Roadha Mihaaru
ދުވާލު ވަގުތު މަޖީދީމަގު ވަންވޭކުރުން ހުއްޓާލައިފި

ސްކޫލުތައް ބަންދުވުމާ އެކު ދުވާލު ވަގުތު މަޖީދީމަގު ވަންވޭކުރުން ހުއްޓާލައިފި

19 މެއި 2019

ސްކޫލުތަކުގެ ކިޔެވުން ބަންދުވުމާ އެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ދުވާލުގަޑީގައި މަޖީދީމަގު ވަންވޭކުރުން ހުއްޓާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތަކުގެ ކިޔެވުން ބަންދުވުމާ އެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ދުވާލުގަޑީގައި މަޖީދީމަގު ވަންވޭކުރުން ހުއްޓާލައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ރަސްމީ ދުވަސްތަކުގައި މަޖީދީ މަގުން ދުއްވޭނީ ހުޅަނގުން އިރަށް ކަމަށް ކުރިން ނިންމިއަސް، ދުވާލުގެ ގަޑިތަކުގައި މިހާރު ދެކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު ރޭގަނޑު ގަޑީގައި އެންމެ ބާރުބޮޑު މަގު ވަންވޭ ކުރާކަމަށް ވިދާޅުވި އެވެ.

"ކުރީގައި ވެސް ރޭގަނޑު، މަޖީދީމަގު ވަންވޭ ކުރާ އުސޫލުން މިހާރު މި ވަންވޭ ކުރަނީ. މިގޮތަށް ކުރިއަށްދާނެ ރޯދައަށް ފަހު ވެސް،" އިޒްމިއާ ވިދާޅުވި އެވެ.

ފުރަތަމަ ޓާމުގެ ޓެސްޓުތައް ނިންމައި ގިނަ ސްކޫލުތަކެއްގެ ކިޔެވުން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. މި މަހުގެ 30 ވަނަ ދުވަހު ރިޕޯޓު ފޮތް ދޭއިރު، ސްކޫލުތައް ދެން ހުޅުވާނީ ރޯދައަށް ފަހު އަންނަ މަހުގެ 9 ގަ އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން ހެނދުނު 8:00 އިން ފެށިގެން 2:00 އަށް ހަތަރު ފުރޮޅުލީ އުޅަނދު މަޖީދީ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަމަޖެއްސި އެވެ. ސޯސަންމަގުން ފެށިގެން މާވެޔޮ މަގާ ހަމައަށް ވަންވޭ ކުރީ ރޯދަ މަހު ސްކޫލުތަކާއި އޮފީސްތައް ނިމޭ ވަގުތާއި މުދާ އުފުލާ ގަޑިއާ ދިމާވެ، މަޖީދީމަގަށް ވަރަށް ބާރު ބޮޑުވާތީ އެވެ.

ޓްރެފިކް ޕޮލިސް ޔުނިޓުގެ ހެޑް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލުތުފީ ކުރިން ވިދާޅުވިގޮތުގައި މަޖީދީމަގު ވަންވޭ ކުރުމުން ޓްރެފިކަށް ވަރަށް ބޮޑަށް ލުއިވާނެ އެވެ. އަދި އެ ބަދަލު ގެނައީ ރޯދައިގެ ފުރަތަމަ ތިން ދުވަހަށް ބެލުމަށްފަހު ކަމަށް ވިދާޅުވި އެވެ.