Roadha Mihaaru
އުރީދޫގެ އީ ސީމް އާ އެކު އެއްފަހަރާ ނުވަ ސިމް

އުރީދޫ އީ ސިމް އާއެކު އެއް ފަހަރާ 9 ސިމް ބޭނުން ކުރެވޭނެ

16 ޖޫން 2019

އުރީދޫން ރާއްޖެ އަށް އީސިމްގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުރީދޫން ރާއްޖެ އަށް އީސިމްގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

އުރީދޫން މިއަދު ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

މިއީ މުޅި ދުނިޔެ އަށް ވެސް ވަރަށް އާ ހިދުމަތަކަށްވާ އިރު މިހާތަނަށް އީސިމްގެ ހިދުމަތް ދެނީ ދުނިޔޭގެ 30 ވަރަކަށް ގައުމުންނެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އުރީދޫން އަބަދުވެސް މަސައްކަތް ކުރަނީ، އެންމެ ފަހުގެ ޑިޖިޓަލް ހިދުމަތްތައް ރާއްޖެ އަށް ފޯރުކޮށްދިނުމަށް ކަމަށެވެ. މި ހިދުމަތާ އެކު އުރީދޫން ޕްރޮމޯޓް ކުރާ "ޑިޖިޓަލް މޯލްޑިވްސް" އަށް އާ ކަމެއް އިތުރުވެގެންދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހިދުމަތް ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ވެސް ވަރަށް ފަސޭހައިން ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޚިދުމަތުގެ ސަބަބުން، ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ އެތައް މިލިއަން ޓުއަރިސްޓުންގެ ދަތުރު ފެށުމުގެ ކުރިން ވެސް އުރީދޫ ޓުއަރިސްޓް ސިމެއް ގަނެވޭނެ. ރާއްޖޭގައި ފްލައިޓް ޖެއްސުމާ އެކު ނަމްބަރު އެކްޓިވޭޓް ކޮށްލުމަށް މަގުފަހިވޭ،" އޭނާ ވިދާޅުވި އެވެ.

މި ހިދުމަތާ އެކު ފިހާރައަކަށް ސިމް ގަންނަން ދިޔުމުގެ ބަދަލުގައި ސިމް ޑައުންލޯޑްކޮށްލެވޭނެ އެވެ. މިހާތަނަށް އީސިމް ސަޕޯޓް ކުރަނީ ވަރަށް މަދު ފޯނަކަށެވެ. އީސިމް ސަޕޯޓް ކުރަނީ އައިފޯން އެކްސް އެސް އާއި އައިފޯން އެކްސް އެސް މެކްސް އާއި އައިފޯން އެކްސް އާރްގެ އިތުރުން ގޫގުލް ޕިކްސެލް 3 އަށެވެ.

އީސިމްގެ ހިދުމަތް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ އިސް މެނޭޖްމެންޓާ އެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--ފޮޓޯ:ހުސައިން ވަހީދު/މިހާރު

އީސިމްގެ ހިދުމަތް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ އިސް މެނޭޖްމެންޓާ އެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--ފޮޓޯ:ހުސައިން ވަހީދު/މިހާރު

އީސިމްގެ ހިދުމަތް މެދުވެރިކޮށް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ޓުއަރިސްޓް ޕްލޭން ވެސް ހޯދޭނެ އެވެ. މި އިލެކްޓްރޯނިކް ސިމް ކާޑު މެދުވެރިކޮށް، ކޮންމެ ފޯނެއްގައި ވެސް 9 ނަމްބަރު ބޭނުންކުރެވޭނެ އެވެ.

އީސިމް ހިދުމަތާ އެކު، ކޮންމެ ތަނެއްގައި ހުރެގެން ވެސް ކަސްޓަމަރުންނަށް އުރީދޫގެ ނަމްބަރެއް ނަގައި ފަސޭހަކަމާ އެކު އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އީސިމްގެ ހިދުމަތް ހޯދުމަށް އުރީދޫ މޯލްޑިވްސް ވެބްސައިޓުގައި އީސިމް ޕޭޖަށް ގޮސް ބޭނުންވާ ޕްލޭން އިހްތިޔާރު ކުރުމަށްފަހު ފޯނު ނަންބަރު ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކުމަށްފަހު، ލިބޭ ކޮންފަމޭޝަން އެސްއެމްއެސްގައިވާ ކިއުއާރް ކޯޑު ސްކޭން ކޮށްލެވޭނެ އެވެ. އެއަށްފަހު އީސިމް އެކްޓިވޭޓް ކުރުމަށްފަހު ހިދުމަތް ބޭނުން ކުރެވޭނެ އެވެ.