އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ ބޮޑު ނިންމުން މިރޭ ބުރަވާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮޅަށް ހެއްޔެވެ؟ ނުވަތަ ވޯޓުގެ ނަތީޖާ ނުކުންނާނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށް ހެއްޔެވެ؟
27 މެއި 2019
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ ބޮޑު ނިންމުން މިރޭ ބުރަވާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮޅަށް ހެއްޔެވެ؟ ނުވަތަ ވޯޓުގެ ނަތީޖާ ނުކުންނާނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށް ހެއްޔެވެ؟
އެމްޑީޕީ އަށް ސާފު އަޣުލަބިއްޔަތު ލިބިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހޮއްވެވުމަކީ ވިލުފުށި ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ވުރެ ވަކި ގާބިލް ބޭފުޅަކު ނެތެވެ.
ވަރަށް ސާފެވެ. މަޖިލީހުގެ ރައީސް ހޮވުމުގައި ދެ ރައީސުންގެ ޗޮއިސް ތަފާތެވެ؛
މި ހިޔާލު ތަފާތުވުން، ޕާޓީ ތެރެއަށް ފޭދި، ފަސްޖެހުމެއް ނެތި، ޕާލަމެންޓްރީ ގްރޫޕް ނިކަން ރަނގަޅަށް ދެ ބަޔަށް ބެހިލައިފި އެވެ. އެންމެ ތަންފުކެއް ވެސް ދޫދިނުމެއް ނެތެވެ. މަޖިލީހުގެ ރައީސަކަށް އަފީފް ގާބިލް ނޫން ސަބަބުތައް، ނަޝީދު ބޭނުންފުޅުވާ ގޮތަށް ވޯޓު ދެއްވާނެ މެމްބަރުން ތިލަކޮށްދެއްވައިފި އެވެ. ޑިމޮކްރަސީ އަކީ ހިތުރުހުރި އެއްޗެއް އަމިއްލަ ޕާޓީ މީހާއާ ދިމާއަށް ގޮވައި، ފަލީހަތް ކުރުން ވެސް މައްސަލައެއް ނޫން ކަމަށް ދެކިގެންނެވެ. ހަމަ އެގޮތަށް، އަސްލަމްގެ އުނި ސިފަތައް ވެސް އެ މޭރަމުން، ހާމަކޮށްފި އެވެ.
އެއް ބަޔަކު އަނެއް ބަޔަކަށް ކޯޅި، ބަހުގެ ހަމަލާތައް ބަދަލުކުރުމަށް ފަހު، ވޯޓުގައި މޮޅުވާނެހާ ގޮތަކަށް ހިސާބު ވެސް ޖަހައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ތިއްބެވި މެމްބަރުންނަށް އޮތް ޔަގީން ކަމަކީ، ޕީޖީގެ ގިނަ މެމްބަރުން ރައީސްގެ ވިސްނުންފުޅާ ދެކޮޅު ނުހައްދަވާނެ ކަމެވެ. ރައީސަށް ކުރައްވާ އިހުތިރާމް އެގޮތުގައި ދަމަހައްޓާނެ ކަމެވެ.
ނަޝީދާއި އެމަނިކުފާނުގެ ޓީމުން ތިބީ ޕާލަމެންޓްރީ ގްރޫޕްގެ ވޯޓު ބުރަވާނީ އަސްލަމަށް ކަމަށް ނިންމައިގެންނެވެ. އެމްޑީޕީގައި އޮތް ނަޝީދުގެ މަގުބޫލުކަން މިރޭގެ ވޯޓުން ފެންނާނެ ކަމަށް ސަޕޯޓަރުން ޔަގީންކުރެ އެވެ.
އަސްލަމާއި އަފީފް ވެސް ވިދާޅުވަނީ، ބޭނުންވާ އަދަދަށް ވޯޓު ކަށަވަރުވެއްޖެ ކަމަށެވެ. އަދަދުތަކުން މި ވާހަކަ ސާފުވާނީ، ދަރުބާރުގޭގައި މިރޭ ނަގާ ވޯޓުގެ ނަތީޖާ އިންނެވެ.
މި ވޯޓަކީ، އެމްޑީޕީ އަށް ބޮޑު އިމްތިހާނެކެވެ. މީގެ ކުރިން ނެގި ވޯޓުތަކުގައި ވެސް އެއް ބަަޔަކު އަނެއް ބަޔަކަށް ހިޔާލުތަފާތުވުން އުފެދިފައިވެ އެވެ. އެކަމަކު މި ދަރަޖައަކަށް ނޫނެވެ. މި ވޯޓާ ގުޅިގެން މިހާ ހިޔާލުތަފާތުވުން ބޮޑުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ދެ ނަމެއް އިޚްތިޔާރު ކުރެއްވުމުންނެވެ.
މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގެންނެވި އެމްޑީޕީގެ ބޭފުޅުން. (ކ-ވ) މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އިންތިޚާބީ މެމްބަރު މުހައްމަދު އަސްލަމް އަދި އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް. --- ފޮޓޯ: މިހާރު
އާރާއި ބާރުވެރި ކަމުގައި އޮތް އެމްޑީޕީގެ ވޯޓު މިރޭ ނިމޭނީ ރަސްމީކޮށް ދެ ފެކްޝަން އުފަންވެގެން ހެއްޔެވެ؟ މިއީ، އެމްޑީޕީން މިހާތަނަށް ތަޖުރިބާކުރި ކަމެއް ނޫނެވެ. ޕާޓީ ނިކަމެތިވާ ހާލަތުގައި ވެސް އެމްޑީޕީގެ އަޒުމަކީ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގަތުމެވެ. ސިޔާސީ މައިދާނުގައި، އެ ޕާޓީގެ ކާމިޔާބީއަކީ ވެސް އެ އެވެ.
ފެކްޝަންތައް، އެމްޑީޕީ ތަޖުރިބާ ނުކުރިއަސް، އެއީ ސިޔާސީ މަސްރަހުގައި އާ ކަމެއް ނޫނެވެ. ފެކްޝަންތަކުގެ ނަތީޖާ އިން ޕީޕީއެމަށް ވީ ގޮތް އެ އޮތީ ފެންނާށެވެ.
އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެ ބިރުވެރިކަމެއް އެމްޑީޕީގެ ތެރެއަކު ނޯންނާނެ އެވެ. އެ ޕާޓީ އޮތީ އެއަށް ވުރެ މާބޮޑަށް ތަސައްރަފު ފުދިފަ އެވެ. ތަބަވާ ހަމަތަކާއި އުސޫލްތަކެއް ދޫކޮށްލެއް ނުލާނެ އެވެ.
ނަން ހާމަނުކުރަން އެދިވަޑައިގެން ވާހަކަ ދެއްކެވި އެއް ބޭފުޅަކު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ނިންމުންތަކުގައި ހިޔާލުތަފާތުވުން އުފެދުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެއީ، ޑިމޮކްރަސީގައި ކަން ހިނގާ އުސޫލް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޯޓު މިރޭ ނިމޭއިރު އެމްޑީޕީ އޮންނާނީ މޮޅުވެފަ އެވެ.
"ހިޔާލުތަފާތުވުން ދެމިއެއް ނޯންނާނެ، ވޯޓު ނިމޭއިރު އެމްޑީޕީ އޮންނާނީ މޮޅުވެފައި،" އޭނާ ވިދާޅުވި އެވެ.
އެ ބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި، ރައްޔިތުން ވޯޓު ދިން މަގްސަދު، އެމްޑީޕީން ހޮވިވަޑައިގަތް މެމްބަރުންނަށް އޮޅިވަޑައިގެންފައެއް ނޯންނާނެ އެވެ. މަޖިލީހަށް ރައްޔިތުން ހޮވީ، ޑިމޮކްރަސީއާ ރައްޓެހި، ކަން ހިނގާ އުސޫލް އެނގިވަޑައިގަންނަވާ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ވެސް ފެންނާނީ އެމްޑީޕީ ތެރޭގައި ރީތި އުސޫލުން ކަންކަން ނިމިގެންދާ ތަން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އިސް ބޭފުޅުން މިގޮތަށް ވިދާޅުވި ނަމަވެސް މަސްރަހު ސާފުވެ، ޕާޓީގެ މިސްރާބު ބައްޓަންވާނެ ގޮތް ވެސް ކަނޑައެޅޭނީ މިރޭގެ ވޯޓުގަ އެވެ. އެހެންކަމުން، މިރޭ ވޯޓަކީ އެމްޑީޕީ އަށް ކުޑަ އިމްތިހާނެއް ނޫނެވެ. މިހާ ބޮޑަށް ޒާތީވެ، އަމިއްލަ ޕާޓީ ތެރެއިން އެއް ބަޔަކު އަނެއް ބަޔަކު ފަލީހަތް ކުރި ފަހަރެއް އެމްޑީޕީ ތަޖުރިބާއެއް ނުކުރެ އެވެ. އެއާ އެކު، މިރޭގެ ނަތީޖާ އަށް މުޅި ގައުމު ވެސް އިންތިޒާރުކުރާ ސަބަބެއް ވެސް އެބައޮތެވެ. އެއީ މި ވޯޓަކީ އެ ޕާޓީގެ ތެރޭގައި އެންމެ މަގުބޫލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްތޯ ނުވަތަ ނަޝީދުތޯ ކަނޑައަޅާނެ ކަމަކަށް ވާނެތީ އެވެ. އެއީ ވެސް އެއް ބަޔަކު ދެކޭ ގޮތެވެ.
އެމްޑީޕީގެ ބޮޑު ނިންމުން މިރޭ ދަރުބާރުގޭގައި
އަމިއްލަ ޕާޓީގެ މީހާ "ހަވަރަށް"!
ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން: ރައީސް
ބާގަނޑު ބޮޑުވެ، ސުޕަ މެޖޯރިޓީ ގެއްލެނީތަ؟
ނަޝީދު ނޫން ހައްލެއް ނުފެނުނު؟
"ނުފޫޒު ފޯރުވަން އުޅުއްވި ވަޒީރުންނަށް ފިޔަވަޅުއެޅޭނެ"
އަސްލަމް ގަބޫލުކުރައްވަނީ އެންމެ ގާބިލީ އޭނާ ކަމަށް!
ވޯޓު، ތަރައްގީއާ ގުޅުވުމުން އީވާ ހިތްހަމަނުޖެހިއްޖެ
އާ މަޖިލީހުގެ ރައީސް އިންތިޚާބުކުރުން އަންގާރަ ދުވަހު
ރައީސްގެ ތާއީދާއި އިތުބާރު އަދިވެސް އެބައޮތް: އަސްލަމް