Roadha Mihaaru
އަންހެނުންނަށް ބެގީއެއް ނުކުރެވޭނެއޭ؟!

އަންހެނުންނަށް ބެގީއެއް ނުކުރެވޭނެއޭ؟!

16 މެއި 2017

ފިރިހެނުން ބެގީކުރުން ހުއްދަވެފައި އަންހެނުން ބެގީކުރުން މަނާވާންވީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލު އުފެދި ބޮޑު ބަހުސަކަށް ބަދަލުވީ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ހެދުން އަޅަންވީ ގޮތުގެ ގަވާއިދަށް ގެނައި އިސްލާހަކާ އެކު އެވެ. އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް، ބުޑު ފާޅުވާ ކަހަލަ ހެދުން އެޅުން މިހާރު މަނަ އެވެ. އެ ގަވާއިދު ބުނާ ގޮތުން "އަންހެން މުވައްޒަފުން އޮފީހުގެ ރަސްމީ ގަޑީގައި ބޭނުންކުރަންވާނީ ފޫކޮޅު ނިވާ[ވާ] ވަރުގެ ހެދުމެކެވެ. އަދި އަންހެން މުވައްޒަފުން ހެދުން ދަށަށް ޖަހާފައި (ބެގީކޮށްފައި) ހުރެގެން ނުވާނެ އެވެ."

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ފިރިހެނުން ބެގީކުރުން ހުއްދަވެފައި އަންހެނުން ބެގީކުރުން މަނާވާންވީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލު އުފެދި ބޮޑު ބަހުސަކަށް ބަދަލުވީ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ހެދުން އަޅަންވީ ގޮތުގެ ގަވާއިދަށް ގެނައި އިސްލާހަކާ އެކު އެވެ. އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް، ބުޑު ފާޅުވާ ކަހަލަ ހެދުން އެޅުން މިހާރު މަނަ އެވެ. އެ ގަވާއިދު ބުނާ ގޮތުން "އަންހެން މުވައްޒަފުން އޮފީހުގެ ރަސްމީ ގަޑީގައި ބޭނުންކުރަންވާނީ ފޫކޮޅު ނިވާ[ވާ] ވަރުގެ ހެދުމެކެވެ. އަދި އަންހެން މުވައްޒަފުން ހެދުން ދަށަށް ޖަހާފައި (ބެގީކޮށްފައި) ހުރެގެން ނުވާނެ އެވެ."

މި އެންގުމާ އެކު އެތައް ބަޔަކު ދަނީ ތަފާތު ހިޔާލު ފާޅުކުރަމުންނެވެ.

މިއީ ކިހިނެއް އައި ވިސްނުމެއް ކަމެއް ނުވަތަ ކޮން މަގްސަދެއްގައި އަމަލުކުރަން ފެށި އުސޫލެއް ކަމެއް ފެނަކަ އިން އާއްމުކޮށްފައެއް ނުވެ އެވެ. ސޯޝަލް މީޑިއާގައި އަމާޒުވަމުންދާ ފާޑުކިޔުންތަކާ ބެހޭ ގޮތުން އެ ކުންފުނިން އިސްވެ އެއްޗެއް ބުނެފައި ނުވާ އިރު، ކުންފުނީގެ އިސް ބޭފުޅެއްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ވެސް ނުވި އެވެ. އެހެންވެ، ފެނަކައިގެ ނިންމުމާ މެދު އުފައްދާ ސުވާލުތައް އަދިވެސް ހުރި ގޮތަށް ހުރީ އެވެ.

އެއް ކަމަކީ، ބޭނުންކޮށްފައިވާ ލަފްޒުގެ މައްސަލަ އެވެ. ފޫކޮޅު "ނިވާ" ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ލިޔެފައި އޮތަސް، ހަގީގަތުގައި ބުނަން އެ އުޅެނީ ފޫކޮޅުގެ ބައްޓަން ފޮރުވާ ވާހަކަ އެވެ. (އެއްވެސް މީހަކު ފޫކޮޅު ނިވާ ނުކޮށް އޮފީހަކަށް ނުދާނެ އެވެ.) އެހެންކަމުން އެއް ބައެއްގެ ސުވާލަކީ ހެދުން އެޅުމުގެ މިނިވަންކަމާއި އިޚްތިޔާރު، ވަކި ޖިންސަކަށް ވީތީ، މިފަދަ ގޮތަކަށް ހަނިކުރުމަކީ އިންސާފެއް ހެއްޔެވެ؟

ވަޒީފާގެ މާހައުލުގައި ހެދުން އަޅަން ޖެހޭ ގޮތުގެ ގަވާއިދެއް އޮތުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، އޮފީހަށް ދާ އިރު ބެގީކުރުމުގެ މިނިވަންކަން ފިރިހެނުންނަށް އޮވެފައި އަންހެނުންގެ ކިބައިން އެ މިނިވަންކަން ނިގުޅައިގަންނަން ޖެހޭ ސަބަބަކީ ކޮބާ ހެއްޔެވެ؟ މިއީ ހިޔާލު ތަފާތު މީހުން ކުރާ އަނެއް ސުވާލެވެ.

ފެނަކައިގެ ގަވާއިދަށް ގެނައި ބަދަލާ އެކު ސޯޝަލް މީޑިއާގައި އެ ކުންފުނި މިހާރު އޮތީ ހޫނުފެނުގަ އެވެ.

އެކަމަކު ފެނަކައިގެ ނިންމުމަށް ތާއީދުކުރާ މީހުން ވެސް މަދެއް ނޫނެވެ. އޭގެ ސަބަބުތައް، ދީނީ އަދި އިޖުތިމާއީ ވިސްނުންތަކުން ފެށިގެން ގޮސް ރީތި/ހުތުރު ނުވަތަ ފެޝަނާ ހަމައަށް ވެސް އެބަ ހުއްޓެވެ.

"އަހަންނަށް ހަމައެކަނި މައްސަލައަކީ ބެގީކުރާ އިރު ބައެއް މީހުން ހެދުން އަޅައިގެން ތިބޭ ގޮތް. އެ މީހުންނަށް ވަރަށް ލަދުވެތި އަދި ނުގުޅޭ ގޮތްގޮތަށް ވެސް އެބަ ތިބޭ،" ފިރިހެނަކު ޚިޔާލުފާޅުކުރި އެވެ.

އޭނާ އެ ބުނަނީ ފެޝަންގެ ގަވާއިދުތައް ނުވަތަ އެ މީހެއްގެ ސިފަ އާއި ބައްޓަމަށް އެކަށީގެންވާ ގޮތަށް ހެދުން އަޅަން ސަމާލުކަންދީ ބޯލަނބަން ޖެހޭ، "އެންމެންނަށް ގަބޫލުކުރެވޭ" އުސޫލުތަކުގެ ވާހަކަ އެވެ. އެއީ އަދި އެހެން ކަމެކެވެ.

މިއީ އަންހެނުން ހެދުން އަޅަން ޖެހޭ ގޮތް ފިރިހެނުން ނުވަތަ "މުޖުތަމައު" އިން ކަނޑައަޅައިދިނުމާ ދެކޮޅަށް މީހުން އަޑުއުފުލަމުން އަންނަ ޒަމާނެކެވެ. އަންހެނުން ލައި އުޅޭ އެއްޗެއްސާއި އެ މީހުންގެ ހަށިގަނޑުގެ ބައްޓަމަށް އަމާޒުކޮށްގެން އުސޫލުތަކާއި ގަވާއިދުތައް ހަދައި ވަކި ގޮތްތަކެއް މަޖުބޫރުކުރުން އެއް ބަޔަކު ބަލައެއް ނުގަނެ އެވެ. އަދި ވަކި ޖިންސެއްގެ ސިފަ އަށް އެފަދަ ބޮޑު ސަމާލުކަމެއް ހުއްޓެންވީ ކީއްވެގެންތޯ، މި ސުވާލު ވެސް އުފައްދަ އެވެ.

އެކަމަކު ޖިންސީ ހަމަހަމަކަމާއި އަންހެނުންގެ ހައްގުތަކުގެ ނަޒަރުން ވިސްނިޔަސް، ބައެއް މީހުންނަށް ފެނަކައިގެ އުސޫލުގައި މައްސަލައެއް ނެތެވެ. މިސާލަކަށް، ކުރީގެ ޖެންޑާ މިނިސްޓަރު އަދި ހޯޕް ފޯ ވިމެންގެ ފައުންޑަ މެމްބަރު އަނީސާ އަހުމަދެވެ.

"މި ކަހަލަ އިސްލާމީ މުޖުތަމައެއްގައި އަޅުގަނޑަށް އެ ގޮތް ރަނގަޅު. އޮފީހަށް ދާއިރު ޑީސެންޓްކޮށް އަދި މޮޑެސްޓްކޮށް ހެދުން އެޅުމަކީ ރަނގަޅު ކަމެއް. ބައެއް ބޭފުޅުންނަށް ހީވެދާނެ އަޅުގަނޑު އަންހެނުންގެ ހައްގުތަކަށް ހުރަސްއަޅަން ބުނާ އެއްޗެކޭ ވެސް. އެކަމަކު މިއީ އަޅުގަނޑު އަމިއްލަ ގޮތުން ދެކޭ ގޮތް،" އަނީސާ ވިދާޅުވި އެވެ.

"ދަށަށް ޖަހާފައި މަތިން ޖެކެޓެއް ލެވޭ ގޮތަށް އޮންނަ ނަމަ ރަނގަޅުވީސް."

އެކަމަކު އަންހެނުންގެ ހައްގުތަކަށް ވަކާލުތުކުރައްވާ އެހެން ބައެއް ބޭފުޅުންގެ ޚިޔާލު ހުރީ ދިމާ އިދިިކޮޅަށެވެ.

އުތެމަގެ ފައުންޑަ މެމްބަރު ޝާދިޔާ އިބްރާހީމް ގަބޫލުކުރައްވާ ގޮތުގައި ފެނަކައިގެ ގަވާއިދަށް ގެނައި ބަދަލަކީ، އަންހެނަކަށް ވީތީ ތަފާތުކުރުމުގެ ސިލްސިލާ އަށް އިތުރުވި ބޮޅެކެވެ.

"ހަގީގަތުގައި މިއީ ކޮށްގެން ވާނެ ކަމެއް ނޫން. ވަރަށް ބޮޑަށް ވަކި ކޮޅަކަށް ޖެހިފައި އޮތް ނިންމުމެއް މިއީ. އަންހެނުންނަށް އެއްވެސް އިހުސާސްތަކެއް ނުކުރަނީބާ، ފިރިހެނުން ބެގީކޮށްފައި ފޫކޮޅަށް ވާންކޮށް ހުރީމަ؟ އެއީ ސުވާލެއް. ވަކި ބަޔަކަށް މި ކަން ކުރަން ޖެހޭތީ މައްސަލައަކީ،" އޭނާ ވިދާޅުވި އެވެ.

ޝާދިޔާ ފާހަގަކުރެއްވި ގޮތުގައި، އާއްމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް އޮފީހެއްގެ ޑްރެސް ކޯޑް ބައްޓަންކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އަންހެނުން ބެގީކުރުން އެ މިންގަނޑުން ބޭރުވަނީ ކޮން ގޮތަކުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި މިފަދަ އުސޫލަކުން އެ ދެވެނީ ގޯސް މެސެޖެއް ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

"ޑްރެސް ކޯޑެއް އޮތުމަކީ މައްސަލައެއް ނޫން. މި ބުނަނީ އެ މީހަކު ހިތުހުރި ގޮތަކަށް ހެދުން އެޅެން ޖެހޭނެއެކޭ ނޫން. އެކަމަކު މިފަދަ ކަންކަން ކުރީމަ، ނުސީދާކޮށް މި ބަލައިގަނެވެނީ، ފުރައްސާރަކުރުން ކަހަލަ ކަންކަން މި ކުރަނީ އަންހެނުންގެ މައްސަލައެއް އޮވެގެންނޭ،" އޭނާ ވިދާޅުވި އެވެ.

"އަންހެނުންގެ ހެދުން ވަކި ހިސާބަކަށް ހުންނާތީއޭ ފޮށެނީ، އެހެން ބުނެވޭނެ ހުއްޖަތެއްގެ ގޮތަށް މާނަކުރެވެނީ. އެއީ އެއްގޮތަކަށް ވެސް ކަން ހިނގައިގެން ވާނެ ގޮތެއް ނޫން."

މިހާރުގެ ގޮތަށް އަންހެނުން ބެގީކުރުމަކީ ދިވެހިންގެ ތެރެ އަށް ދާދި ފަހުން ތައާރަފްވި ކަމެކެވެ. އެހާ އާއްމު ނޫނަސް، ޒުވާން ބައެއް އަންހެނުން އޮފީހަށް ދާ އިރު އަދި އެ ނޫން މުނާސަބަތުތަކަށް ވެސް، ފަޓުލޫނު ނުވަތަ ސްކާޓާ އެކު ހެދުމުގެ މަތީ ބައި ދަށަށް ޖަހާފައި ހުރެ އެވެ. ޚާއްސަކޮށް އެއީ ރަސްމީކޮށް ހެދުން އެޅުމުގެ ސްޓައިލެކެވެ. މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ފެނަކަ އިން ބަދަލު ގެނައީ މި ޓްރެންޑާ އެކު ކަމަށް ވެދާނެ އެވެ.

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ބައެއް އަންހެނުން ވެސް ދަށަށް ޖަހަ އެވެ. ސިވިލް ސާވިސްގެ މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުގައި އެކަން މަނާކޮށްފައެއް ވެސް ނެތެވެ. އެ މިންގަނޑުގައި ބުނެފައި އޮންނަނީ އަންހެނުންގެ ހެދުމުގެ މަތީ ބައި، ގަމީސް އަދި ސޫޓް ޖެކެޓް ހުންނަން ޖެހޭނީ "ބުޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗި އަށް ވުރެ ހެދުން ކުރު ނުވާ ވަރަށް" ކަމަށެވެ. ދަށަށް ޖެހުން ހުއްޓުވާ އިބާރާތެއް ނެތެވެ.

އެކަމަކު ސުވާލަކީ ފެނަކައިގެ ގަވާއިދަށް މި ގެނައި ބަދަލަކީ ފެށުމެއް ހެއްޔެވެ؟ އަންހެނުން ބެގީކުރުމުގެ "މައްސަލަ" ކުންފުނިތަކާއި އޮފީސްތަކުން ނަގަމުން ގޮސް، އާއްމު ހުރިހާ ތަނެއްގައި އެކަން މައްސަލައަކަށް ނުވެ ހިނގައިދާނެ ހެއްޔެވެ؟ އަދި، މި ގޮތަށް މައްސަލައަކަށް ވާނީ ހަމައެކަނި ދަށަށް ޖެހުން ހެއްޔެވެ؟