Roadha Mihaaru
ރާއްޖެއިން ބޭރަށް ގުޅުން ޖަލު ގައިދީންނަށް މަނާކޮށްފި

ރާއްޖެއިން ބޭރަށް ގުޅުން ޖަލުގައި ތިބޭ ގައިދީންނަށް މަނާކޮށްފި

16 ޖެނުއަރީ 2018

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ރާއްޖެއިން ބޭރުގެ ނެޓްވޯކްތަކަށް ގުޅުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މަނާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ރާއްޖެއިން ބޭރުގެ ނެޓްވޯކްތަކަށް ގުޅުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މަނާކޮށްފި އެވެ.

އެ އިދާރާއިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގައިދީންނަށް ފޯން ކޯލް ދޭނީ ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭ ފަރާތްތަކުގެ ނަންބަރުތަކަށް އެކަނި ކަމަށެވެ.

ގައިދީންނަށް ހަމައެކަނި ދިރާގާއި އުރީދޫގެ ނަންބަރުތަކަށް ގުޅޭ ގޮތަށް ހެދީ ޖަލުތަކާއި ޕްރޯލް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި، ފޯން ކޯލް ދިނުމަށް ރަޖިސްޓަރީ ކުރާ ނަންބަރުތަކަކީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ދޭ ފަރާތްތަކުގެ ނަންބަރުތަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވާތީ ކަމަށް ވެސް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރާ ގައިދީންނަށް ކަރެކްޝަންސްއިން އަންނަނީ ގިނަ އިނާޔަތްތަކެއް ދެމުންނެވެ.

އޭގެ ތެރޭގައި އާއިލާއަށް ފޯނު ކުރުމުގެ ފުރުސަތާއި އާއިލީ ބައްދަލުވުންތައް އަދި އެކަހެރި ބައްދަލުވުންތައް ބޭއްވުން ފަދަ އިނާޔަތްތައް ހިމެނެ އެވެ.

ޖަލުގައި ތިބޭ ގައިދީންނާ ބައްދަލު ކުރުމަށް އެ މީހުންގެ އާއިލާއިން ދާއިރު، ގައިދީންނަށް އެއްޗެހި ގެންދިއުން ކަރެކްޝަނަލް ސާވިސް އިން މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ މަނާކޮށްފަ އެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި އެގޮތަށް ނިންމީ ބައެއް އެއްޗެހީގެ ތެރެއިން، ޖަލަށް ވެއްދުން މަނާތަކެއްޗާއި މަސްތުވާތަކެތި ފަދަ އެއްޗެހި ފެނުމާ ގުޅިގެންނެވެ. ގައިދީންނާ ބައްދަލު ކުރުމަށް އެ މީހުންގެ އާއިލާތަކުން ދާއިރު، އެ މީހުންނަށް ލުއި ކާއެއްޗިއްސާއި ކޭކު ފަދަ އެއްޗެހި މީގެ ކުރިން ގެންދެވެ އެވެ.