Roadha Mihaaru
ޖަޕާނު އަންހެނުން ހައި ހީލްސްއާ ދެކޮޅަށް ތެދުވެއްޖެ

ހައި ހީލްސްއާ ދެކޮޅަށް ޖަޕާނު އަންހެނުންގެ ޕެޓިޝަނެއް

06 ޖޫން 2019

ޖަޕާނުގެ ރަސްމީ ޑްރެސް ކޯޑްގައި އަންހެން މުވައްޒަފުން ހައި ހީލްސް އަށް އަރަން ޖެހޭތީ އެކަމާ ދެކޮޅަށް އަންހެނުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޕާނުގެ ރަސްމީ ޑްރެސް ކޯޑްގައި އަންހެން މުވައްޒަފުން ހައި ހީލްސް އަށް އަރަން ޖެހޭތީ އެކަމާ ދެކޮޅަށް އަންހެނުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މިހާތަނަށް 20،000 އާ ގާތް ކުރާ އަދަދަކަށް އަންހެނުން ސޮއިކޮށްފައިވާ ޕެޓިޝަނުގެ މަސައްކަތުގައި އިސްކޮށް ހުރީ ޓޯކިއޯގެ ލިޔުންތެރިޔާ/އާޓިސްޓް ޔޫމީ އިޝިކާވާ އެވެ. އޭނާ ބުނި ގޮތުގައި މަސައްކަތުގެ މާހައުލުގައި އަންހެނުން ހީލްސް އަށް އަރަން މަޖުބޫރުވާ އުސޫލެއް ގެންގުޅުމަކީ އަންހެންނުންގެ ހައްގަކަށް އަރައިގަތުމުގެ އިތުރަށް، ދެ ޖިންސްގެ މީހުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.

ޔޫމީ ބުނީ ހައި ހީލްސް އަށް އަރައިގެން އުޅުމަކީ ވޭން ހުރި ކަމެކެވެ. ވަކިން ހާއްސަކޮށް ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހޭ އަންހެނުން އަބަދު ހައި ހީލްސް އަރަން ޖެހުމުން ފަޔަށް އެކި ކަހަލަ ގެއްލުންވުމުގެ އިތުރަށް ސިއްހަތަށް ވެސް ނުރައްކާވާކަން ދިރާސާތަކުން ވެސް ދައްކާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

"ޖަޕާނަކީ ވަރަށް ހަރުކަށި އުސޫލުތަކެއް ދެ ޖިންސްގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމުގައި އޮތް ކަމެއް،" އޭނާ ރޮއިޓާޒް އަށް ބުންޏެވެ. "އެހެންވެ މަސައްކަތުގެ މާހައުގައި ގެންގުޅޭ މި ތަފާތު ކުރުންތައް ނިމުމަކަށް ގެންނަން ބޭނުން ވަނީ."

އެހެންވެ މިކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށް ކެމްޕޭން ކުރަމުން އަންނަ އިރު، ހޭޝްޓެއްގެ ގޮތުގައި ބޭނުން ކުރަނީ #ކޫޓޫ އެވެ. އެއިން ނިސްބަތްކޮށް ދެނީ "ބޫޓާއި ރިހުން" އެވެ.

ހައި ހީލްސްގެ މައްސަލަ ޖަޕާނުގައި ހޫނުވެފައިވާ އިރު މިކަމާ ބެހޭ ގޮތުން އެ ގައުމުގެ ހެލްތު، ލޭބާ އެންޑް ވެލްފެއާ މިނިސްޓްރީގެ އޮފިޝަލަކު ސީއެންއެން އަށް ވިދާޅުވީ ހައި ހީލްސް އަށް އަރަން ޖެހޭ އުސޫލު ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އަދި ހަމައެއާ އެކު ކުންފުނިތަކުން ގެންގުޅޭ ޑްރެސް ކޯޑަށް ހުރަސް އެޅޭ ކަހަލަ ގާނޫނެއް ތަންފީޒު ކުރުމުގެ ވިސްނުމެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ. "މީގައި މުހިއްމު ކަމަކީ މީހުންގެ ވިސްނުން ބަދަލު ކުރުން."

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ޖެންޑަ-އީކްއަލިޓީ ރޭންކަށް ބަލާ އިރު، 149 ގައުމު ހިމެނޭ ލިސްޓްގައި ޖަޕާން މި ވަގުތު އޮތީ 110 ވަނައިގަ އެވެ.