Roadha Mihaaru
ޖަލުގައި ހިނގި ކަންކަން ހަމައަކަށް އެޅިއްޖެ: މުނާޒް

ޖަލުގައި ހިނގި ހަމަނުޖެހުން ހަމައަކަށް އެޅިއްޖެ: މުނާޒް

08 ޖެނުއަރީ 2020

ޖަލުގައި މިދިޔަ ހަފުތާ އިން ފެށިގެން ހަމަނުޖެހުން ހިނގި ނަމަވެސް މިހާރު އެކަން ހަމައަކަށް އެޅިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖަލުގައި މިދިޔަ ހަފުތާ އިން ފެށިގެން ހަމަނުޖެހުން ހިނގި ނަމަވެސް މިހާރު އެކަން ހަމައަކަށް އެޅިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިއަދު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މުނާޒް ވިދާޅުވީ ވޭތުވެދިޔަ 12 ގަޑިއިރުގެ ތެރޭގައި ގައިދީން އެއްވެސް ކަމެއް ހިންގާފައި ނުވާ ކަމަށެވެ. ހަމަނުޖެހުން ބޮޑުވީ ޝަރީއަތް ނިމެންދެން "ވާނުވާ" ޖަހާފައި ބައިތިއްބާ ރިމާންޑް ގޮޅިއެއްގައި ކަމަށާއި އިތުރު ހަ ގޮޅިއަކުން އެ މީހުންނާ ބައިވެރިވި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފުށީ ޖަލުގައި ތިބި ގައިދީންނާ ބައިވެރިވުމުގެ ގޮތުން މާލޭ ޖަލުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް އުފައްދައި ގޮޅިތެރޭގައި ބެޑްޝީޓެއްގައި ރޯކޮށްލައި ބޭރަށް އެއްލައިލި އެވެ.

"އެ މީހުންނަކަށް [މާލޭ ޖަލުގެ ގައިދީންނަށް] ނޭނގެ ވެގެން އުޅޭ ގޮތެއް. މާފުށީގައި ހިނގި ކަންކަމުގައި އެ މީހުން ބައިވެރިވެލީ،" މުނާޒް ވިދާޅުވި އެވެ.

"އެކަމަކު ވިސްނައިދީގެން، ނަސޭހަތްދީގެން އެ މީހުން ވެސް މިހާރު ބަސް އަހައިގެން އެ ތިބީ."

ރިމާންޑް ޖަލުގައި ތިބި ގައިދީންގެ ރުޅިގަދަވީ، އެތަނުގައި "ވާނުވާ ނޭނގި" އެތަނުގައި ތިބެން ޖެހުމާއި ބޭސްފަރުވާ އާއި އަސާސީ ޚިދުމަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމެވެ.

މާފުށީ ޖަލު: އެތަނުގެ ޖާގަ އަށް ވުރެން އިތުރަށް މީހުން ބަންދުކޮށްފައިވާ ކަމަށް މުނާޒް ވިދާޅުވި.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

މާފުށީ ޖަލު: އެތަނުގެ ޖާގަ އަށް ވުރެން އިތުރަށް މީހުން ބަންދުކޮށްފައިވާ ކަމަށް މުނާޒް ވިދާޅުވި.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ޖަލުގައި ގައިދީންނަށް މިދިޔަ ހުކުރުދުވަހު އަނިޔާވީ، މުނާޒް އިސްވެ ހުންނަވައި ވަކި ސަބަބެއް ނެތި ގޮޅިއެއް ބަލައި ފާސްކުރަން އޮފިސަރުން ވެއްދުމުން ހިންގި ހަމަނުޖެހުމަގަ އެވެ. އެގޮތަށް ގޮޅި ބަލައި ފާސްނުކުރަން ބައެއް އޮފިސަރުން މުނާޒްގެ އަރިހުން އެދުނު ކަން "މިހާރު" އަށް އެނގިަފއިވެ އެވެ. ގައިދީން، އެ އޮފިސަރުންނާ ކުރިމަތިލުމުން، ގޮޅިން ނެރެން ޖެހުނީ ޕެޕަ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކޮށްގެންނެވެ. އެ ކަންތައްގަނޑުގައި ގައިދީއެއްގެ ބޮލަށް އަނިޔާވެ ފަރުވާދީފައި ވެ އެވެ.

އެކަމަކު މުނާޒް މިއަދު ވިދާޅުވީ އިންސްޕެކްޓާ އޮފް ކަރެކްޝަންސް އަހްމަދު މުހައްމަދާއި ކަރެކްޝަންސަށް ބައްދަލުވުމަށް ދިޔަ ދެ ފުލުހުންގެ ހާޒިރުގައި ގޮޅިއެއް ފާސްކުރަން އުޅުނީ ގައިދީންތަކެއް އެކަކު އަނެކަކަށް ހަމަލާދީގެން ކަމަށެވެ.

ޖަލުތަކުގެ ހާލަތު މިހާރު ރަނގަޅުކަން ސާބިތުކޮށްދެއްވަން މުނާޒް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު ޖަލުގެ އާބާދީ އަށް ވުރެ 40 ޕަސެންޓު އިތުރަށް މީހުން ބަންދުކޮށްފައި ތިބި ކަމަށެވެ. އެއާއެކު ޖަލުގެ ތޮއްޖެހުން އިތުރުވެފައިވާ އިރު ކުރީގެ ސަރުކާރުގެ ފަސް އަހަރު ވެސް ޖަލުގެ ޖާގަ އިތުރުކުރަން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަަމަށް ވިދާޅުވި އެވެ.

"ހަމަ އެންމެ ގޮޅިއެއް ވެސް އިތުރުކޮށްފައެއް ނުވޭ. ނަމަވެސް މީހުންގެ އާބާދީ އޮތީ ގިނަވެފައި. އަޅުގަނޑުމެން އައިސް ކުރި މަސައްކަތުން 140 އަށް ވުރެން ގިނަ ޖާގަ ޖަލުތަކަށް ވާނީ އިތުރުކޮށްފައި،" މުނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލުގެ ހާލަތު ރަނގަޅުކުރަން ޔާޑުތައް ތަރައްގީކޮށް ދުވާލު އެތަނުގައި ގައިދީން ހޭދަކުރާ ގޮތަށް ހަދާނެ އެވެ. ގޮޅިތަކަށް ވަންނާނީ ރޭގަނޑު ނިދަން އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.

ބޭސްފަރުވާގެ ކަންކަމާއި ގައިދީންގެ އެހެން ޚިދުމަތްތަކަށް ވެސް ބަދަލުކޮށްފައިވާ ކަމަށާއި ބޭސްފަރުވާގައި ބައެއް ފަހަރަށް ދިގުލައިގެންދާ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިމާވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އެއީ، ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގައި ދިމާވާ ދަތިތައް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައިދީންނަށް ނޭނގުނަސް އެކަން ހައްލުކުރަން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ޖަލު ހުކުމަށް ގެންދާ މީހުންގެ މެޑިކަލް އަދި ސައިކޭޓްރިކް އެސެސްމެންޓް ހެދުމަކީ ވެސް، މުނާޒް ވިދާޅުވި ގޮތުގައި، މި ސަރުކާރުގައި އަލަށް ފެށި ކަމެކެވެ.