Roadha Mihaaru
ހަނދު ބެލުމަށް ހާއްސަ އެޕެއް ލޯންޗްކޮށްފި

ހަނދު ބެލުމަށް ހާއްސަ އެޕެއް ޕާކިސްތާނުގައި ލޯންޗްކޮށްފި

03 ޖޫން 2019

އިސްލާމީ ކަލަންޑަރުގެ ހާއްސަ ދުވަސްތައް ކަނޑައެޅުމަށް ހަނދު ބަލަން ހާއްސަ ވެބް ސައިޓެއް ލޯންޗްކޮށްފައި ވަނިކޮށް، އެކަމަށް ހާއްސަ މޮބައިލް އެޕެއް ވެސް ޕާކިސްތާނުގައި ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިސްލާމީ ކަލަންޑަރުގެ ހާއްސަ ދުވަސްތައް ކަނޑައެޅުމަށް ހަނދު ބަލަން ހާއްސަ ވެބް ސައިޓެއް ލޯންޗްކޮށްފައި ވަނިކޮށް، އެކަމަށް ހާއްސަ މޮބައިލް އެޕެއް ވެސް ޕާކިސްތާނުގައި ލޯންޗްކޮށްފި އެވެ.

"ދަ ރުއެޓް" ގެ ނަން ދީފައިވާ މި އެޕް ބުރާސްފަތި ދުވަހު ލޯންޗްކޮށްދެއްވީ ޕާކިސްތާނުގެ ސައިންސް އެންޑް ޓެކްނޮލޮޖީގެ ފެޑެރެލް މިނިސްޓަރު ފަވާދު ޗައުދަރީ އެވެ. އެޕަށް ނަން ދީފައި ވަނީ ހަނދު ބަލަން ހާއްސަކޮށްފައި އޮންނަ ކޮމިޓީ ރުއެތޭ ހިލާލު ކޮމިޓީ (އާރްއެޗްސީ) އަށް ނިސްބަތްކޮށެވެ.

މި ވަގުތު ހަމައެކަނި ގޫގްލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭ މި އެޕުން ހަނދާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބޭނެ އެވެ. އޭގެ ތެރޭގައި ހަނދު ބެލުމަށް ބޭނުން ކުރާ ޒަމާނީ އުސޫލުތަކާއި ގަދީމީ އުސޫލުތަކާއި ތާރީހީ ގޮތުންނާއި ދިރާސީ ގޮތުން ހަނދާ ބެހޭ ގޮތުން ހޯދާފައިވާ ހޯދުންތަކާ ބެހޭ މައުލޫމާތު ހިމެނެ އެވެ.

ފިތުރު އީދާ ވެސް ދިމާކޮށް "ދަ ރުއެޓް" ލޯންޗް ކުރި އިރު، އެޕުން މެދުވެރިކޮށް ހިޖުރީ ކަލަންޑަރާއި ހަނދާއި އިރާއި އަދި އެ ނޫން ވެސް ޕްލެޓްނެޓްތަކާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް ވެސް ލިބޭނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަނދު ބެލުމާއި ހަނދާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މީގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައި ޓެކްނޮލޮޖީ އަށް އަހުލުވެރިވުން އިތުރުވެގެން ދާނެ ކަަމަށް ވިދާޅުވި އެވެ.

"ދުރާލައި ހަނދާ ބެހޭ މައުލޫމާތު ލިބުމަކީ އިސްލާމް ދީނުގެ ހާއްސަ ދުވަސްތަކަށް ދުރާލައި ތައްޔާރުވާން ވެސް ލިބޭނެ ފުރުސަތެއް،" ފަވާދު ވިދާޅުވި އެވެ.