19 ޖޫން 2019
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2009 އިން ފެށިގެން ތަހުގީގުކޮށް ދައުވާކުރަން ފޮނުވި ޚިޔާނާތުގެ މައްސަލަތަކުންނާއި މަދަނީ ގޮތުން ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ އަދަދު 4 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2009 އިން ފެށިގެން ތަހުގީގުކޮށް ދައުވާކުރަން ފޮނުވި ޚިޔާނާތުގެ މައްސަލަތަކުންނާއި މަދަނީ ގޮތުން ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ އަދަދު 4 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ޚިޔާނާތް ހިންގައި ދައުލަތަށް މާލީ ގޮތުން ބޮޑެތި ގެއްލުންވި މައްސަލަތަކެއް ތަހުގީގުކޮށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ދައުވާ ނުކޮށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޝަންގެ މެމްބަރުން ކަންބޮޑުވުންފާޅުކުރެއްވި އެވެ. މިއީ ވެސް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ދައުލަތަށް ލިބުނު މައްސަލަތަކެއް ކަމަށް އޭސީސީގެ މެމްބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އޭސީސީގެ މެމްބަރުން ހާޒިރުކުރުމުން، އެ ކޮމިޓީގެ މެމްބަރުން އެންމެ ކަންބޮޑުވުންފާޅުކުރެއްވި އެއް ކަމަކީ ކުރީގެ ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި އޭސީސީން ތަހުގީގު ނުކުރުމެވެ. ގާނޫނީ ޒިންމާ ފުރިހަމަ އަށް އަދާނުކުރެއްވީ މެމްބަރުން ކޮން ނުފޫޒެއްގެ ދަށުވެގެންތޯ ވެސް ކޮމިޓީގެ މެމްބަރުން ސުވާލު ކުރެއްވި އެވެ.
ވަކި މައްސަލައެއް ވަކި ގޮތަކަށް ނިންމަން އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިފައި ނުވާކަން ފާހަގަކުރައްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ޚިޔާނާތުގެ ގިނަ މައްސަލަތަކެއް ތަހުގީގުކޮށް ދައުވާ ކުރަން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ޕީޖީގެ އޮފީހަށް ފޮނުވި ކަމަށެވެ. މިހާތަނަށް ބެލި މައްސަލަތަކުގައި ވެސް ދައުލަތަށް ހަތަރު ބިލިއަން ރުފިޔާގެ ގެއްލުންވިކަން ފެންނަން އޮތް އިރު އޭގެތެރެއިން ދައުލަތަށް އަނބުރާ ލިބިފައި ވަނީ މަދު އަދަދެއް ކަމަށް ވިދާޅުވި އެވެ.
މިހާތަނަށް ރިކަވާ ކުރެވުނު ކަމަށް އަޅުގަނޑުމެންނަށް ރެކޯޑު ކުރެވިފައި ވަނީ 1.4 މިލިއަން: މުއައްވިޒް
"މީގެ ތެރެއިން 1.9 ބިލިއަން ރުފިޔާ އަކީ ޕްރޮސިކިއުޓް ކުރުމަށްޓަކައި ފޮނުވި ކޭސްތަކުގެ ތެރޭގައި ހިމެނޭ ފައިސާ. މިހާތަނަށް ރިކަވާ ކުރެވުނު ކަމަށް އަޅުގަނޑުމެންނަށް ރެކޯޑު ކުރެވިފައި ވަނީ 1.4 މިލިއަން،" މުއައްވިޒް ވިދާޅުވި އެވެ.
މުއައްވިޒް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރަށް ތުހުމަތުކޮށް ހުށަހެޅި ގިނަ މައްސަލަތަކެއްގެ ތަހުގީގުކޮށް ދައުވާކޮށްދޭން އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވި އެވެ. އޭގެތެރެއިން ބައެއް މައްސަލަތަކުގައި ދައުވާނުކޮށް އަނބުރާ ފޮނުވާލި ސަބަބުތައް އޭސީސީގެ މެމްބަރުންނަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލަތައް ހުށަހެޅި އިރު ޕީޖީ އަކީ މިހާރު ވެސް އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމެވެ.
މުއައްވިޒް ވިދާޅުވި ގޮތުގައި އޭގެތެރޭގައި މިނިވަން 50 ގެ ޖާފަތުގެ މައްސަލަ އާއި ފެނަކަ އާއި ސްޓެލްކޯ އާއި އެމްޕީއެލް އަށް ޑޮލަރު ގަތް މައްސަލަ އާއި އެމްއާރްޑީސީ އަށް ސިމެންތި ގަތް މައްސަލަ އާއި ވެމްކޯ އަށް ލޭންޑިން ކްރާފްޓެއް ގަތް މައްސަލަ އާއި ފެނަކަ އަށް ޑީސަލް ގަތް މައްސަލައެއް ހިމެނެ އެވެ.
"މި މައްސަލަތަކަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އޭސީސީން ބެލި އެންމެ ބޮޑެތި ފައިސާގެ އަދަދުތައް ހިމެނި ދައުލަތަށް އެންމެ ބޮޑަށް ގެއްލުން ލިބުނު މައްސަލަތައް. މި ހުރިހާ މައްސަލައަކީ ވެސް ދެ ވަނަ ފަހަރަށް އޭސީސީން ރިވިއުކުރަން ހުށަހަޅައިގެން ވެސް [ޕީޖީ] ދައުވާނުކޮށްދިން މައްސަލަތަކެއް،" މުއައްވިޒް ވިދާޅުވި އެވެ.
"މި ކަންބޮޑުވުންތައް އަޅުގަނޑުމެން ވާނެ ދައުލަތުގެ ކަމާގުޅޭ އެހެން އިދާރާތަކަށް ހިއްސާކޮށްފައި. ހާއްސަކޮށް ބަންޑާރަ ނައިބު."
ކުރީ ސަރުކާރުގައި ބަންޑާރަ ނައިބަކަށް ހުންނެވީ މުހައްމަދު އަނިލް އެވެ.
އޭސީސީން ތަހުގީގުކުރާ މައްސަލަތަކުގައި ދައުވާ ނުކުރެވުމާއި ޚިޔާނާތުގެ މައްސަލަތަކުގައި މުޖުތަމައުގެ މަސްލަހަތަށް ވުރެން ކުށްކުރި މީހާގެ މަސްލަހަތު އިސްކުރާ ކަމަށް ވިދާޅުވެ މެމްބަރު ކަންބޮޑުވުންފާޅުކުރެއްވި އެވެ. އެއީ ގާނޫނީ ހައްލެއް ހޯދަން ޖެހިފައި އޮތް ކަމެއް ކަން އެ ކޮމިޝަންގެ މެމްބަރުން ފާހަގަކުރެއްވި އެވެ.
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
60މަޝްރޫއު ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް
ފައިސާ ހޯދަން ދައުވާކުރާނެ ބަޔަކު ނުވެ އެތައް ދުވަހެއް
ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި: އޭސީސީ
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި
އޭސީސީއެއް ނެތް، ކަންބޮޑުވާ މީހަކު ވެސް ނެތް؟
އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ކޮމިޓީގެ ތުހުމަތަށް މެމްބަރުން ޖަވާބުދާރީވެވަޑައިގެންފި
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަނީ