Roadha Mihaaru
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަނީ

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަރުހަލާ އަންނަ ހަފުތާގައި ފަށަނީ

10 ނޮވެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް، ޕާފޯމަންސް އޮޑިޓަކަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް، ޕާފޯމަންސް އޮޑިޓަކަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރަން ނިންމައިފި އެވެ.

މިގޮތަށް ނިންމީ އެ ކޮމިޝަނުން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާ އެކު، ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރުމަށް ފަހު، ހޯދި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.

ކޮމިޓީން އިއްޔެ ނިންމީ ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ މަސައްކަތާ ގުޅޭ އޮޑިޓަކަށް ފަހު، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރައްވާ މެމްބަރުން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އެ މަރުހަލާ ކުރިއަށް ގެންދަން އަންނަ ހަފުތާގެ ކުރީކޮޅު މެމްބަރުން ކޮމިޓީއަށް ހާޒިރުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރެވޭނީ މަޖިލީހަށެވެ.

އޭސީސީގެ ފަސް މެމްބަރުން:

- މަރިޔަމް ޝިއުނާ

- ފާތުމަތު އަނޫލާ

- އަލީ އަޝްރަފް

- އިބްރާހިމް ޝަކީލް

- އައިޝަތު އަބްދުﷲ

ކޮމިޓީގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ހުށަހެޅުއްވީ މި ވެރިކަމުގައި އޭސީސީގެ މެމްބަރުން އައްޔަންކުރި ފަހުން މިހާތަނަށް ބެލިފައި ހުރި މައްސަލަތަކުގެ ތަފްސީލް ހޯދުމަށެވެ. ކޮމިޓީއަށް ހާޒިރުކޮށްގެން މި މައުލޫމާތު ހޯދާއިރު މިހާތަނަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ހުރި މައްސަލަތަކާއި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ކުރި މަސައްކަތަކީ ކޮބައިތޯ އޮޅުން ފިލުއްވުމަށް ވެސް ހުށަހެޅުއްވި އެވެ.

މި ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހުށަހެޅުއްވީ ޕާފޯމަންސް އޮޑިޓަކަށް ފަހު އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރައްވާ މެމްބަރުން ވަކިކުރެއްވުމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އޭސީސީ އެކި ފަހަރުމަތިން ހާޒިރުކުރުމުން މައްސަލަތައް ނިންމަން އެކި މުއްދަތުތަކެއް ދީފައިވާ ކަމަށެވެ. އެކަމަކު ދައުލަތަށް ގެއްލުނު ފައިސާގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ނިންމިފައިވޭތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"އެމްއެމްޕީއާރުސީގެ ބޮޑެތި ދެތިން ހަތަރު މައްސަލަ ވެސް ޕީޖީއަށް ފޮނުވާނެ ކަމަށް މިތާ ރެކޯޑުގައި ވިދާޅުވެފައި އެބަހުރި. ބައިވަރު މައްސަލަތަކަށް ޑެޑްލައިން ދީފައި އެކަމެއް ނުވޭ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އޭސީސީން ޒިންމާދާރުކަމާ އެކުގައި މަސައްކަތް ކުރާ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ. އެމްއެމްޕީއާރުސީގެ އެންމެ މައްސަލައެއް ބަލަން އަށް މަސް އޭސީސީން ބޭނުންވާ ކަމަށް ބުނެފައިވިޔަސް އެންމެ މައްސަލައަކަށް އަހަރެއްހާ ދުވަސް ހޭދަކުރަން ރައްޔިތުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އެމްޑީޕީން ވެސް ގަބޫލުކުރާނެ ކަމެއް ނޫން. އަނެއްކާ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން މައްސަލައެއް ބެލެން ޖެހެނީ, ނިމެން ޖެހެނީ އަށް މަސް ދުވަހުން ކަމަށް" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ބޭފުޅުން ކޮމިޓީއަށް ގެނެސް ވަކިވަކިން ފާފޯމަންސް ބެލުމަށް ފަހު އަޅުގަނޑުމެން ކޮމިޓީއަށް ފެންނަންޏާ ވަކިކުރުމުގެ ކަންތައް ކޮމިޓީން ކުރިއަށް ގެންދަން އަޅުގަނޑު ހުށަހަޅަން,"

މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމެވެ.

އޭސީސީ މެމްބަރުން މަޖިލީހުގެ ކޮމިޓީގައި: މައްސަލަތައް ލަސްވުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށް މެމްބަރުން ވިދާޅުވޭ. -- ފޮޓޯ/ މަޖިލިސް

އޭސީސީ މެމްބަރުން މަޖިލީހުގެ ކޮމިޓީގައި: މައްސަލަތައް ލަސްވުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށް މެމްބަރުން ވިދާޅުވޭ. -- ފޮޓޯ/ މަޖިލިސް

ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުންގެ ފާޑުކިއުން އަމާޒުކުރައްވާ ކޮންމެ ފަހަރަކު އޭސީސީން ވަނީ މަސައްކަތްތައް ލަސްވާ ސަބަބުތައް ކިޔައިދެއްވައިފަ އެވެ. ކޮމިޝަނުން ފުރަތަމަ ބެލީ އެ މުއައްސަސާ އިސްލާހުކޮށް، ހެޔޮ ބަދަލު ގެނައުމަށް ކަމަށާއި އޭގެ ފަހުން މައްސަލަތަކުގެ ސްޕީޑު އަވަސްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

"އަޅުގަނޑު ފާހަގަކޮށްލާނަން 2019 ވަނަ އަހަރު އޭސީސީން ދައުވާކުރަން ފޮނުވީ ތިން ކޭސް، އެކަމަކު 2021 ގައި އަޅުގަނޑުމެން މިހާތަނަށް ފޮނުވައިފިން 19 ކޭސް،" ކޮމިޓީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަތައް އަވަސް ނުކުރެވުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އޭގެތެރޭގައި އިންވެސްޓިގޭޓަރުން މަދުވުން ހިމެނެ އެވެ.

އެއާއެކު 2020 ވަނަ އަހަރު ތަހުގީގު ހިންގަން އުނދަގޫވީ ކަމަށާއި އެ އަހަރުގެ ބޮޑު ބައި ލޮކްޑައުންއާ ހެދި މީހުން ހާޒިރު ނުކުރެވުމުން ކަމަށް ވިދާޅުވި އެވެ.

މި ވެރިިކަމުގައި އޭސީސީއަށް އައްޔަންކުރި މެމްބަރުންނަށް މައްސަލަތައް ނުބެލޭ ކަމުގެ ޝަކުވާ ބޮޑުވެފައި އޮތް އިރު ކުރީގެ ސަރުކާރުގައި އެެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ އޭސީސީ ނުފޫޒެއްގެ ދަށުވެފައި އޮތުމެވެ. މިހާރު ކޮމިޝަންގައި ތިއްބެވި މެމްބަރުން ދެއްވި އެންމެ ބޮޑު ޔަގީންކަމަކީ މަސައްކަތް ކުރައްވާނީ ނުފޫޒުން އެއްކިބާވެ ތިބެން ކަމެވެ.