Roadha Mihaaru
ސޫރަތުލްކައުޘަރު: ކުރު، އެހެނަސް ވަރުގަދަ ސޫރަތެއް

ސޫރަތުލްކައުޘަރު: ކުރު، ނަމަވެސް ވަރުގަދަ ސޫރަތެއް

17 މެއި 2019

ލަފުޒުގެ އަދަދާއި އަކުރުގެ އަދަދަށް ބަލާއިރު ޤުރްއާނުގައިވާ އެންމެ ކުރު ސޫރަތަކީ ސޫރަތުލްކައުޘަރު އެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ މައްކީ ސޫރަތެކެވެ. މި ސޫރަތް ބޮޑަށް ޚާއްޞަވެފައިވަނީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށެވެ. މުޝްރިކުންގެ މަލާމާތްތަކާއި އުނދަގޫތަކުގެ ކުރިމަތީ ކެތްތެރިކަމާ އެކު ސާބިތުކަން މަތީ އެކަލޭގެފާނު ހުންނެވުމަށް ލިބިވަޑައިގެންނެވި ހަދިޔާއެއްގެ ގޮތުގަ އެވެ. އަދި އެކަލޭގެފާނަށް އީމާންވާ މީހުންނަށް އުފާވެރި ޚަބަރަކާއި މުހިންމު އިރުޝާދުތަކެއްގެ ގޮތުގަ އެވެ.

ލަފުޒުގެ އަދަދާއި އަކުރުގެ އަދަދަށް ބަލާއިރު ޤުރްއާނުގައިވާ އެންމެ ކުރު ސޫރަތަކީ ސޫރަތުލްކައުޘަރު އެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ މައްކީ ސޫރަތެކެވެ. މި ސޫރަތް ބޮޑަށް ޚާއްޞަވެފައިވަނީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށެވެ. މުޝްރިކުންގެ މަލާމާތްތަކާއި އުނދަގޫތަކުގެ ކުރިމަތީ ކެތްތެރިކަމާ އެކު ސާބިތުކަން މަތީ އެކަލޭގެފާނު ހުންނެވުމަށް ލިބިވަޑައިގެންނެވި ހަދިޔާއެއްގެ ގޮތުގަ އެވެ. އަދި އެކަލޭގެފާނަށް އީމާންވާ މީހުންނަށް އުފާވެރި ޚަބަރަކާއި މުހިންމު އިރުޝާދުތަކެއްގެ ގޮތުގަ އެވެ.

މި ސޫރަތަށް ނަން ދެވިފައިވަނީ ސޫރަތުގައި ކައުޘަރުގެ ވާހަކަ ބަޔާންވެފައި ވުމުންނެވެ. އެއީ ކީރިތި ނަބިއްޔާއަށް އުފާވެރިކަން ގެނެސްދެއްވި އެންމެ މުހިންމު ވާހަކައަކަށް މި ސޫރަތުގައި އެކަން ވާތީ އެވެ. ކައުޘަރުގެ ލަފުޒީ މާނައަކީ ގިނަވެގެންވާ ހެޔޮކަމެވެ. މި ސޫރަތުގައި ކައުޘަރުގެ މާނަ ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވަނީ އެއީ ސުވަރުގޭގައިވާ ފެނުގެ އާރެއް ނުވަތަ ކޯރެއް ކަމަށެވެ. ގިނަވެގެންވާ ހެޔޮކަމާއި، ނަބީކަމާއި، ޤުރްއާނާއި މިނޫން ވެސް އެހެން މާނަތައް ކަމަށް އެހެން ޢިލްމުވެރިން ވިދާޅުވެ އެވެ.

ސޫރަތް ބާވާލެއްވި ސަބަބު

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ސޫރަތް ބާވާލެއްވީ އަލްޢާޞް ބުނު ވާއިލު ކިޔާ މީހަކު ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް ނިސްބަތްކޮށް އެއީ "އަބްތަރު" އެއް ކަމަށް ބުނުމުންނެވެ. އަބްތަރުގެ ލަފުޒީ މާނައަކީ ނިގޫބުރިވެފައިވާ ހައިވާނެވެ. މިތަނުގައި މާނައަކީ ހެޔޮ ކަންކަމުން މަހްރޫމްވެފައިވާ މީހާ އެވެ. އަލްޢާޞް މިހެން ބުނީ ކީރިތި ރަސޫލާގެ ފިރިހެން ދެ ދަރިކަލުން އަވަހާރަ ވުމާ ގުޅިގެން ފިރިހެން ދަރިއަކު ހުރުމުގެ ނަސީބުން އެކަލޭގެފާނު މަހްރޫމްވެވަޑައިގަތުމުންނެވެ. މި ހާދިސާ ތަފާތު ގޮތްގޮތަށް ރިވާވެގެން ވެ އެވެ. ކޮންމެއަކަސް މިކަމާ ގުޅިގެން މާތް ނަބިއްޔާގެ ހިތްޕުޅަށް ނުތަނަވަސް ލިބިވަޑައިގަތެވެ. މި ސޫރަތް ބާވާލެއްވީ އެކަލޭގެފާނަށް ތަސައްލީ ގެނުވުމާއި ހެޔޮކަމުގެ އުފާވެރި ޚަބަރު ދެއްވުމާއި ﷲ އަށް ޝުކުރުވެރިވެ އިޚްލާޞްތެރިވުމަށް އިރުޝާދު ދެއްވުމާއި، އެމީހުންނަކީ ހެޔޮ ވިސްނުން ހުރި ބައެއް ނޫންކަން ހާމަކުރެއްވުމަށެވެ.

ސޫރަތުގެ މާތްކަން

މި ސޫރަތުގެ މާތްކަމާ ބެހޭ ގޮތުން ޞައްޙަ ރިވާޔަތްތަކެއް އައިސްފައެއް ނުވެ އެވެ. ނަމަވެސް މި ސޫރަތް ބާވާލެއްވުމުން ކީރިތި ރަސޫލާއަށް ލިބިވަޑައިގެންނެވި އުފާވެރިކަމުގެ ޚަބަރާއި އެކަލޭގެފާނު ހިނިވަރުނަ ކުރެއްވުން އެއީ ސޫރަތުގެ މާތްކަމާއި ގަދަރު ހާމަވާ ކަމެކެވެ. އަނަސްގެފާނުގެ ކިބައިން ރިވާވެގެންވާ ހަދީސަކުން މިކަން އެނގެ އެވެ. އެ ހަދީސްގައި ކައުޘަރަކީ ކޮބައިކަން ވެސް ބަޔާން ވެގެން ވެއެވެ. ރަސޫލާ ހަދީސް ކުރެއްވި އެވެ. "އެއީ ތިމަންކަލޭގެފާނަށް މަތިވެރި ﷲ ވަޢުދު ކުރެއްވެވި ކޯރެކެވެ. އޭގައި ވަރަށް ގިނަ ހެޔޮ ކަން ލެއްވިގެންވެ އެވެ. އެއީ ޤިޔާމަތް ދުވަހުން ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުން އެއިން ބުއިމަށްޓަކައި ޖަމާވާނެ އާރެކެވެ. އޭގެ ކަންވާރުތަކުގެ އަދަދު ތަރިތަކާ އެއްވަރެވެ. (ޖަމާވެފައިވާ) މީސްތަކުންގެ ތެރެއިން އަޅަކު (އެ އާރާ ގާތްވިޔަ ނުދީ) ދުރަށް ޖައްސާލެވޭ ހިނދު ތިމަންކަލޭގެފާނު ވިދާޅުވާނެ އެވެ. ހައްދަވައި ބޮޑުކުރެއްވި އިލާހު އެވެ. އޭނާ އަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ މީހެކެވެ. އެހިނދު ﷲ ވަޙީ ކުރައްވާނެ އެވެ. ކަލޭގެފާނަށް ފަހު ކަންކަން ހިނގައިދިޔަ ގޮތް ކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވާނެ އެވެ. (މުސްލިމް).

މި ސޫރަތުގެ މާތްކަމާ ބެހޭ ގޮތުން ދެން ދެކެވޭ އެހެން ވާހަކަތައް ބިނާވެފައިވަނީ ވަރަށް ނިކަމެތި ނުވަތަ ހަދާފައިވާ ހަދީސްތަކުގެ މައްޗަށެވެ.

ސޫރަތުގައި އެކުލެވޭ ކަންކަން

މި ސޫރަތުގެ މަގުސަދަކީ މުދަލާއި ދަރިން ފަދަ ދުނިޔަވީ ނިޢުމަތްތަކަށް މީހުން ފަޚުރުވެރިވެ ބޮޑާވެ އުޅުނަސް އަދި އެފަދަ ނިޢުމަތެއް އެހެން މީހުންނަށް ނުލިބޭތީ ބަޔަކު މަލާމާތް ކުރިއަސް އެކަމާ ކަންބޮޑުވާން ނުޖެހޭނެކަމާއި އޭގެ ބަދަލުގައި އާޚިރަތް މާ ފުރިހަމަ ވާނެ ކަން ބަޔާންކޮށްދިނުމެވެ. މިގޮތުން ސޫރަތުގެ ފުރަތަމަ އާޔަތުގައި ބަޔާން ކުރަނީ ކީރިތި ނަބިއްޔާ އަށް ކައުޘަރު ދެއްވަވާފައިވާ ކަމެވެ. ވެ ނިމިފައިވާ ކަމެއްގެ ގޮތުގައި މިކަން ބަޔާންކުރުމުން އިތުރު ކަށަވަރުކަން ގެނެސްދެ އެވެ. އަދި ދެއްވިކަން ބަޔާން ކުރައްވާ އިރު "އަޢުޠައިނާ" މި ލަފުޒު އޮތުމުން ދިނުމަށް ބޭނުންކުރާ އެހެން ލަފުޒުތަކަށް ވުރެ މާނަ ފުރިހަމަ އެވެ. އެއީ އަނބުރާ ނުގެންދެވޭނެ ގޮތުގައި މިލްކު ކޮށްދެވިފައިވާ ކަމެވެ.

ކައުޘަރު ސިފަކުރައްވަމުން ކީރިތި ރަސޫލާ އިތުރަށް ބަޔާން ކުރައްވާފައި ވަނީ އޭގައިވާ ބުއިމަކީ ކިރަށް ވުރެ ހުދު، މާމުޔަށް ވުރެ ފޮނި އަދި މީރު، ގޮމަކަސްތޫރިއަށް ވުރެ ވަސްމީރު ބުއިމެއް ކަމަށެވެ. އަދި އެއިން ބޮއެފި މީހަކަށް ދުވަހަކު ވެސް ކަރުހިއްކުމެއް ނާންނާނެ ކަމަށެވެ.

ސޫރަތުގެ ދެވަނަ އާޔަތުގައި ވަނީ ނަބިއްޔާ އަށް އޮތް އަމުރެކެވެ. އެއީ ﷲ އަށް ޚާލިޞްވާ ގޮތުގައި ނަމާދު ކުރުމަށާއި ގުރުބާން ކުރުމަށެވެ. މި އާޔަތް ފެށޭ އިރު އޮންނަ ފާފުން ދޭހަވާ މާނައަކީ ކައުޘަރުގެ ނިޢުމަތް ދެއްވީތީ އެ ސަބަބަށްޓަކައި ނަމާދުކޮށް ގުރުބާން ކުރާށޭ އެވެ. ނަމާދާއި ގުރުބާން ކުރުމުގެ ވާހަކަ މުޠުލަޤުކޮށް (ގައިދެއް ނެތި ހުޅުވާލެވިފައި) އޮތުމުން އެއިން ދޭހަވަނީ މިތަނުގައި ވަކި ނަމާދަކަށް ނުވަތަ ވަކި ގުރުބާން ކުރުމަކަށް އިޝާރާތް ނުކުރާ ކަމެވެ. އެހެން އަޅުކަމެއްގެ ވާހަކަ ބަޔާންނުކޮށް ހަމައެކަނި މި ދެ އަޅުކަމުގެ ވާހަކަ ބަޔާން ކުރުމުން މިއިން ފާހަގަވާ ކަންތައްތަކެއް ވާކަމަށް ތަފްސީރު ޢިލްމުވެރިން ވިދާޅުވެ އެވެ.

ފުރަތަމަ ކަމަކީ، ދެ އަޅުކަމުން ތަފާތު ދެ ގޮތަކަށް މަންފާ ލިބުމެވެ. މިގޮތުން ނަމާދުން މަންފާ ލިބެނީ ޚުދު އެކަން ކުރާ މީހާއަށެވެ. އެކަމަކު ގުރުބާން ކުރުމުން އެހެން މީހުންނަށް ވެސް އެއިން މަންފާ ފޯރަ އެވެ.

ދެވަނަ ކަމަކީ، މި ދެ އަޅުކަމަކީ އަޅުކަންތަކުގެ ތެރެއިން ޝިރުކު ކުރުން އެންމެ ބޮޑަށް ވަންނަ ދެ އަޅުކަންތައް ކަމަށް ވުމެވެ. ނަމާދުގެ އެންމެ މުހިންމު ބަޔަކީ ދުޢާ އެވެ. އަދި ނިކަމެތިކަން ހާމަކުރުމެވެ. ގުރުބާން ކުރުމުގައި ހިމެނޭ އެންމެ މުހިންމު ކަމަކީ އިލާހުގެ ރުހުން ހޯދުމެވެ. ﷲ ފިޔަވައި އެހެން ފަރާތްތަކަށް އީމާންވާ މީހުންގެ ކިބައިން ވެސް ފެނިގެންދާނީ އެމީހުން އެ ގަބޫލުކުރާ ކަލާނގެތަކަށް ދުޢާ ކުރުމާއި ނިކަމެތިކަން ހާމަކުރުމާއި ރުހުން ހޯދުމަށް މަސައްކަތް ކުރުމެވެ.

ސޫރަތުގެ ތިން ވަނަ އަދި އެންމެ ފަހު އާޔަތުގައި ވަނީ ރަސޫލާއަށް މަލާމާތްކޮށް ރުޅިއަރުވަން މަސައްކަތްކުރާ މީހާގެ "އަބްތަރު" ކަން މާ ބޮޑުވެގެންވާ ކަމަށެވެ. "އަބްތަރު" ގެ މާނަ ކުރިން ބަޔާން ކުރެވިއްޖެ އެވެ. މި އާޔަތުގައި ﷲ ކަށަވަރު ކުރައްވަނީ ކީރިތި ރަސޫލާ ގެ "ޝާނިއު" (ޢަދުއްވު) ހުރިހާ ހެޔޮ ކަމަކުން މަހްރޫމް ކުރެވޭނެ ކަމަށެވެ. މިގޮތުން އިމާމް އިބްނު ތައިމިއްޔާ ވަރަށް ގިނަ ކަންކަން ފާހަގަކުރައްވާފައިވެ އެވެ. އެ ކަންކަމަށް ބަލާއިރު މީނާ އަށް އާޚިރަތުގެ ހެޔޮކަމުގެ އިތުރުން ދުނިޔަވީ ހަޔާތުގެ ހެޔޮކަން ވެސް ގެއްލޭނެ އެވެ.

ސޫރަތުގެ މަތިވެރިކަމާއި ބާރުގަދަކަން

މިއީ އެންމެ ކުރު ސޫރަތް ކަމަށް ވިއަސް މި ސޫރަތުގެ ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަން ވަރަށް މަތިވެރި އެވެ. ﷲ ބާވާލެއްވި ފޮތާ މެދު ޝައްކެއް ކުރާ ނަމަ އޭގެ އެންމެ ސޫރަތެއް ނަމަވެސް ތައްޔާރު ކޮށްދޭން ޤުރުއާނުގައި ވަނީ ގޮންޖަހައިފަ އެވެ (އަލްބަޤަރާ 23). މިކަމެއް އެއްވެސް އިންސާނަކަށް ނުކުރެވެ އެވެ. އަދި ނުވެސް ކުރެވޭނެ އެވެ. މި ސޫރަތާ އެއްފަދަ ސޫރަތެއް ހަދަން ވެސް މީހަކު މަސައްކަތް ކުރި އެވެ. އެކަމަކު އެ ހެދި އެތި ވީ ޖޯކަކަށެވެ.

ކޫފާގެ މީހަކު ނަބީކަމުގެ ދައުވާކޮށް ޚާލިދު ބުނު ޢަބްދުﷲއާ ބައްދަލުކުރި އެވެ. އެ މީހާގެ ނަބީކަމުގެ ދަލީލަކީ ވަހީ ބާވާލެއްވުން ކަމަށް ބުނެ ކައުޘަރު ސޫރަތުގެ އިބާރާތްތައް ހުންނަ ގޮތަށް ތިން ޖުމްލައިން ސޫރަތެއް ކި އެވެ. އޭގެ މާނާގައި ވަނީ "ހަމަކަށަވަރުން ތިމަން (ކަލާނގެ) ތިބާއަށް ބައިވަރު މީސްތަކުން ދީފީމެވެ. ފަހެ ތިބާ ހެއްދެވި ކަލާނގެ އަށް ނަމާދު ކުރާށެވެ. އަދި (އެކަން) ފާޅުނުކުރާށެވެ. އަދި ކާފިރު ނުވަތަ ފާޖިރު ކޮންމެ މީހަކަށް ތިބާ ކިޔަމަން ނުވާށެވެ!"

މީނާގެ މި ފަސާދައިގެ ސަބަބުން ޞަލީބަށް އެރުވުނެވެ. އެވަގުތު ޚާލިދު ބުނު ޢަބްދުﷲ، އޭނާ ހެދި ސޫރަތާ އެއް ވަޒަނަށް ފައްތައި މަލާމާތުގެ ގޮތުން ތިން ޖުމްލަ ވިދާޅުވި އެވެ. އޭގެ މާނާގައި ވަނީ "ހަމަކަށަވަރުން ތިމަންމެން ތިބާއަށް ތަނބު ދީފީމެވެ. ފަހެ ދަނޑިއެއްގެ މަތީ، ތިބާ ހެއްދެވި ކަލާނގެ އަށް ދެން ނަމާދު ކުރާށެވެ! ތިބާ ދެން އެނބުރި ނާންނާނެ ކަން ފަހެ ތިމަން ޔަގީން ކޮށްދެމެވެ."

މި ސޫރަތާއި އޭގެ ކުރީގެ ސޫރަތާ ހުރި ގުޅުން

މި ސޫރަތް ތަރުތީބު ކުރެވިފައިވަނީ އަލްމާޢޫން ސޫރަތުގެ ފަހަތަށް، ޤުރްއާނުގެ ތަރުތީބުން 108 ވަނަ އަށެވެ. މާޢޫން ސޫރަތުގައި ވަނީ މުނާފިގުންގެ ބައެއް ސިފަތަކެވެ. މިގޮތުން އެމީހުންގެ ދަހިކަމާއި ކަންދެއްކުމާއި ނަމާދަށް ފަރުވާކުޑަކުރުމާއި ޒަކާތް ނުދިނުމުގެ ވާހަކަ އެވެ. މިވާހަކަތަކަށް ފަހު ކައުޘަރު ސޫރަތުގައި މިވަނީ އެ ހުރިހާ ކަމެއްގެ މުގާބިލުގައި ހުރި ރަނގަޅު ސިފަތަކެވެ. މިގޮތުން ދަހިކަމުގެ މުގާބިލުގައި މިވަނީ ގިނަވެގެންވާ ހެޔޮކަން ނުވަތަ "ކައުޘަރު" އެވެ. ނަމާދު އެޅުމުގެ މުގާބިލުގައި މިވަނީ ނަމާދަށް ފަރުވާތެރިވުމާއި އެކަމުގެ މަތީ ދެމިތިބުމުގެ ވާހަކަ އެވެ. ކަންދެއްކުމުގެ މުގާބިލުގައި މިވަނީ ނަމާދާއި އެނޫން ވެސް އަޅުކަން ﷲ އަށް ޚާލިޞް ވާ ގޮތުގައި ކުރުމުގެ ވާހަކަ އެވެ. ޒަކާތް ނުދިނުމުގެ މުގާބިލުގައި މިވަނީ ގުރުބާންކޮށް މީސްތަކުންނަށް އެއިން ހެޔޮ ފޯރުވުމުގެ ވާހަކަ އެވެ.

ސޫރަތުން ލިބިގަންނަންވީ ފިލާވަޅުތައް

މި ބަޔާންކުރި ކަންކަމަށް ބަލައިލުމުން މި ސޫރަތުން ލިބިގެންދާ ވަރަށް ގިނަ ފިލާވަޅުތަކެއް ހުރިކަން ފާހަގަކުރެވޭނެ އެވެ. މިގޮތުން ކީރިތި ރަސޫލާގެ މަތިވެރިކަން ހާމަވާ ކަންކަމާއި، ޢަޤީދާ ވަރުގަދަ ކުރެވޭނެ ކަންކަމާއި، އަޅުކަން ފުރިހަމަކޮށް އެކަމުގައި ދެމިތިބުމަށް އެހީވެދޭނެ ކަންކަން ހިމެނެ އެވެ. މުސްލިމުންގެ ގޮތަކަށް ވާން ޖެހޭނީ މި ފަދަ ފިލާވަޅުތަކާ މެދު ވިސްނައި އެއިން އިބުރަތް ލިބިގަތުމެވެ. އަދި އީމާންކަން ވަރުގަދަކޮށް ހެޔޮ ޢަމަލު ގިނަކުރުމެވެ.