Roadha Mihaaru
ކޮވިޑް-19 ގައި 80 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19 ގައި 80 އަހަރުގެ މީހަކު މަރުވެއްޖެ

06 ޖުލައި 2020

ކޮވިޑް-19 ގައި އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި ރާއްޖެ އިން މަރުވި 12 ވަނަ މީހާ އެވެ.

ކޮވިޑް-19 ގައި އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި ރާއްޖެ އިން މަރުވި 12 ވަނަ މީހާ އެވެ.

އެޗުޕީއޭ އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާދެމުން އައި އެ މީހާ މަރުވީ މިއަދު ފަތިހު 4:35 ގަ އެވެ.

އިއްޔެ ރޭ ދަންވަރު ވެސް ކޮވިޑް-19 ގައި އުމުރުން 77 އަހަރުގެ އަންހެނަކު މަރުވެފައި ވެ އެވެ. އެއީ މީގެ ހަތަރު ދުވަސް ކުރިން މި ބަލީގައި މަރުވި 92 އަހަރުގެ ދިވެހި މީހާގެ އަންހެނުންނެވެ.

ކުރިން ވެސް ކޮވިޑް-19 ގައި ދިވެހި ދެމަފިރިއަކު ރާއްޖޭގައި މަރުވެފައި ވެ އެވެ. އެއީ މަޝްހޫރު ވިޔަފާރިވެރިޔާ، އެމްއެޗުއޭގެ ވެރިޔާ ހުސައިން އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުންނެވެ.

ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް ހަ ދިވެއްސަކު ވަނީ މަރުވެފަ އެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕިންސްގެ މީހެކެވެ.

އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް ރާއްޖެ އިން ވަނީ 2،469 މީހަކަށް ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 1،279 ދިވެއްސަކާއި ބަންގްލަދޭޝްގެ 876 މީހަކާއި އިންޑިއާގެ 227 މީހަކާއި ނޭޕާލްގެ 44 މީހަކާއި ސްރީ ލަންކާގެ 19 މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. އަދި "އެހެނިހެން" ކެޓަގަރީގައި 10 މީހަކު ހިމެނެ އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 2،049 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ފަރުވާގައި ތިބީ 403 މީހެކެވެ.