Roadha Mihaaru
ޕާޓްނާޝިޕް ފޯރަމްގައި ބޮޑު މަޝްރޫއުތަކެއްގައި ސޮއިކުރަނީ

ޕާޓްނާޝިޕް ފޯރަމްގައި 31.2 މިލިއަން ޑޮލަރުގެ ބޮޑު ހަތަރު މަޝްރޫއުގައި ސޮއި ކުރަނީ

16 ޖޫން 2019

މާދަމާ ފަށާ ޕާޓްނާޝިޕް ފޯރަމްގައި 31.2 މިލިއަން ޑޮލަރު (481 މިލިއަން ރުފިޔާ) ހަރަދު ކުރާ މުހިއްމު ހަތަރު މަޝްރޫއުއެއްގައި ސޮއި ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާދަމާ ފަށާ ޕާޓްނާޝިޕް ފޯރަމްގައި 31.2 މިލިއަން ޑޮލަރު (481 މިލިއަން ރުފިޔާ) ހަރަދު ކުރާ މުހިއްމު ހަތަރު މަޝްރޫއުއެއްގައި ސޮއި ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ބާއްވާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މުހިއްމު ގިނަ އެގްރީމެންޓްތަކެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޖަފާނުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ އަށް ހަރަދު ކުރުމަށް ދޭ 500 މިލިއަން ޔެން (4.6 މިލިއަން ޑޮލަރު) ގެ ހިލޭ އެހީގެ މަޝްރޫއެއް ހިމެނެ އެވެ. އަދި އެމެރިކާ ސަރުކާރުން ރާއްޖެ އަށް މީގެ ކުރިން ދޭން ނިންމާފައިވާ ތިން މިލިއަން ޑޮލަރު، 11 މިލިއަން ޑޮލަރަށް އިތުރުކޮށް އާ އެގްރީމެންޓެއްގައި ސޮއިކުރާ ގޮތަށް ވެސް ހަމަޖެހިފައި ވެ އެވެ.

ޔޫރަޕިއަން ޔޫނިއަން އިން ގްރީން ހައުސް އެމިޝަނަށް ހަރަދު ކުރުމަށް ދޭ 5.6 މިލިއަން ޑޮލަރުގެ މަޝްރޫއު އާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ދޭ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ވެސް ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ފޮރިން މިނިސްޓަރު ޝާހިދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އިތުރު މަޝްވަރާތަކުގެ ތެރޭގައި އިތުރު ޕްރޮޖެކްޓްތަކާއި އެއްބަސްވުންތައް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

މި އެގްރީމެންޓްތަކުގެ އިތުރުން ޖޯޖިއާއާ އެކު އޮންނަ ގުޅުން ބަދަހިކޮށް ޓޫރިޒަމް ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް މި ފޯރަމްގައި ސޮއި ކުރާނެ އެވެ.

ޝާހިދު ވިދާޅުވީ، މިއީ ރާއްޖޭގައި ޕާޓްނާޝިޕް ފޯރަމް ބާއްވާ ހަތަރު ވަނަ ފަހަރު ނަމަވެސް، މިފަހަރު ވެގެންދާނީ، ބޭރުގެ ގައުމުތަކާއި މާލީ އިދާރާތަކުން އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވާ ފޯރަމަށް ކަމަށެވެ.

ތިރީސް ފަސް ގައުމުން ބައިވެރިވާ މި ފޯރަމްގައި 130 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ފޯރަމްގައި މުހިއްމު ގިނަ ކަންތައްތަކަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އެގޮތުން މާލީ އަދި އިގްތިސާދީ ދާއިރާއިން ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފޯރަމްގައި މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "ނޫ އިގްތިސާދު" އާ ގުޅޭ ގޮތުން ހާއްސަ މަޝްވަރާތަކެއް ކުރާނެ އެވެ.

ޕާޓްނާޝިޕް ފޯރަމާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ފިނޭންސް މިނިސްޓަރު އަމީރު ޑޮކިއުމަންޓެއް ބައްލަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޕާޓްނާޝިޕް ފޯރަމާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ފިނޭންސް މިނިސްޓަރު އަމީރު ޑޮކިއުމަންޓެއް ބައްލަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އިޖްތިމާއީ ދާއިރާއިން އެންމެ ބޮޑަށް އިންވެސްޓް ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ފޯރަމްގެ ބައިވެރިންނާ ހިއްސާކުރާނަން. އިދާރާތައް ހިންގުމަށް ނިޒާމް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނަން. ޕްރައިވެޓް ސެކްޓަރާ ގުޅިިގެން ގައުމު ތަރައްގީ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ޑިސްކަސް ކުރާނަން،" އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، މި ފޯރަމްގެ ތެރެއިން ސިއްހީ ހިދުމަތް ފުޅާ ކުރުމާ ގުޅޭ ގޮތުންނާއި ތައުލީމީ ދާއިރާ ފުޅާ ކުރުމަށް ވެސް އެހީ ހޯދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާނެ ރާއްޖޭގައި ފަސް ވަރަކަށް ސިޓީ ގާއިމް ކުރުމަށް. މި ސިޓީތަކަށް ބޭނުންވޭ ޓާޝަރީ ހޮސްޕިޓަލްތައް ގެންނަން. އެހެންވީމަ، ހެލްތު ކެއާ ފެސިލިޓީތައް ތަރައްގީ ކުރުމަށް ފަންޑިން ބޭނުންވާނެ،" އަމީރު ވިދާޅުވި އެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް ވެސް އެހީ ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއުތަކުގެ އިތުރުން ކޮމާޝަލް ހާބަރު ތިލަފުށީގައި ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަމީރު ވިދާޅުވީ، މި ފޯރަމްގައި އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އިސްކަންދޭނެ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ފޯރަމް ނިންމާލުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އެވެ.