Roadha Mihaaru
ބަރުކަމުން ގެއިން ނެރުނީ ފާރު ތަޅާލައިގެން

ޕާކިސްތާނުގެ "އެންމެ ފަލަ މީހާ" ގެއިން ނެރުނީ ފާރުން ބައެއް ތަޅާލައިގެން

20 ޖޫން 2019

މި ވަގުތު ޕާކިސްތާނުގެ "އެންމެ ފަލަ މީހާ" ގެ ގޮތުގައި މަޝްހޫރުވެފައިވާ މީހާ އަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދަން ގޭގެ ފާރުން ބައެއް ތަޅައިލަން ޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު ޕާކިސްތާނުގެ "އެންމެ ފަލަ މީހާ" ގެ ގޮތުގައި މަޝްހޫރުވެފައިވާ މީހާ އަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދަން ގޭގެ ފާރުން ބައެއް ތަޅައިލަން ޖެހިއްޖެ އެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނި ގޮތުގައި ބަރުދަނުގައި 330 ކިލޯ ހުރި ޕަންޖާބު ޕްރޮވިންސްގެ ސާދިގުއާބާދަށް ނިސްބަތްވާ ނޫރު އަލް ހަސަން ގޭގެ މައި ދޮރުން ނުނެރެވިގެން، ގޭގެ ފާރުން ބައެއް ޖެހުނީ ވައްޓައިލާށެވެ. އަދި އޭނާ ނެރުމުގެ މަސައްކަތުގެ ޕާކިސްތާނުގެ އަސްކަރިއްޔާ އާއި އާންމުން އެހީ ލިބިފައިވެ އެވެ.

ހަސަނަށް ފަރުވާ ދޭން ލާހޯރްގެ ހޮސްޕިޓަލަކަށް ގެންދިޔައީ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއްގަ އެވެ.

މިކަމާ ބެހޭ ގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އާމީ ސްޓާފް އޮފް ޖެނެރެލް ގަމަރު ޖާވިދު ބަޖްވާ މީޑިއާތަކަށް ވިދާޅުވީ ހަސަން ހޮސްޕިޓަލަށް ގެންގޮސް ދޭން އެހީތެރިވެ ދިނީ އާއިލާ އިން އެކަމަށް އެދުމުން ކަމަަށެވެ. އަދި އެ މަސައްކަތް ކާމިޔާބުކަމާ އެކު ކުރެވުނު ކަމަށް ވިދާޅުވި އެވެ.

މީޑިއާތަކުން ބުނީ އާދަޔާހިލާފަށް ހަސަން ފަލަވުމުގެ ސަބަބުން އޭނާ އަށް އޮންނަ ތަނުން ހިރިވެސް ނުލެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެ، އޮޕަރޭޝަނެއް ވެސް ކުރަން ޖެހިފައިވެ އެވެ.

ހަސަނަށް މިހާރު ލާހޯރުގެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ އިރު ލެޕަރަސްކޯޕިކް ސާޖަރީއެއް ހަދަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ކުރިން ޕާކިސްތާނުގެ އެންމެ ފަލަ މީހާގެ ގޮތުގައި ފާހަގަ ކުރެވުނު 360 ކިލޯ ހުރި މީހާ 2017 ގައި ލެޕަރަސްކޯޕިކް ސާޖަރީއެއް ކާމިޔާބުކަމާ އެކު ހަދައި، ބަރުދަނުން 200 ކިލޯ ދުއްވާލާފައިވެ އެވެ.

ޕާކިސްތާން އެންޑްކޯރީން ސޮސައިޓީން ހަދާފައިވާ ދިސާރާއަކުން ދައްކާ ގޮތުގައި އެ ގައުމުގެ އާބާދީގެ 29 ޕަސަންޓް މީހުންނަކީ ފަލަ މީހުންނެވެ. އަދި އާދަޔާހިލާފަށް ފަލަ މީހުންގެ ނިސްބަތް 51 ޕަސަންޓަށް އަރަ އެވެ.