Roadha Mihaaru
އަމީނިއްޔާގައި އާޓް އެގްޒިބިޝަނެއް

އަމީނިއްޔާގެ އަލިމަސްޔޫބީލްގެ މުނާސަބަތުގައި އާޓް އެގްޒިބިޝަނެއް

21 ޖޫން 2019

އަމީނިއްޔާ ސްކޫލްގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް އާޓް އެގްޒިބިޝަނެއް ބާއްވަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމީނިއްޔާ ސްކޫލްގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް އާޓް އެގްޒިބިޝަނެއް ބާއްވަން ނިންމައިފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ، މިއަދާއި މާދަމާގެ ހަވީރު 4 ން ރޭގަނޑު 11 އަށް އާޓް ގެލެރީގައި ބާއްވާ މައުރަޒުގައި ތަފާތު ވައްތަރުގެ ކުރެހުންތައް ދައްކާލާނެ ކަމަށެވެ.

އަމީނިއްޔާގެ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ކުރީގެ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ މި މައުރަޒުގައި 400 އަށް ވުރެ ގިނަ ބާވަތުގެ އައިޓަމް ބަހައްޓާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ތަފާތު ކުރެހުންތަކާއި ލަކުޑިން ހަދާފައިވާ އެއްޗެހީގެ އިތުރުން އުކާލެވޭ ކުނި ފަދަ ތަކެތި ބޭނުންކޮށްގެން ވެސް އާޓާ ގުޅުން ހުރި ތަކެތި ވަނީ ތައްޔާރުކޮށްފަ އެވެ.

"ވަރަށް ރީތި، އެކި ވައްތަރުގެ އާޓުގެ މަސައްކަތްތައް ފެންނާނެ. ރަނގަޅު ތަރުހީބެއް ލިބުނު އެގްޒިބިޝަނަށް،" ނާޒްލީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައުރަޒުން ތަކެތި ގަތުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

އަމީނިއްޔާ އަށް 75 އަހަރު ފުރޭނީ މި އަހަރުގެ ނޮވެމްބަރު 28 ގަ އެވެ. އެކަން ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތައް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ މުނާސަބަތުގައި މިހާރު ވެސް ގިނަ ކަންތައްތަކެއް ކޮށްފައިވާއިރު ޓީއެފްޖީއާ ގުޅިގެން އަންނަ ހަފުތާގައި ދުވުމެއް ބާއްވަން އަންނަނީ ތައްޔާރު ވަމުންނެވެ.