Roadha Mihaaru
ލުތުފީގެ ޚަބަރެއް ނުވޭ، މުސާރަ ނަންގަވާ: އޭސީސީ

ލުތުފީގެ ޚަބަރެއް ނުވޭ، އެކަމަކު މުސާރަ ނަންގަވާ: އޭސީސީ

19 ޖޫން 2019

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ ޚަބަރެއް ނުވާތާ ދެ މަސް ވެއްޖެ ކަމަށާއި އެކަމަކު ބަރާބަރަށް މުސާރަ ނަންގަވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ ޚަބަރެއް ނުވާތާ ދެ މަސް ވެއްޖެ ކަމަށާއި އެކަމަކު ބަރާބަރަށް މުސާރަ ނަންގަވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އޭސީސީގެ މެމްބަރުން ހާޒިރުކޮށް، ސުވާލުކުރަން ލިބުނު ފުރުސަތުގައި އެ ކޮމިޓީގެ ގިނަ މެމްބަރުން އެއްސެވީ ލުތުފީ ކޮބައިތޯ އެވެ.

އޭސީސީ މެމްބަރުންގެ ފަރާތުން ޖަވާބު ދެއްވަމުން ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، ލުތުފީ ވީ ތަނެއް ކޮމިޝަންގެ މެމްބަރުންނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ކޮމިޝަންގެ އެއްވެސް ބައްދަލުވުމަކަށް ވަޑައިނުގަންނަވާ އިރު އޭނާގެ ޚަބަރެއް ވެސް ނުވާ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮފީހަށް ވަޑައިނުގެން ލުތުފީ މުސާރަ ނަންގަވާ މައްސަލައިގައި ކޮމިޝަންގެ މެމްބަރުން މަޝްވަރާ ކުރެއްވި އެވެ. އެކަމަކު ގާނޫނުގައިވާ ގޮތުން އެ ކޮމިޝަނަށް އެއްވެސް ފިޔަވަޅެއް އެޅެން ނެތް ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

"ގާނޫނުގައި ސާފުކޮށް އެބަ ބުނޭ ކޮމިޝަންގެ މެމްބަރެއްގެ މުސާރަ ނުވަތަ އިނާޔަތެއް ވެސް އުންޏެއް ނުކުރެވޭނެއޭ،" މުއައްވިޒް ވިދާޅުވި އެވެ.

އޭސީސީގެ މެމްބަރުން އެދިވަޑައިގަތީ، އެ މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމައި ދެއްވުމަށެވެ. މިނިވަން ކޮމިޝަންތަކުގެ މެމްބަރުން އޮފީހަށް ނުކުމެވަޑައިނުގަތަސް މުސާރަ ލިބޭ ގޮތަށް އޮންނަ އޮތުމަށް ގާނޫނީ ހައްލެއް ހޯދައިދޭން ޖެހޭ ކަމަށް ވެސް މުއައްވިޒް ވިދާޅުވި އެވެ.

އޭސީސީގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އޭސީސީގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރަސްމީ ޗުއްޓީއެއް ނެންގެވުމަށް ފަހު، އޮފީހަށް ވަޑައިނުގަންނަވާ އިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ލުތުފީއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެ މައްސަލައިގައި ތުހުމަތު ކުރަނީ ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން ހިންގި ކަމަށެވެ.

ލުތުފީގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުން ދިފާއުކޮށްދޭން ގާނޫނާ ޚިލާފަށް ލުތުފީ އަމަލުކުރެއްވި ކަމަށް ތުހުމަތު ކުރެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލަން އޭސީސީން ހިންގި ތަހުގީގުގައި ވެސް ލުތުފީ އަމަލުކުރެއްވީ އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި، ކޮރަޕްޝަންގެ ތުހުމަތުތަކުން ޔާމީނަށް ސަލާމަތްވެވޭނެ މަގު ފަހިވާ ގޮތަށެވެ.

އެ މައްސަލައިގައި އޭސީސީގެ މެމްބަރުންނަށް ގިނަ ސުވާލުތަކެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ކުރިމަތި ކުރެއްވި އެވެ.