Roadha Mihaaru
މީހަކު ރަހީނު ކުރި މައްސަލައިގައި ފަޒީލް ހައްޔަރުކޮށްފި

ގަމުން މީހަކު ރަހީނުކުރި މައްސަލައިގައި ފަޒީލް ހައްޔަރުކޮށްފި

07 މެއި 2019

ލ. ފޮނަދޫން ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު އައިމިނަތު ޝިމާ ނާފިޒާ އެކު ދަތުރުގައި ބައިވެރިވި މުހައްމަދު ފަޒީލް، އެ އަތޮޅު ގަމުގައި މީހަކު ރަހީނުކޮށް ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލ. ފޮނަދޫން ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު އައިމިނަތު ޝިމާ ނާފިޒާ އެކު ދަތުރުގައި ބައިވެރިވި މުހައްމަދު ފަޒީލް، އެ އަތޮޅު ގަމުގައި މީހަކު ރަހީނުކޮށް ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ލ. ގަމުގައި 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8،900ރ. ފޭރި، އޭނާ ދޫކޮށްލުމަށް ފަހު އަނެއްކާވެސް އޭނާއަށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅެނިކޮށް ފުލުހުން ވަނީ މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ފަޒީލް ހައްޔަރު ކުރީ ފިލައިގެން އުޅެނިކޮށް ރޭގެ ވަގުތެއްގައި ހުޅުމާލޭންނެވެ.

ފުލުހުން ބުނިގޮތުގައި 44 އަހަރުގެ މީހާ އަތުން ފޭރުމަށް ފަހު އެ މީހާ ދޫކޮށްލީ، އިތުރަށް ފައިސާ ދޭން އެއްބަސް ކުރުވުމަށް ފަހު އެވެ.

ޝިމާ ގެއްލުން ހާދިސާގައި ފަޒީލް ދައްކާ ވާހަކަތައް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ. އަދި އޭނާގެ ބައެއް ވާހަކަތަކާ މެދު ޝައްކު އުފެދޭ ކަމަށް ފުލުހުން ވެސް ބުނެ އެވެ. ނަމަވެސް އޭނާ ހުރީ ތަހުގީގަށް ފަހު ދޫކޮށްލައިފަ އެވެ.

ފަޒީލް، 24، އާ އެކު ޑިންގީގައި ދަނިކޮށް އެ ބަންޑުން ޖަހާލައި ޝިމާ ގެއްލުނީ ކަމަށް އޭނާ ބުނެ އެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި، ލ. ގާދޫ ކަނޑުއޮޅިއަށް ބަންޑުން ޖަހާލި ޑިންގީން ފަޒީލް ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓްގެ ފަރާ ހަމައަށް ދެވުމުންނެވެ. އޭނާ ބުނާގޮތުން، ޝިމާ ސަލާމަތްކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި އެވެ. އެކަމަކު އޭގެ ފަހުން، ޝިމާގެ ކޮއްކޮއަކު ގޮވައިގެން މާމެންދޫން އެހެން ދެ ފިރިހެނުންނާ އެކު ދަތުރެއްކުރަނިކޮށް ކަނޑުމަތިން އޭނާ ހުއްޓުވާފައިވެ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

ފަޒީލަކީ މީގެ ކުރިން ވެސް އެކި ކުށްތަކުގެ ރެކޯޑް އޮންނަ މީހެކެވެ.