Roadha Mihaaru
ސަސްޕެންޑް ކުރި ޖަލު އޮފިސަރު އަލުން ވަޒީފާ އަށް

ގައިދީ ދޫކޮށްލި މައްސަލާގައި ސަސްޕެންޑްކުރި އޮފިސަރު އަލުން ވަޒީފާ އަށް ނުކުމެއްޖެ

30 ޖޫން 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފު ދެއްވާފައި ނުވާ ގައިދީއަކު ޖަލުން ދޫވި މައްސަލައިގައި ސަސްޕެންޑް ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރު، މިދިޔަ ބުރާސްފަތި ދުވަހު އަލުން ވަޒީފާ އަށް ނުކުމެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފު ދެއްވާފައި ނުވާ ގައިދީއަކު ޖަލުން ދޫވި މައްސަލައިގައި ސަސްޕެންޑް ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރު، މިދިޔަ ބުރާސްފަތި ދުވަހު އަލުން ވަޒީފާ އަށް ނުކުމެއްޖެ އެވެ.

މޭ މަހުގެ 23 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައިވަނީ ކުށްވެރިން ދޫކުރުމަށް ޗިޓް ހަދާ ކަރެކްޝަންސްގެ އޮފިސަރެވެ. ނުބައިކޮށް ޗިޓް ހެދުމުގެ ސަބަބުން ޖަލުން ދޫވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ. އެއީ، ރައީސަށް މާފު ނުދެއްވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކުށެކެވެ. ފަހުން ވަނީ އެ މީހާ ހައްޔަރުކޮށްފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މިދިޔަ ބުރާސްފަތި ދުވަހު އަލުން ވަޒީފާ އަށް ނުކުމެފައި ވަނީ އެ ސާވިސްގެ ގަވައިދު ބުނާގޮތުން މުވައްޒަފެއް ސަސްޕެންޑް ކޮށްފައި ބެހެއްޓޭނީ ގިނަ ވެގެން 21 ދުވަސް ކަމުގައިވާތީ އެ މުއްދަތު ހަމަވުމުން ކަމަށެވެ.

ކުރިން ހެޑް އޮފީހުގައި މަސައްކަތް ކުރި އެ އޮފިސަރު އަލުން ވަޒީފާ އަށް ނެރެފައިވަނީ މާލޭ ޖަލަށެވެ.

ރައީސް މާފު ނުދެއްވާ ގައިދީއަކު ދޫކޮށްލި މައްސަލަ ފުލުހުންނާއި ކަރެކްޝަންސް އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކަރެކްޝަނަލް ސާވިސަސްގެ ޑިސިޕްލިނަރީ ބޯޑުން މީގެ ކުރިން ވަނީ އެ މައްސަލައިގައި އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ މުހައްމަދު ތޮލާލާއި ޗިޓް ތައްޔާރުކުރި އޮފިސަރުގެ މަގާމު ދަށްކުރަން ލަފާ ދީފަ އެވެ. ނަމަވެސް ކޮމިޝަނާ އޮފް ޕްރިޒްންސް އަބްދުﷲ މުނާޒު ވަނީ އެ ނިންމުން އަލުން މުރާޖާ ކުރަން އަންގައިފަ އެވެ. އޭގެ ފަހުން އަދި ވަކިގޮތެއް ނުނިންމަ އެވެ.

ކުށްވެރިޔާ ދޫވާނީ ޑިޕާޓްމެންޓުގެ އިސް ވެރިޔާ މުހައްމަދު ތޮލާލާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ޗިޓުގައި ސޮއި ކުރެއްވުމުންނެވެ.

މިކަމުގައި މުނާޒާއި ތޮލާލްގެ ވެސް މަސްލަހަތު ހިމެނޭތީ، ތަހުގީގުގައި ދެ މީހުންގެ ވެސް ދައުރެއް ނޯންނާނެ ކަމަށް ކަރެކްޝަނަލް ސާވިސަސް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވެސް މާފު ނުދެވޭ ކުށްތަކުގައި ހިމެނޭ ނުވަ ގައިދީއަކު ދޫވި ކަމުގެ އަޑު ފެތުރުނެވެ. ކަރެކްޝަންސް އިން އެކަން ދޮގުކުރިޔަސް ހޯމް މިނިސްޓްރީން ބުނެފައިވަނީ އެކަން ސާފުވާނީ ގައިދީ ދޫވި މައްސަލައިގައި ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހުގީގު ނިމުމުން ކަމަށެވެ.