Roadha Mihaaru
މެޑިކަލް ޓީމަށް ތޯރިގު ދެއްވީ 100

މެޑިކަލް ޓީމަށް ތޯރިގު ދެއްވީ 100

20 މެއި 2020

އުމުރު ދެ ބައި ވަނީ އެވެ. ކޮވިޑް-19 ގައި އެޅި ވޭނާއި އެ ހިތްދަތި ތަޖުރިބާ މުހައްމަދު ތޯރިގް މީގެ ކުރިން ކުރައްވާފައެއް ނުވެ އެވެ. ނިއުމޯނިޔާގެ ސަބަބުން ފުއްޕާމެޔަށް ލިބުނު ގެއްލުމުގެ ބޮޑުކަމުން ހާލަތު ވަރަށް ބޮޑަށް ނާޒުކުވެ، 12 ދުވަހު އައިސީޔޫގައި ބޭއްވި އެވެ. މީގެ ކުރިން ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވިއަސް ކޮވިޑް-19 އިން ސަލާމަތްވާނެކަމުގެ އުއްމީދު އެތައް ފަހަރަކު ގެއްލުނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުމުރު ދެ ބައި ވަނީ އެވެ. ކޮވިޑް-19 ގައި އެޅި ވޭނާއި އެ ހިތްދަތި ތަޖުރިބާ މުހައްމަދު ތޯރިގް މީގެ ކުރިން ކުރައްވާފައެއް ނުވެ އެވެ. ނިއުމޯނިޔާގެ ސަބަބުން ފުއްޕާމެޔަށް ލިބުނު ގެއްލުމުގެ ބޮޑުކަމުން ހާލަތު ވަރަށް ބޮޑަށް ނާޒުކުވެ، 12 ދުވަހު އައިސީޔޫގައި ބޭއްވި އެވެ. މީގެ ކުރިން ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވިއަސް ކޮވިޑް-19 އިން ސަލާމަތްވާނެކަމުގެ އުއްމީދު އެތައް ފަހަރަކު ގެއްލުނެވެ.

އެކަމަކު ޓީޗަރެއްގެ ގޮތުގައި ރާއްޖޭގައި އޭނާ ހޭދަކުރެއްވި ދުވަސްތަކާއި އޭގެ ފަހުން ވިޔަފާރީގައި އުޅުއްވައި، ހޯއްދެވި އެތައް ދަރިވަރުންނާއި ރައްޓެހިންގެ ހިތްވަރާއި ދަރުމަވަންތަ ހޮސްޕިޓަލްގެ މެޑިކަލް ޓީމުން ދިން ފަރުވާއާ އެކު ޕާކިސްތާނުގެ ތޯރިގު މިހާރު ވަނީ ބަލިން އެއްކޮށް ރަނގަޅުވެ މިިދިޔަ ހޯމަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ފަރުވާ ދެއްވި ޑޮކްޓަރުންނަކީ އޭނާގެ ނަސީބެވެ. އައިޖީއެމްއެޗްގެ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު، ޑރ. މޫސާ ހުސެއިން އާއި އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީއަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރެއްވި އެވެ.

"ރާއްޖެއިން މި ލިބުނީ، ކޮވިޑް-19ގެ ހާލަތުގައި، ދުނިޔޭގައި ލިބެން ހުރި އެންމެ ރަނގަޅު ފެންވަރުގެ ފަރުވާ. އެއީ އަހަރެންގެ ނަސީބު. ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެއްވި ޑޮކްޓަރުންނާއި ނަރުހުން ވަރަށް ރަނގަޅު، ހިތްހެޔޮ. ބަލިން ރަނގަޅުވުމަށް ވެސް އެ ބޭފުޅުންގެ އެ ޕޮޒިޓިވް ވާހަކަތައް ވަރަށް މުހިއްމު،" ސީއެޗްއެސްއީ އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ބިޒްނަސް ޓީޗަރެއްގެ ގޮތުގައި 18 އަހަރު މަސައްކަތްކުރެއްވި ތޯރިގު ވިދާޅުވި އެވެ.

ހީކަރުވައި، ހާސްވެ އުނދަގޫވާން ފެށުމުން މިދިޔަ މަހުގެ މެދެއްހާ ހިސާބުގައި ތޯރިގު، 47 އެންމެ ފުރަތަމަ ވަޑައިގަތީ އޭޑީކޭއަށެވެ. އެތަނަަށް ދެ ފަހަރު ދައްކައިގެން ވެސް ލުޔެއް ލިބިވަޑައިނުގަތުމުން ހަފުތާއެއް ފަހުން ޓްރީޓޮޕް ހޮސްޕިޓަލަށް ވަޑައިގަތެވެ. ފުއްޕާމޭގައި ވަރަށް ބޮޑަށް ނިއުމޯނިޔާގެ އަސަރު ހުރި ކަމަށް އެ ހޮސްޕިޓަލުން ބުންޏަސް ކޮވިޑް-19 އަށް ޓެސްޓެއް ނުކުރެ އެވެ. ބޭސް ދިނުމަށް ފަހު ފޮނުވާލީ އެވެ.

އެ ބޭސްތަކުން ރިހުން ކުޑަނުވެ، ހާލަތު އިތުރަށް ގޯސްވާން ފެށުމުން ދެން ވަޑައިގަތީ ފްލޫ ކްލިނިކަށެވެ. އެތަނުން ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނަގައި ނަތީޖާ ލިބެންދެން އޮބްޒަވޭޝަންގައި ބޭއްވި އެވެ. އަޑުއައްސަވަން ބޭނުން ނުވި ވާހަކައާ އެކު ވަޑައިގަތީ ޑރ. މޫސަ އެވެ. ހާލު ސީރިއަސްވުމުން ވަގުތުން އައިސީޔޫއަށް ބަދަލުކުރި އެވެ.

"ބައެއް ފަހަރު ހީވި މި ނިމިގެން ދަނީއޭ ވެސް. ރަނގަޅުވެދާނެ ކަމުގެ އުއްމީދު ވެސް ކުޑަވެގެންދޭ. ފުރަތަމަ 5-6 ދުވަހު ވަރަށް ސީރިއަސް ހާލަތުގައި އޮތީ. އޮކްސިޖަން ދިން. ވެންޓިލޭޓަރަށް ވެސް ލި. އެކަމަކު އޭގެ ފަހުން މަޑުމަޑުން ރަނގަޅުވާން ފެށީ،" ތައުލީމީ ދާއިރާ ދޫކުރައްވައި އަމިއްލަ ކުންފުންޏެއްގެ ޖެނެރަލް މެނޭޖަރުކުރަން ކުރައްވަމުން އަންނަ ތޯރިގު ވިދާޅުވި އެވެ.

އައިސީޔޫގައި 12 ދުވަހު ބޭއްވުމަށް ފަހު، ފަރުކޮޅުފުށި ކަރަންޓީން ފެސިލިޓީއަށް ބަދަލުކުރީ އޭގެ ހަފުތާއެއް ފަހުންނެވެ. އެ ތަނުގައި ވެސް ހަފުތާއެއް ވަންދެން ބޭއްވި އެވެ.

ކުރައްވާ މަސައްކަތުގެ ގޮތުން އޭނާގެ އޮފީހަށް ބިދޭސީން ދެ އެވެ. އެހެންވެ ލަފާކުރައްވަނީ، އެތަނުން ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ޖެހުނީ ކަމަށެވެ.

ތޯރިގު ވިދާޅުވީ ފްލޫ ކްލިނިކަށް ވަޑައިގަތުމަކީ އޭނާގެ ނަސީބެއް ކަމަށެވެ. ނަމަވެސް ލަހުން ދެވުމަކީ ހެދުނު ގޯހެއް ކަމަށާއި އެހެންވެ ބަލީގެ ކިރިޔާ ވެސް އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް ފްލޫ ކްލިނިކަށް ދާން އޭނާ އާންމުންގެ ކިބައިން އެދިވަޑައިގަތެވެ. ތޯރިގަށް ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރުވީ ވެސް 10-12 ދުވަސް ފަހުންނެވެ.

ތޯރިގު، ފަރުކޮޅުފުށި ކަރަންޓީން ފެސިލިޓީގައި--

ތޯރިގު، ފަރުކޮޅުފުށި ކަރަންޓީން ފެސިލިޓީގައި--

ރަނގަޅުވެ ގެއަށް ބަދަލުކުރި ނަމަވެސް ފުއްޕާމޭގައި އަދިވެސް ކުޑަކޮށް އިންފެކްޝަން އެބަ ހުއްޓެވެ. އެނޫން އުނދަގުލެއް މިހާރަކު ނެތެވެ.

"ކޮވިޑް-19 އާ އެކު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ގެއްލުން ލިބިފައި ހުންނާނީ. އެކަމުން މިހާރު މަޑުމަޑުން މި އަރައިގަންނަނީ،" ތޯރިގު ވިދާޅުވި އެވެ.

ރާއްޖެއަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ތޯރިގުގެ ހަތަރު ކުދިންގެ ތެރެއިން ތިން ކުދިން ވިހެއީ ރާއްޖޭގަ އެވެ. ކުދިން މަތީ ތައުލީމް ހާސިލްކުރަން މީގެ ދެ އަހަރު ކުރިން އަނބުރާ ޕާކިސްތާނަށް ދިއުމާ ހަމައަށް އެ އާއިލާ އުޅުނީ މާލޭގަ އެވެ.

ތޯރިގާ އެކު އެއް ގެއެއްގައި އުޅެމުން އަންނަ އޭނާއަށް ބޮޑުބޭބެ ކިޔާ ދެ އަންހެން ކުދިން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އެ ދެ މީހުން ބަލިން ރަނގަޅުވެފައި ވިއަސް އަދި ދުލެއް ނުކުރެ އެވެ.

އޭނާ ދެއްވާ ނަސޭހަތަކީ މިއީ އެވެ؛ ކޮވިޑް-19 އަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުނަގާށެވެ.

ނަފްސާނީ ގޮތުންނާއި އިޖުތިމާއީ އަދި ޖިސްމާނީ ގޮތުން ވެސް މީހާ މީހާއަށް އެތައް އަނިޔާއެއް، އެ ބަލިން ލިބޭކަން އޭނާ އެ ވަނީ ތަޖުރިބާކުރައްވައިފަ އެވެ. އެހެންކަމުން އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފައާ އިރުޝާދަށް އަމަލުކުރުމެވެ.