Roadha Mihaaru
ނުކުޅެދުންތެރިކަމާ އެކު ވެސް ނަމޫނާއެއް

ނުކުޅެދުންތެރިކަމާ އެކު ވެސް ނަމޫނާއެއް

24 އޮކްޓޯބަރ 2017

މުނީބާ މަޒާރީ އަކީ ޕާކިސްތާނު މީހެކެވެ. ތިރީސް އަހަރުގެ މުނީބާ އަކީ މޮޅު ކުރެހުންތެރިއެކެވެ. މޮޑެލް އެކެވެ. އަދި މޯޓިވޭޝަނަލް ސްޕީކާ އެކެވެ. ބިރަކީ ކުރިޔަށް ދިއުމަށާއި ދިރިއުޅުން ބަދަލުކޮށްލަން ލިބުނު ހިތްވަރަކަށް އޭނާ ވަނީ ހަދައިފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މުނީބާ މަޒާރީ އަކީ ޕާކިސްތާނު މީހެކެވެ. ތިރީސް އަހަރުގެ މުނީބާ އަކީ މޮޅު ކުރެހުންތެރިއެކެވެ. މޮޑެލް އެކެވެ. އަދި މޯޓިވޭޝަނަލް ސްޕީކާ އެކެވެ. ބިރަކީ ކުރިޔަށް ދިއުމަށާއި ދިރިއުޅުން ބަދަލުކޮށްލަން ލިބުނު ހިތްވަރަކަށް އޭނާ ވަނީ ހަދައިފަ އެވެ.

މުނީބާ ބުނި ގޮތުގައި އޭނާ ކައިވެނި ކުރިއިރު އުމުރުން އެންމެ 18 އަހަރެވެ. އެ އާއިލާގެ އަންހެންކުދިން ދުވަހަކުވެސް އެމީހުންގެ މައިންބަފައިން ބުނާ ބަހަކަށް ނޫނެކޭ ނުބުނާނެ އެވެ.

"އަހަރެންގެ ބައްޕަ ބޭނުންވީ އަހަރެން ކައިވެނި ކުރުވަން. އަހަރެން ބައްޕަ ކައިރީގައި ބުނިހާ ވެސް އެއްޗަކީ ބައްޕަ ހިތްހަމަޖެހޭ ކަމަކަށްވާ ނަަމަ މައްސަލައެއް ނެތޭ. ނަމަވެސް އަހަރެންގެ ކައިވެންޏަކީ އެއްގޮތަކަށް ވެސް އުފާވެރި ކައިވެންޏަކަށް ނުވި،" މުނީބާ ބުންޏެވެ.

ކައިވެންޏަށް ދެ އަހަރު ވީތަނާ (މީގެ ނުވަ އަހަރު ކުރިން) ވަރަށް ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މުނީބާގެ މުޅި ދިރިއުޅުން އެ ފުށް މިފުށަށް ޖެހުނެވެ.

"ކާރު ދުއްވަން އިންދާ ފިރިމީހާ އަށް ނިދިގެން ކާރު ގޮސް ވެއްޓުނީ ވަޅުގަނޑަކަށް. ފިރިމީހާ ކޮންމެވެސް ގޮތަކުން ކާރުން ފުންމާލައިގެން ސަލާމަތްވި. އޭނާއަކަށް އެއްވެސް ގެއްލުމެއް ނުލިބޭ. އެކަމު އަހަރެން އޮތީ ކާރު ތެރޭގައި ތާށިވެފައި. އަހަންނަށް ވަރަށް ބޮޑެތި އަނިޔާތައް ލިބުނު. އަތާއި އަތުކުރި، ކަރާއި މައިބަދައިގެ ހުރިހާ ކަށިތައް ހުރީ ބިނދިފައި. މި އެކްސިޑެންޓަކީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ އެކްސިޑެންޓެއް،" މުނީބާ ކިޔައިދިނެވެ.

އެކްސިޑެންޓްވި ކާރުން އޭނާ ނެރުނުއިރު މައިބަދަޔަށް އިތުރު ގެއްލުންތަކެއް ލިބުނެވެ. އަދި ދެ މަހާއި 15 ދުވަސް ވަންދެން އޭނާއަށް ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކަކީ ވޭނާއި ކެކުޅުމުން ފުރިފައިވާ ދުވަސްތަކެއް ކަމަށް މުނީބާ ބުންޏެވެ.

"އެއް ދުވަހަކު ޑޮކްޓަރު އައިސް އަހަރެން ކައިރީ ބުނި. އާޓިސްޓަކަށް ވުމުގެ ހުވަފެން ދުށީމެއް ނޫންހޭ. އެކަމަކު ވީ ގެވެހި އަންބަކަށޭ. އެކަމަކު އަހަރެން ދޭން އޮތީ ވަރަށް ހިތާމަވެރި ޚަބަރެކޭ. މީގެ ފަހުން ކުރެހުމުގެ މަސައްކަތެއް ނުކުރެވޭނޭ،" މުނީބާ ބުންޏެވެ.

"އަނެއް ދުވަހަކު އަނެއްކާ ޑޮކްޓަރު އައިސް ބުނި މައިބަދައަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން ދުވަހަކުވެސް ދެން ނުހިނގޭނޭ. އަހަރެން ވަރަށް ފުން ނޭވާއެއް ލާފައި ބުނިން އެންމެ ރަނގަޅޭ. އަނެއް ދުވަހު އަނެއްކާ ޑޮކްޓަރު އައިސް ބުނެފި މައިބަދައަށް ލިބިފައިވާ ގެއްލުމާއި ބުރަކަށީގެ އޮޕަރޭޝަންގެ ސަބަބުން ދުވަހަކުވެސް ބަލިވެ އިނދެ ދަރިއަކު ނުލިބޭނޭ. އެ ދުވަހު އަހަރެންގެ ހިތް ހަލާކުވި. އަދި މަރުނުވެ ދުނިޔޭގައި ހުރުމުގެ މަގްސަދަކީ ކޮބައިހޭ ހިތަށް އެރި،"

މުނީބާ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ހަޔާތުގައި ދިމާވި ކަންތައްތަކުގެ ވާހަކަ ގިނަ ބަޔަކާ ހިއްސާކޮށްފަ އެވެ. ޔޫޓިއުބުގައިވާ މުނީބާގެ 6:37 މިނިޓުގެ ވީޑިއޯއަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މި ވީޑިއޯގައި މުނީބާ ވަނީ އޭނާއަށް ދިރިއުޅުމުގެ އުންމީދު ލިބުނު ގޮތް ވެސް ކިޔައިދީފަ އެވެ.

އޭނާ ބުނި ގޮތުގައި އެއް ދުވަހަކު އޭނާގެ ކޮއްކޮމެން އޭނާގެ ކައިރިއަށް އައި ދުވަހަކު، ހޮސްޕިޓަލުގެ ހުދު ފާރުތަކާއި ހުދު ހެދުމުގައި އުޅޭ މީހުން ފެނިފެނި ވަރުބަލިވެއްޖެ ކަމަށާއި ކުރަހަން ބޭނުންކަމަށް ބުނީ އެވެ. އަދި އެކަމަށް ބޭނުންވާ ކުލަ އާއި ކެންވަސް ގެނެސް ދިނުމަށް އެދުނެވެ.

މުނީބާ ހިންދީ ފިލްމު އެކްޓަރު ވިވެކް އޮބްރޯއީ އާއި އިތުރު ބައެއް މީހުންނާއެކު

މުނީބާ ހިންދީ ފިލްމު އެކްޓަރު ވިވެކް އޮބްރޯއީ އާއި އިތުރު ބައެއް މީހުންނާއެކު

އެންމެ ފުރަތަމަ ވެސް އޭނާ ކުރެހީ އޭނާގެ މަރުގެ ދާނެވެ. އޭގެ ފަހުން އޭނާ ހިތަށް އެރި ހުރިހާ އެއްޗެއް ކުރަހަން ފެށި އެވެ. އޭނާގެ ހަޔާތުގެ ވާހަކަ ވެސް އޭނާ ކިޔައިދިނީ ކުރެހުމުގެ ޒަރިއްޔާއިންނެވެ.

"މީހުން އައިސް އެ ޕެއިންޓިން ތައް ބަލާފަ ބުނާނެ ހާދަ ރީއްޗޭ. ހާދަ ގިނަ ކުލައެކޭ މީގައި މިހުރީ. އެއްވެސް މީހަކަށް އޭގައި ފޮރުވިފައިވާ ހިތާމަތަކެއް ނުފެނޭ. އެ ފެންނަނީ ހަމައެކަނި އަހަންނަށް. އަހަރެން ބޭނުންވާ ގޮތަށް އަމިއްލައަށް ދިރިއުޅެން އަހަރެން އެ ދުވަހު ނިންމިން. އެހެން މީހަކަށް އެންމެ ފުރިހަމަ މީހަކަށް ވާކަށް އަހަރެން ދެން ބޭނުމެއް ނުވި. އަހަރެން ބޭނުންވީ ވަގުތުގެ ބޭނުން ހިފައިގެން އަހަރެން އަމިއްލައަށް ބޭނުންވާ އެންމެ ފުރިހަމަ މީހާއަށް ވާން މަސައްކަތް ކުރަން،" މުނީބާ ބުންޏެވެ.

އެގޮތުން އޭނާ އެންމެ ފުރަތަމަ ކުރި ކަމަކީ އޭނާ ބިރު ގަންނަ ހުރިހާ ކަންތައްތަކެއް ގަނޑެއްގައި ނޯޓްކުރުމެވެ. އަދި ބިރު ގަންނަ ކަންތައްތަކުން ފަހަރަކު ކަމަކުން އަރައިގަންނަން މަސައްކަތް ފެށީ އެވެ.

އެ އެވަގުތު އޭނާ އެންމެ ބިރުގަންނަ ކަމަކަށް އޮތީ "ވަރި" އެވެ. އޭނާ ވިސްނާލިއިރު އެއީ ހަމައެކަނި އޭނާގެ ހިތުގައި އޮތް ބިރެކެވެ. އެހެންވެ އެ ބިރު ފިލުވާލުމުގެ ގޮތުން ފިރިމީހާ މިނިވަންކޮށްދިނީ އެވެ. އަދި ވަރިއަށްފަހު ފިރިހެންމީހާ އެހެން މީހަކާ ކައިވެނިކުރި ޚަބަރު ލިބުނު ދުވަހު އޭނާއަށް ހެޔޮއެދުމުގެ މެސެޖެއް މުނީބާ ފޮނުވި އެވެ. އަދި މިއަދުވެސް އޭނާ ކުރީގެ ފިރިމީހާއަށް ހެޔޮ ދުއާކުރާނެ ކަން އޭނާއަށް އެނގޭނެކަމަށް މުނީބާ ބުންޏެވެ.

ދެ ވަނަ އަށް އޭނާގެ ހިތުގައި އޮތް ބިރަކީ ދުވަހަކުވެސް މަންމައަކަށް ނުވޭނެކަމުގެ އިހްސާސެވެ. އެއީ ހަގީގަތުގައި ވެސް އޭނާގެ ހިތަށް ވަރަށް އަސަަރުކުރި ކަމެކެވެ. ނަމަވެސް އޭނާ ވިސްނާލިއިރު ދުނިޔޭގައި މަންމައަކަށް ބޭނުންވެފައިވާ އެތައް ހާސް ކުދިންނަށް އެބައުޅެޔޭ ހިތަށް އެރި އެވެ. އަދި ރޯނެކަމެއް ނެތޭ އެއިން ކުއްޖެއް އެޑޮޕްޓްކުރަން ވީޔޭ ހިތަށްއެރި އެވެ.

މުނީބާ ކަންތައް ކުރީ ހަމަ އެގޮތަށެވެ. އެކިއެކި ޔަތީމުޚާނާތަކަށާއި އޮގަނައިޒޭޝަންތަކަށް މުނީބާ އޭނާގެ ނަން ފޮނުވައިގެން ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން ދިޔަ އެވެ. ދެ އަހަރެއްހާ ދުވަސް ފަހުން ޕާކިސްތާނުގެ ވަރަށް ކުޑަކުޑަ ސިޓީއަކުން އޭނައަށް ފޯން ކޯލެއް އައެވެ. އެޑޮޕްޓްކުރަން ރަނގަޅު ތުއްތު ފިރިހެންކުއްޖެއް އޮތް ކަމުގެ އުފާވެރި ޚަބަރު އޭނާއަށް ލިބުނެވެ.

މުނީބާ ހިންދީ ފިލްމު އެކްޓަރު ވިވެކް އޮބްރޯއީ އާއި އިތުރު ބައެއް މީހުންނާއެކު

މުނީބާ ހިންދީ ފިލްމު އެކްޓަރު ވިވެކް އޮބްރޯއީ އާއި އިތުރު ބައެއް މީހުންނާއެކު

މުނީބާ އެ ތުއްތު ކުއްޖާއާ ހަވާލުވެ އެޑޮޕްޓްކުރިއިރު އެންމެ ދެ ދުވަހެވެ. މިހާރު ހަ އަހަރު ވެއްޖެ އެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުމުން މީހުންނަށް ކުރެވޭ އިހްސާސްތައް ކިޔައިދެމުން މުނީބާ ބުނީ އެހެން މީހުން ހިނގާ ބިނގާވެ އުޅޭއިރު ފުރޮޅުލީ ގޮނޑީގައި އިންނަ މީހާ ބަލައިގަންނަން އެހެން މީހުންނަށް ފަސޭހަ ނުވާނެ ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. އެއީ ވެސް މުނީބާގެ އޮތް ބިރެކެވެ.

އެ ބިރުން އަރައިގަތުމަށްޓަކައި މީހުން ގިނަ ތަންތަނަށް ނިކުމެ އުޅެން ފެށި އެވެ. ޕެއިންޓަރެއްގެ ގޮތުގައި އޭނާ މަސައްކަތް ފެށި އެވެ. އަދި ވަރަށް ގިނަ މޮޑެލިން އެސައިންމަންޓްތައް ވެސް އޭނާ ފުރިހަމަ ކުރި އެވެ. ޕާކިސްތާން ޓީވީ ޝޯ އެންކަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ފެށި އެވެ. އަދި ޔޫއެން ވިމެން، ޕާކިސްތާންގެ ނޭޝަނަލް ގްލޯބަލް ގުޑްވިލް އެމެބެސަރަކަށް އޭނާ ވި އެވެ. އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގޮތުން އޭނާ ވަކާލާތު ކޮށްދީފައި ވެ އެވެ.

ބީބީސީ 100 ވިމެން ފޯ 2015 ގައި މުނީބާ ހިމެނުނެވެ. ފޯބްސްގެ 30 އަންޑާ 30 ގައި ވެސް މުނީބާ ހިމެނުނެވެ.