Roadha Mihaaru

އަސްލަމް ގަބޫލުކުރައްވަނީ އެންމެ ގާބިލީ އޭނާ ކަމަށް!

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ސިޔާސީ އެތެރެކޮއިލު" ގެ އިސް އެއް ބޭފުޅާ އެވެ. މިދިޔަ މަހު އޮތް އާންމު އިންތިޚާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގެ ކެމްޕެއިންގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ވަކި ބޭފުޅެއްގެ ނަން ފާހަގަކުރައްވައި ވޯޓު ދިނުމަށް ނަޝީދު ފާޅުގައި އެދިވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ވެސް އަސްލަމެވެ. އެހާ އިތުބާރު ކުރައްވަ އެވެ. ގާތެވެ. އެކަމަކު، އަސްލަމް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އޭނާ ހޮވުނަސް، ކިތަންމެ ގާތަސް ކަންކަން ކުރައްވާނީ އުސޫލުގެ ތެރެއިން ކަމަށެވެ. ޒާތީ މަސްލަހަތު ކުރިއަށް ނެރެ، ގާތް ބޭފުޅުން ކަމަށް ވިޔަސް ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން އޭނާގެ ރިޔާސަތަކުން ޖާގައެއް ނެތެވެ.

އަސްލަމް ގަބޫލުކުރައްވަނީ އެންމެ ގާބިލީ އޭނާ ކަމަށް!
އަހުމަދު ހަމްދޫން
އަހުމަދު ހަމްދޫން

27 މެއި 2019

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ސިޔާސީ އެތެރެކޮއިލު" ގެ އިސް އެއް ބޭފުޅާ އެވެ. މިދިޔަ މަހު އޮތް އާންމު އިންތިޚާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގެ ކެމްޕެއިންގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ވަކި ބޭފުޅެއްގެ ނަން ފާހަގަކުރައްވައި ވޯޓު ދިނުމަށް ނަޝީދު ފާޅުގައި އެދިވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ވެސް އަސްލަމެވެ. އެހާ އިތުބާރު ކުރައްވަ އެވެ. ގާތެވެ. އެކަމަކު، އަސްލަމް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އޭނާ ހޮވުނަސް، ކިތަންމެ ގާތަސް ކަންކަން ކުރައްވާނީ އުސޫލުގެ ތެރެއިން ކަމަށެވެ. ޒާތީ މަސްލަހަތު ކުރިއަށް ނެރެ، ގާތް ބޭފުޅުން ކަމަށް ވިޔަސް ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން އޭނާގެ ރިޔާސަތަކުން ޖާގައެއް ނެތެވެ.

"ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަންކަން ކުރައްވަން ޖެހެނީ ގާނޫނުއަސާސީ އާއި އެ އޮންނަ އުސޫލުތަކުގެ ތެރެއިން. އެކަން އެ އޮތީ ލިޔެފައި. އެކަން އެހެން އޮއްވައި، އަޅުގަނޑުގެ އެއްބަނޑު މީހަކު ނުވަތަ ގާތްތިމާގެ މީހަކު، ރައްޓެއްސަކަށް ފޯރުވޭނެ އެއްވެސް ނުފޫޒެއް ނޯންނާނެ،" މާދަމާ ރެއިން ފެށިގެން ރައްޔިތުންގެ މަޖިލިހުގެ ހަތަރު ވަނަ ދައުރު ގުނުއްވަން ފައްޓަވާ އަސްލަމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ނަޝީދުގެ މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތުގައި ކަމަށް ވާއިރު، ގާނޫނާއި ގަވާއިދާއި އުސޫލުތަކުގެ ބޭރުން އެމަނިކުފާނު ފުރުސަތެއް ނުދެއްވާނެ އެވެ. ޚާއްސަކޮށް އާންމު އިންތިޚާބަށް އެމްޑީޕީން ނުކުތީ "އެޖެންޑާ 19" ގެ ދަށުން ކަމަށް ވާއިރު ސަރުކާރުން ފޮނުވާ ބިލްތައް ވެސް ފަރުމާ ކުރާނީ އޭގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސަކީ އުސޫލުން ބޭރުވާނެ ބޭފުޅެއް ނޫން

އަސްލަމް ވިދާޅުވާ ގޮތުގައި އޭނާ އަށް މަޖިލިހުގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ އެންމެ ބޮޑު ފަސޭހައަކަށް ވާނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އުސޫލެއްގައި ހުންނަވާ ބޭފުޅަކަށް ވާތީ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިމުގެ ތެރޭގައި މަސައްކަތް ކުރައްވާނެ ބޭފުޅަކަށް ވުމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މެދުވެރި ކުރައްވައި ހަރުކަށި އުސޫލު މެމްބަރުންގެ މައްޗަށް ފޯރުވި ނަމަވެސް މިހާރުގެ ސަރުކާރަކީ އެ މަގުން ދާނެ ބަޔަކަށް ނުވުމަކީ އެންމެ ބޮޑު ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ޔަގީން އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅެއް ނުވާނެ މަޖިލިހުގެ ކަންކަން އުސޫލުން ބޭރުން ގެންދަން. އެހެންވީމާ ފުރަތަމަ ކަމަކަށް އެ ސުވާލު އުފެދިގެން ވެސް ނުވާނެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސީ ހަޔާތްޕުޅު އެއްކޮށް ހޭދަކުރެއްވީ މި އިސްލާހީ މަސައްކަތުގައި. ދެން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ހިތު ހުރިހާ ގޮތަކަށް ކަންކަން ކުރައްވަން އުޅުއްވާނެ ކަމަކަށް ގަބޫލެއް ނުކުރަން،" މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ވުމަކީ ކޮންމެ ކަމެއް ބޭނުން ގޮތަކަށް މަޖިލިހުގެ ތެރެއިން ކުރުން ކަމަށް ވެދާނެތޯ ދެންނެވުމުން އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާ އަކީ ވެސް ވަކި އުސޫލެއްގެ ތެރޭގައި އަބަދުވެސް ހުންނަވާ ބޭފުޅަކަށް ވާތީ ގާނޫނާއި ގަވައިދުގެ ބޭރުން ދުވަހަކު ވެސް އަމަލު ނުކުރައްވާނެ ކަމަށެވެ.

ދޫ ދޭންޖެހޭ ސަބަބެއް ނެތް، އެވަރުގެ ގާބިލް ބޭފުޅެއް ވެސް ނެތް

މީގެ 14 އަހަރު ކުރިން ފެށިގެން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރައްވާ އަސްލަމް، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ވާދަކުރައްވާއިރު، މިއީ ވާދަވެރިކަން ބޮޑު ވޯޓެކެވެ. އާ މަޖިލިހުގެ ފުރަތަމަ މާދަމާ ރޭ ބާއްވައި މަޖިލިހުގެ ރައީސަކު ހޮވާނެ އެވެ. މިއީ ފަހުގެ ތާރީޚެއްގައި މިހާ ވާދަވެރިކަން ބޮޑު މިފަދަ ރޭހެވެ. ހާއްސަކޮށް އެއް ޕާޓީއެއްގެ ތެރެއިން އެވަރުގެ ވާދަވެރިކަމެއް މީގެ ކުރިއަކުން ނުފެނެ އެވެ.

އެ ރޭހުގައި އަސްލަމާ ދެން ވާދަކުރައްވަނީ ވިލުފުށި ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފެވެ. އޭނާގެ ފަހަތުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަސްލަމާ އެކު ހުންނެވީ ނަޝީދެވެ. އެހެންވީމާ މިއީ ސިޔާސީ ގޮތުން އަސްލަމަށް ވެސް ކުރިމަތިވާ ބޮޑު އިމްތިހާނެކެވެ.

އެއް ބަޔަކު ދެކެނީ ރައްޔިތުންގެ މަޖިލިހަކީ ސަރުކާރު ދަމަހައްޓަން ޖެހޭ ތަނެކޭ. އަނެއް ބަޔަކު ދެކެނީ ސަރުކާރު ވައްޓާލަން ނުވަތަ ސަރުކާރާ އިދިކޮޅަށް ތިބެން ޖެހޭ ބައެކޭ. މި ދެ ބައެއް ވެސް ނޫން ރައްޔިތުންގެ މަޖިލިހަކީ. ހަގީގަތުގައި ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުން ބޭނުންވާ ގޮތް ދައްކާ ތަނެއް. އެކަން އަޅުގަނޑު ދަމަހައްޓާނަން،" އަސްލަމް

އަސްލަމް ވިދާޅުވި ގޮތުގައި، މަޖިލިހުގެ ރައީސްކަމުގެ އިންތިޚާބުން އޭނާ ފެއަށް ޖެހިވަޑައިގަންނަވާ ފަދަ އެއްވެސް ކަމެއް ނެތެވެ. އޭނާއާ އެއްވަރުގެ ގާބިލް ބޭފުޅަކު ވެސް އަދި މި ރޭހުން ފެންނާކަށް ނެތެވެ.

"އަޅުގަނޑު އެ ބޭފުޅެއްގެ ފަހަތަށް އަރަން ޖެހޭ ވަރުގެ ބޭފުޅަކު ވެސް އަދި ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރާއި ޔަގީންކަން އޭނާ އަށް އެބަ އޮތް ކަމަށެވެ. އެމަނިކުފާނު ސިޔާސީ ގޮތުން ގޯހެއް ނުހައްދަވާނެ ކަމަށް ވެސް ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑު ވަރަށް ތަފާތުވާނެ"

ރައްޔިތުންގެ މަޖިލިހުގެ ރައީސުން މިހާތަނަށް އަމަލުކުރެއްވި ގޮތުގެ ތަޖުރިބާ އަށް ރިއާޔަތް ކުރައްވައި އަސްލަމް ވިދާޅުވަނީ، އޭނާ އަށް ރިޔާސަތު ކާމިޔާބު ވެއްޖެ ނަމަ "ވަރަށް ތަފާތުވާނެ" ކަމަށެވެ. މެމްބަރުންގެ އިމްތިޔާޒުތައް ގެއްލިޔަ ނުދެއްވާނެ އެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ރައްޔިތުން ތަމްސީލްކުރާ މައިގަނޑު ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވާއިރު، މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާ ބޭފުޅަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުން އެދޭ ފަދަ މަޖިލިހަކަށް ވުން ވަރަށް މުހިންމު. ރައްޔިތުން ހޮވާފައި މަޖިލިހަށް މެމްބަރުން ފޮނުވީމާ އެ ހިސާބުން ނިމުނީ ކަމަށް މަޖިލިހުގެ ރައީސް ވެސް ބަލައިގެން ނުވާނެ. މެމްބަރުން ވެސް އެހެން ބަލައިގެން ނުވާނެ. ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުންގެ ގެ ކަމަށް ބަލައިގެން ރައްޔިތުންގެ ޝުއޫރާ އެއްގޮތަށް ކަންކަން ނިމޭ ތަނަކަށް އެ ތަނުން ކަންކަން ނިންމަން ޖެހޭނެ،" އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ރިޔާސަތުގައި އެކަންކަން ފަހިވާނެ."

އަސްލަމް ވިދާޅުވި ގޮތުގައި އޭނާ މަޖިލިހުގެ ރައީސަކަށް ހޮވައިފި ނަމަ އަވަސްއަރުވާލައިގެން ކަންކަން ކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަވާނެ އެވެ. މަޖިލިހަށް ހެނދުނު ފޮނުވާ ބިލްތައް ރޭގަނޑު ފާސްކުރާ އުސޫލު ނައްތާލަން ބޭނުންވެ އެވެ.

"އަވަސް އަރުވާލައިގެން ނިންމާފައިވާ ބިލްތަކުން މާ ބޮޑެތި ފައިދާތަކެއް ވެފައިވާ ތަނެއް ވެސް ނުފެނޭ. ކޮންމެވެސް ނާޖާއިޒު ކަމެއް ހާސިލް ކުރަން އެހެން [ބިލްތައް] ފާސްކުރަނީ. ބިލްތަކާ މެދު މަޖިލިހުގައި ރަނގަޅަށް ބަހުސްކޮށް، ރަނގަޅަށް މައުލޫމާތު ހޯދައިގެން، ކޮމިޓީ މަރުހަލާގައި ވެސް ފަންނީ އިރުޝާދު ހޯދައިގެން ފުރިހަމަ އަށް ބިލްތައް ފާސްވާން ޖެހޭނެ. ކޮމިޓީތައް ސިއްރު ކުރުމުގެ ބަދަލުގައި ވީހާ ވެސް ބޮޑަކަށް ހާމަވާން ޖެހޭނެ. އެކަންކަން އަޅުގަނޑަށް ފުރުސަތު ލިބިއްޖެ ނަމަ އިރާދަކުރެއްވިއްޔާ ފެންނާނެ،" އަސްލަމް ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދާއި އަސްލަމް ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކުރީގެ ރައީސް ނަޝީދާއި އަސްލަމް ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި މަޖިލިހުގައި އިތުރު ދާއިމީ ކޮމިޓީތަކެއް އުފައްދަން ބޭނުންވެ އެވެ. އޭގެ ތެރޭގައި އިންސާނީ ހައްގުތަކާއި ތިމާވެއްޓާއި ދެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ދާއިމީ ކޮމިޓީ އުފަންކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުއްވާ ރިޕޯޓުތަކުގައި ހުރެދާނެ ރިކޮމެންޑޭޝަންތަކެއް. އެ ރިކޮމެންޑޭޝަނާ އެއްގޮތަށް ސަރުކާރުން ނުވަތަ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ފިޔަވަޅު އެޅުއްވިތޯ އެ ކޮމިޓީން ބަލާނެ. ޖަލާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން އެންގި ގޮތަށް ކަރެކްޝަނަލް ސާވިސް އިން އަމަލު ކުރެއްވިތޯ، އިންސާނީ ހައްގުތައް ރައްކާތެރި ކުރެވޭތޯ ބަލަން ޕާލަމެންޓްރީ ކޮމިޓީއެއް އޮތުމަކީ މުހިންމު ކަމެއް. އެ ޖާގަ ދޭން އަޅުގަނޑު ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ކުރުމަށްޓަކައި މަޖިލިހުގެ ކޮމިޓީ މަރުހަލާގެ ކަންކަން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އެހެންވެ، ކޮމިޓީތަކުގެ މަސައްކަތްތައް ބަރާބަރަށް ކުރިއަށް ގެންދިއުމާއި ފާސްކުރާ މައްސަލަތައް މަޖިލިހަށް ފޮނުވުމާއި މަސައްކަތް ނުނިމޭ ނަމަ އެކަން ނުވާ ސަބަބު މަޖިލިހުގެ ރައީސް ބައްލަވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ރޭ ބޭއްވި ހަފުލާގައި އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ރޭ ބޭއްވި ހަފުލާގައި އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އާންމުން ބައެއް ކަންކަމާ ގުޅޭ ގޮތުން ކޮމިޓީތަކަށް ފޮނުވާ ސިޓީތައް އެބަ ހުއްޓޭ ބަލައިނުލައި އެތައް ދުވަހެއް ވެފައި. މުގައްރިރު ބޭނުންވެދާނެ ކަމުގެ ބާވަތުން އެ ސިޓީ ކޮމިޓީ އަށް ނުގެންނަން. އެހެންވެ ސިޓީތަކަށް ޖަވާބު ނުދެވި ވެސް އެބަހުރި. ރަނގަޅަށް މަޖިލިސް ހިންގަން ބޭނުން ނަމަ މި ކަންކަން ހަމަޔަކަށް އަޅުވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ވަކި ފަރާތަކަށް ނުޖެހި މަޖިލިހުގެ ރައީސްކަން ކުރައްވާނެ ބޭފުޅަކު ހޮވާ ނަމަ އެއީ އޭނާ ކަމަށް. ރައްޔިތުންގެ މަޖިލިސް ރަނގަޅަށް ކުރިއަށް ގެންދަން ބޭނުން ނަމަ އެންމެ ގާބިލް ބޭފުޅަކީ ވެސް އެއީ ކަމަށް އަސްލަމް ގަބޫލު ކުރައްވާ.

ވާދަވެރި ވޯޓުން ކާމިޔާބުވެއްޖެ ނަމަ އަސްލަމް ކުރައްވަން ބޭނުންވާ އެއް ކަމަކީ މަޖިލިހުގެ މައިނޯރިޓީ އަށް ވެސް އެކަށީގެންވާ ފުރުސަތު ފަހިވާ ގޮތަށް ބަހުސް މަރުހަލާ އަށް ޖާގަ ދެއްވުމެވެ. އެއާ އެކު ދެން އޭނާ ޔަގީންކަން ދެއްވަނީ މަޖިލިހަކީ ރައްޔިތުން ބޭނުންވާ ކަންކަން ކުރާނެ ތަނަކަށް ހެދުމަށެވެ.

"ރައްޔިތުންގެ މަޖިލިހުގެ ކަންކަން މާނަކުރާ ގޮތް ބަޔަކު އޮޅުވާލަނީ ހަގީގަތުގައި. އެއް ބަޔަކު ދެކެނީ ރައްޔިތުންގެ މަޖިލިހަކީ ސަރުކާރު ދަމަހައްޓަން ޖެހޭ ތަނެކޭ. އަނެއް ބަޔަކު ދެކެނީ ސަރުކާރު ވައްޓާލަން ނުވަތަ ސަރުކާރާ އިދިކޮޅަށް ތިބެން ޖެހޭ ބައެކޭ. މި ދެ ބައެއް ވެސް ނޫން ރައްޔިތުންގެ މަޖިލިހަކީ. ހަގީގަތުގައި ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުން ބޭނުންވާ ގޮތް ދައްކާ ތަނެއް. އެކަން އަޅުގަނޑު ދަމަހައްޓާނަން،" އަސްލަމް ވިދާޅުވި އެވެ.

ކީއްވެ އަސްލަމް؟

އަސްލަމް ވިދާޅުވާ ގޮތުގައި އޭނާ މަޖިލިހުގެ ރައީސަކަށް ހޮވަން ޖެހެނީ ތަޖުރިބާ އާއި ހަމަހަމަކަމާއި އިންސާފަށް ލޯބިކުރުމުގެ ރެކޯޑަށް ބެލުމަށް ފަހު އެވެ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ފިޔަވައި މަޖިލިހުގައި މެދުނުކެނޑި މިހާރު އެންމެ ދުވަސްވީ ބޭފުޅަކީ އޭނާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އަބަދުވެސް ރައްޔިތުން ބާރުވެރި ކުރުވަން ބޭނުންވާ މީހެއް. އަޅުގަނޑަކީ އަބަދުވެސް އިންސާނީ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނަގަހައްޓައި ދަމަހައްޓަން ބޭނުންވާ މީހެއް. އަޅުގަނޑުގެ ހަޔާތުގައި އަޅުގަނޑުގެ މިންވަރުން އެގޮތުގެ މަތީގައި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ ދިމާއަށް ކޮރަޕްޝަނާއި ފަސާދައޭ ކިޔައިގެން އިނގިލި ދިއްކުރެވޭކަށް ނޯންނާނެ. އަޅުގަނޑުގެ ހަޔާތުގައި މާޒީން ވެސް އެކަން ނުފެންނާނެ. އަޅުގަނޑު ތަފާތު ވަނީ މިހެންވެ."

އަސްލަމް ވިދާޅުވީ، ވަކި ފަރާތަކަށް ނުޖެހި މަޖިލިހުގެ ރައީސްކަން ކުރައްވާނެ ބޭފުޅަކު ހޮވާ ނަމަ އެއީ އޭނާ ކަމަށެވެ. ރައްޔިތުންގެ މަޖިލިސް ރަނގަޅަށް ކުރިއަށް ގެންދަން ބޭނުން ނަމަ އެންމެ ގާބިލް ބޭފުޅަކީ އެއީ ކަމަށް އަސްލަމް ގަބޫލު ކުރައްވަ އެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާ އަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ބޭއްވި ހަފުލާގައި ނަޝީދާއި އަސްލަމް އަދި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒް.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާ އަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ބޭއްވި ހަފުލާގައި ނަޝީދާއި އަސްލަމް އަދި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒް.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

މީގެ އިތުރުން މަޖިލިހުގައި ސިޔާސީ ޒުވާބު ކުރުމާއި ބޭކާރު ކަންކަމުގެ ތެރޭގައި ނޫޅުއްވުމަކީ ވެސް އަސްލަމް ވިދާޅުވާ ގޮތުގައި އޭނާ މަޖިލިހުގެ ރައީސަކަށް ގެންނަންޖެހޭ އެއް ސަބަބަބެވެ.

"މަޖިލިހަކީ މަޝްވަރާގެ ރީތި އުސޫލުން ކަން ކުރަންޖެހޭ ތަނެއް. އެ ގާބިލްކަމާއި ކެރުން އަޅުގަނޑު ކިބައިގައި ހުންނާނެ. ހުރިހާ ފިކުރަކާ އެކު ވެސް އަޅުގަނޑަށް އުޅެވޭނެ،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މިހާރުގެ ލީޑަރު އަދި އެ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރިން ކުރެއްވި އަސްލަމް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި "ވަށައި އުސްފާރު" ރާނާފައިވާ ތަނަކަށް މަޖިލިސް ވުމުގެ ބަދަލުގައި ރައްޔިތުންނާ ގާތް ތަަނަކަށް އެ ތަން ހަދަންޖެހެ އެވެ. ނޫސްވެރިންނަށް ގާތް ތަނަކަށް އެ ތަން ހަދަންޖެހެ އެވެ.

"ނޫސްވެރިންނަށް ވެސް މަޖިލިހުގެ އިދާރާގެ ތެރޭގައި އަބަދުވެސް ހަރަކާތްތެރިވެވެން ޖެހޭ. ނޫސްވެރިން މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދެނީ. އެހެންވީމާ ނޫސްވެރިންނަށް ވެސް އެޓްރެކްޓިވް އަދި އާންމުން ވެސް އެޓްރެކްޓިވް ތަނަކަށް މަޖިލިސް ވާން ޖެހެނީ. އެކަމަށް އަޅުގަނޑު ފޯކަސް ކުރާނަން،" އަސްލަމް ވިދާޅުވި އެވެ.