Roadha Mihaaru
އިންސާނުން ގެންގުޅެން ޖަލުތައް އެކަށީގެން ނުވޭ: ރިޕޯޓް

އިންސާނުން ގެންގުޅެން ރާއްޖޭގެ ޖަލުތައް އެކަށީގެނެއް ނުވޭ: ރިޕޯޓް

28 މެއި 2019

ރާއްޖޭގައި މިހާރު ހުރި ޖަލުތަކަކީ އިންސާނުން ބަންދުކޮށްގެން ގެންގުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް، ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލި ކޮމިޝަނުން ކަނޑައަޅައިފި އެވެ.

ރާއްޖޭގައި މިހާރު ހުރި ޖަލުތަކަކީ އިންސާނުން ބަންދުކޮށްގެން ގެންގުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް، ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލި ކޮމިޝަނުން ކަނޑައަޅައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު އާންމުކުރި ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެ ޖަލުތައް އެންމެ އެކަށީގެންވާ ގޮތަށް ނުހިންގެނީ އެ އިމާރާތްތައް ފަރުމާކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށެވެ. އަދި ތިން އަހަރުގެ ތެރޭގައި އެކަށީގެންވާ އާ އިމާރާތްތަކެއް ހަދައި އެތަނަށް ގައިދީން ބަދަލުކުރަން ލަފާ ދީފައިވެ އެވެ. ރިޕޯޓްގައި ބުނެފައިވަނީ ޖަލުތަކުގެ އާ އިމާރާތްތައް ހަދަންވާނީ އދ. އިން ކަނޑައަޅާފައިވާ އުސޫލަށް ކަމަށެވެ.

ޖަލުތަކުގެ ހާލަތު ބަޔާންކުރާ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ހުރިހާ ގިންތިއެއްގެ ގައިދީން ވެސް އެއް ތަނެއްގައި ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުން އަންނަ މީހުންނާއި ތަހުގީގު ނިމެންދެން ބަންދުކުރާ މީހުން އެއްތަނެއްގައި ބެއިތިއްބުން ހިމެނޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން، އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމުން ގައިދީންގެ ކަންތައް ރަނގަޅަށް ނުބެލެހެއްޓޭ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ގައިދީންގެ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް ޖަލުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ލަފާދީފައިވެ އެވެ.

ހޯމް މިނިސްޓްރީން އާންމުކުރި 290 ސަފުހާގެ ރިޕޯޓުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މަސައްކަތް ފުރިހަމައަށް ނުކުރާކަން ވެސް ފާހަގަކޮށްފައިވެ އެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ޖަލުތަކުގެ ހާލަތު ބެލުމަށް އެކުލަވާލި ކޮމިޓީގެ މަސައްކަތް ފުރިހަމަކުރުމުގައި އެޅުނު ހުރަހެކެވެ. އެހެންވެ އެންއައިސީގެ މެމްބަރުން ޖަވާބުދާރީ ކުރުވަން މަޖިލިހަށް ހާޒިރުކުރަން ވަނީ ހުށަހަޅައިފަ އެވެ.

މި ރިޕޯޓުގެ އެންމެ ގިނަ ހުށަހެޅުންތަކެއް އަމާޒުވެފައި ވަނީ ޖަލުތަކާ ގުޅޭ ސިޔާސަތުތަކަށެވެ. ދެން އެންމެ ގިނައީ ގާނޫނާއި ގަވާއިދުތަކަށް ހުށަހަޅާފައިވާ އިސްލާހެވެ. އަދި އިދާރީ މައްސަލަތަކާއި ބަޖެޓާ ގުޅުންހުރި ކަންކަން ވެސް ހިމެނެ އެވެ.