރަކު ޕާޓީން ވަކިވެގެން ދިއުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައި އޮތް ހިޔާލުތަފާތުވުމުގައި އެއްވެސް މެމްބަރަކު ޕާޓީން ވަކިވެގެން ދިއުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަކާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދި އެއްބައިވަންތަކަން ވަނީ ގެއްލިފަ އެވެ. ރިޔާސީ ޕްރައިމަރީއަށް ފަހު ޕާޓީގެ ރައީސް ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ހަރަކާތެއް ފައްޓަވައި ކުރިއަށް އޮތް ރިޔާސީ އިންތިިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުން ވެސް ޕާޓީއާ މެދު ހުރި ހިތްހަމަނުޖެހުންތަކުގައި ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ޕާޓީގެ ސީނިއަ ދެ މެމްބަރުން ކަމަށްވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ޕާޓީން ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއް ކަމަށް ދެއްކެވީ އެމްޑީޕީގެ އަސާސްތަކާ ދެކޮޅަށް ޕާޓީން އަމަލު ކުރަމުން ގެންދިއުމެވެ.
(ކ-ވ) އާދަމް ޝަރީފާއި ބޮންޑޭ އަދި އަފީފް
އަފީފާއި ބޮންޑޭ މަޖިލީހުގައި ފާޅުކުރެއްވި ހިތްހަމަނުޖެހުންތަކާ ގުޅިގެން އަސްލަމް "މިހާރު"އަށް ވިދާޅުވީ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް އެ ބޭފުޅުން އަލުން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށްލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީގެ އެއްވެސް މެންބަރަކު ޕާޓީން ވަކިވެ ދިއުމަކީ ބޭނުންވާ ކަމެއް ނޫން. އަދި ވެސް އެ ދެ ބޭފުޅުންނަކީ އެމްޑީޕީގެ މެންބަރުން. އަޅުގަނޑު އުންމީދު ކުރަނީ ޕާޓީގެ އާންމު މެންބަރުންގެ ރޫހާ އެއްގޮތަށް އެ ދެ ބޭފުޅުން ވެސް އަލުން މަސައްކަތް ކުރައްވަން ފައްޓަވާނެ ކަމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަސްލަމް ވިދާޅުވި އެވެ.
އަފީފާއި ބޮންޑޭ ޕާޓީން ވަކި ވާން ބޭނުންވާ ކަމަށް ވާހަކަ ދެއްކެވީ ސަރުކާރު ފަރާތުން ފުލުހުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކަށް ބަހުސް ކުރައްވަމުން އެކަމާ ހިތްހަމަ ނުޖެހޭކަން ހާމަކުރެއްވުމަށް ފަހު އެވެ.
އަފީފާއި ބޮންޑޭ ވިދާޅުވަނީ އެމްޑީޕީގައި ތިއްބެވުމުގެ ޝައުގެއް ނެތް ކަމަށް! https://t.co/QbHRnpMcAn
— Mihaaru (@Mihaarunews) March 8, 2023
އެމްޑީޕީގެ ޕީޖީން އެ ބިލަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރޭނެ ކަމަށް އަފީފް ވިދާޅުވި އެވެ. އެ ބިލަށް ވޯޓު ނުދީފި ނަމަ އަނެއްކާވެސް ފިޔަވަޅު އަޅާނެ ކަމަށް، މީގެ ކުރިން ވެސް އެމްޑީޕީން ނެރުނު ވިޕްތަކާ ހިލާފުވެގެން އެކި ފިޔަވަޅުތައް އަޅާފައިވާ އަފީފް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަޅުގަނޑަށް އެންމެ ރަނގަޅީ ތިޔަ ޕާލިމެންޓަރީ ގްރޫޕުން އަޅުގަނޑު ވަކިކޮށްދެއްވިއްޔާ،" މަޖިލީހުގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ޕާޓީން ވަކި ކުރުމުގެ ފިޔަވަޅަކީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމީޓިން ނިންމާ ނިންމުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އަދި ޕާޓީން ވަކި ކުރަން އަންގަން ޖެހޭ ހިސާބަށް އަދި ނުދާ ކަމަށެވެ.
އަފީފާއި ބޮންޑޭ އަށް ޕީޕީއެމްގެ ދައުވަތެއް https://t.co/I3HpW4rssG
— Mihaaru (@Mihaarunews) March 8, 2023
އަފީފާއި ބޮންޑޭ ޕާޓީން ވަކިވާން ބޭނުންވާ ކަމަށް ވާހަކަ ދެއްކެވުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވަނީ އެ ދެ މެންބަރުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.
"އަވަހަށް ވަޑައިގަންނަވާ. ދެ އެމްޕީންނަކީ ވެސް ވަރަށް ތަޖުރިބާކާރު ދެ ބޭފުޅުން. މި ވެރިކަން ބަދަލު ކުރުމަށް އެސެޓަކަށް ވާނެ،" އާދަމް ޝަރީފް ޓްވިޓާގައި ވިދާޅުވެފައި ވެ އެވެ.
އެކަމަކު މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ޕާޓީން ވަކިވުމަށް ފަހު އޭނާ ހުންނަވާނީ އެހެން އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ކަމަށެވެ. އެމްޑީޕީގެ ސާފު ތިލަފަތް ފެންނަނީ އޭނާ މަސައްކަތް ކުރައްވާ "ފިކުރުގެ ދިރުމުން" ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ގާތްވެފައި އޮތް އިރު އެމްޑީޕީގެ ތެރޭގައި އުފެދިފައި އޮތް ހިޔާލުތަފާތުވުމަކީ އެ ޕާޓީއަށް ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރަން އޮތް ހުރަހެއްގެ ގޮތުގައި ސިޔާސީ ބައެއް ފަރާތްތަކުން ދެކެ އެވެ. ޕާޓީގެ ރައީސް ގެންދަވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ތާއީދުކުރައްވައި ނުސީދާކޮށް މަސައްކަތް ކުރައްވަމުންނެވެ.
ރިޔާސީ ޕްރައިމަރީގައި އާއްމު މެމްބަރުންގެ ނިންމުން ގަބޫލުނުކުރައްވައި ނަޝީދު ކުރައްވާ މަސައްކަތްޕުޅާ މެދު ޕާޓީގެ މަޖިލިސް ބައެއް މެމްބަރުން ހިތްހަމަޖެހިވަޑައިނުގަތަސް ޕާޓީން އެކަމުގައި މިހާތަނަށް އެއްޗެއް ނުބުނެ އެވެ. އެމަނިކުފާނު ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތް ކުރަން ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެދިވަޑައިގެންފަ އެވެ.
"ނުފޫޒު ފޯރުވަން އުޅުއްވި ވަޒީރުންނަށް ފިޔަވަޅުއެޅޭނެ"
އެމްޑީޕީގެ ބޮޑު ނިންމުން މިރޭ ދަރުބާރުގޭގައި
އެމްޑީޕީގެ 40 އަށް ވުރެ ގިނަ ވޯޓު ލިބޭނެ: އަފީފް
ރައީސްކަމަށް ވާދަވެރިކަން ބޮޑުވެ އަފީފަށް ފާޑުކިޔަނީ
ރައީސްގެ ތާއީދާއި އިތުބާރު އަދިވެސް އެބައޮތް: އަސްލަމް
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބޮޑު ނިންމުން ދުވަހު
މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންމާލައިފި
އެއްވެސް ކަމެއް ކުރާނީ ނަޝީދު ވަކިކޮށްފައި: އެމްޑީޕީ
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
ނަޝީދަށް ސީދާ މެސެޖު ކުރިން، ހައްލު ނުވި: އަސްލަމް