Roadha Mihaaru
ނުރައްކަލަކަށް ފަހު ދިވެހި ނޫސްވެރިކަމަށް އާ ދުވަހެއް

ބޮޑު ނުރައްކަލަކަށް ފަހު ދިވެހި ނޫސްވެރިކަމަށް އާ ދުވަސްތަކެއް

03 މެއި 2019

މީގެ ހަ މަސް ކުރިއަށް ބަލާއިރު ދިވެހި ނޫސްވެރިކަން އޮތީ ބޮޑު ބިރެއްގެ ތެރޭގަ އެވެ. ނޫސްވެރިން ތިބީ ލިޔާ އެއްޗަކުން ދައުވާ އުފުލާނެ އިރެއް ނޭނގި ހާސްކަމެއްގަ އެވެ. އޭރުގެ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާގެ ވާހަކަ ފަތުރާ ޓީވީ ސްޓޭޝަންތައް ބަންދުކުރަން އަންނާނެ އިރެއް ނޭނގޭ ހާލެއްގަ އެވެ. އެތައް މިލިއަން ރުފިޔާއަކުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުން ފަދަ އެތައް ކަމެކެވެ. ރާއްޖެ ޓީވީ އަންދާލި އިރު އެކަމަށް ވެސް އިންސާފެއް ނުލިބެ އެވެ. އެތައް ނޫސްވެރިންނެއް ޖަލަށް ލުމާއި ދައުވާ ކުރުމެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މީގެ ހަ މަސް ކުރިއަށް ބަލާއިރު ދިވެހި ނޫސްވެރިކަން އޮތީ ބޮޑު ބިރެއްގެ ތެރޭގަ އެވެ. ނޫސްވެރިން ތިބީ ލިޔާ އެއްޗަކުން ދައުވާ އުފުލާނެ އިރެއް ނޭނގި ހާސްކަމެއްގަ އެވެ. އޭރުގެ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާގެ ވާހަކަ ފަތުރާ ޓީވީ ސްޓޭޝަންތައް ބަންދުކުރަން އަންނާނެ އިރެއް ނޭނގޭ ހާލެއްގަ އެވެ. އެތައް މިލިއަން ރުފިޔާއަކުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުން ފަދަ އެތައް ކަމެކެވެ. ރާއްޖެ ޓީވީ އަންދާލި އިރު އެކަމަށް ވެސް އިންސާފެއް ނުލިބެ އެވެ. އެތައް ނޫސްވެރިންނެއް ޖަލަށް ލުމާއި ދައުވާ ކުރުމެވެ.

އޭރުގެ ހާލަތަށް ބަލާއިރު ދައުލަތުގެ މީޑިއާއަކީ ސަރުކާރު ހިންގާ ޕާޓީގެ ޕްރޮޕެގެންޑާ މެޝިނެވެ. އިދިކޮޅު ފަރާތްތަކަށް އެއްވެސް ފުރުސަތެއް ނުދޭތާ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި ބުނެފައިވާ ކަންކަން ވެސް ނުކުރެ އެވެ. ދައުލަތުގެ ބަޖެޓުން ހިންގާ އެ މީޑިއާގެ މުޅި ފޯކަސް އޮތީ ޕީޕީއެމާއި ސަރުކާރު ޕްރޮމޯޓް ކުރުމަށެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމަށް ގޮވާލާ ލިޔެފައިވާ ބޯޑެއް ނޫސްވެރިއަކު ހިފަހައްޓައިގެން-- ފޮޓޯ: މިހާރު

ނޫސްވެރިކަމުގެ މިނިވަން ކަމަށް ގޮވާލާ ލިޔެފައިވާ ބޯޑެއް ނޫސްވެރިއަކު ހިފަހައްޓައިގެން-- ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހޯދައި ދިނުން ހިމެނެ އެވެ. އެގޮތުން ވެރިކަމުގެ ކުރީކޮޅު ވަނީ ނޫސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ، އަބުރުގެ ގާނޫނު ބާތިލްކޮށްދެއްވައިފަ އެވެ.

އަބުރުގެ ގާނޫނު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ބާރުއެޅުވުމުގެ ތެރެއިން ޕީޕީއެމްގެ މެޖޯރިޓީން ފާސްކުރީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށާއި ނޫސްވެރިންނާއި ޓީވީ ސްޓޭޝަންތަކަށް، ބޮޑެތި ފިޔަވަޅުތައް އެޅޭ ގޮތަށެވެ.

ނޫސްވެރިން މިހާރު ތިބީ ހިތްހަމަޖެހިގެން

ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ އަދި މިހާރު އެ ސްޓޭޝަންގެ ކޮންސަލްޓަންޓް، ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި މި ސަރުކާރާ އެކު ބިރުވެރިކަމެއް ނެތި ނޫސްވެރިކަން ކުރުމުގެ މަގު ވަނީ ފަހިވެފަ އެވެ.

"މިދިޔަ ފަހެއް ނުވަތަ ހަ އަހަރާ އަޅާބަލާއިރު ނޫސްވެރިކަން މިވަނީ މިނިވަން ވެފައި. ސަރުކާރަށް މިހާރު ފާޑުކިޔޭ. އަދި ޒިންމާދާރު ކުރެވޭ،" ތަޖުރިބާކާރު ނޫސްވެރިޔާ ވިދާޅުވި އެވެ.

ހުސައިން ފިޔާޒު މޫސާ އިންޓަވިއޫއެއް ދެއްވަނީ: އޭނާ ވިދާޅުވަނީ ކުރީގެ ބިރުވެރިކަން ފިލައިފިކަަމަށް-- ފޮޓޯ: މިހާރު

ހުސައިން ފިޔާޒު މޫސާ އިންޓަވިއޫއެއް ދެއްވަނީ: އޭނާ ވިދާޅުވަނީ ކުރީގެ ބިރުވެރިކަން ފިލައިފިކަަމަށް-- ފޮޓޯ: މިހާރު

އަމިއްލަ ޓީވީ ސްޓޭޝަން، ވީޓީވީގެ ސީއޯއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ މި ސަރުކާރުން އަބުރު ގާނޫނު އުވާލުމަކީ ނޫސްވެރިންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މޮންދު ފާހަގަކުރެއްވި ގޮތުގައި އެއީ ނޫސްވެރިންނަށް މިނިވަންކަން ހޯދައިދެއްވަން ރައީސް އެޅުއްވި ރަނގަޅު ފިޔަވަޅެކެވެ.

ނޫސްވެރިންގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ދެ މުއައްސަސާއެއް ގާނޫނުން އުފައްދާފައިވެ އެވެ. އޭގެ ތެރެއިން ބްރޮޑްކާސްޓިން ކޮމިޝަން ފާހަގަވެފައި އޮތީ މީޑިއާތަކުގެ ހައްގުގައި މަސައްކަތް ކުރުމުގެ ބަދަލުގައި ބޮޑެތި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރި ބައެއްގެ ގޮތުގަ އެވެ.

އާ މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާޒިފް ވިދާޅުވީ ނޫސްވެރިކަމާ ގުޅުން ހުރި ކަންތައްތަކަށް މިހާރުގެ ސަރުކާރުގެ ފަރާތުން އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އެގޮތުން ނޫސްވެރިންގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑް ހަފްލާއަށާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭނުންވާ ބަޖެޓު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް އާޒިފް ވިދާޅުވި އެވެ. މީގެ ކުރިން އެފަދަ ހަފްލާތަކަށް ސަރުކާރުން ބަޖެޓު ނުދޭތީ އެކަންކަން ކުރަމުން އައީ ސްޕޮންސާ ހޯދައިގެންނެވެ.

ފުރިހަމަ މިނިވަންކަމަކަށް ބޭނުން އެތައްކަމެއް

މޮންދު ވިދާޅުވި ގޮތުގައި ބައެއް އިދާރާތަކުން ނޫސްވެރިން ބޭނުންވާ މައުލޫމާތު ހޯދުމުގެ ދަތިކަން ކުރިމަތިވާތީ އަދިވެސް އެންމެ ހިތްހަމަ ޖެހޭ ވަރަކަށް މިނިވަންކަން ލިބުނުކަމުގެ އިހުސާސެއް ނުކުރެވެ އެވެ.

"ލިބެން ޖެހޭ ތަންތަނުން މައުލޫމާތު ނުލިބޭތީ ލިޔާ އެއްޗެއްގެ އޮށްޓަރެއް ނުހުރޭ. އެ މައުލޫމާތުތައް ނުލިބޭ ކަމުގެ ޝަކުވާ އަޅުގަނޑަށް ނޫސްވެރިންގެ ފަރާތުން ވަރަށް ބޮޑަށް ލިބޭ،" މޮންދު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް ބައިވެރިވެ-- ފޮޓޯ:މިހާރު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް ބައިވެރިވެ-- ފޮޓޯ:މިހާރު

އޭނާ ވިދާޅުވި ގޮތުއި ގިނަ މީޑިއާތައް ހިންގަނީ ކޮންމެވެސް މީހަކު ފައިސާދީގެން ވަކި މަގުސަދެއްގައި ކަމަށް ވާތީ އެންމެ ފުރިހަމަ މިނިވަންކަމެއް ވެސް ނުލިބެ އެވެ. އެކަމަށް ހައްލު ލިބެން އޮތީ މީޑިއާތަކަށް ނުފޫޒު ނުފޯރުވާނެ ގޮތަކަށް ފަންޑް ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ނޫސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފިޔާޒު ފާހަގަކުރެއްވީ ޝަރުއީ ދާއިރާ އެވެ. ޝަރުއީ ދާއިރާގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ނުދިނުމާއި ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ލިޔާ ލިޔުމަކުން ފިޔަވަޅު އަޅާފާނެ ކަމުގެ ބިރު އޮތުމެވެ. މީގެ ކުރިން ވެސް ކޯޓުތަކުން ވަނީ ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށް ކޯޓުތަކަށް ނުވަދެވޭ ގޮތް ހަދައިފަ އެވެ.

ފިޔާޒު ވިދާޅުވި ގޮތުގައި ގޮތުން ގޭންގުތަކާ ގުޅޭ ވާހަކަތައް ނުވަތަ ދީނީ ހަރުކަށި ފިކުރުތަކާ ގުޅޭ ވާހަކަތައް މީޑިއާތަކުން ދައްކައިފި ނަމަ ނުރައްކާ ކުރިމަތިވުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން ދައުލަތުން ނޫސްވެރިންނާއި މީޑިއާތަކަށް ރައްކާތެރި މާހައުލެއް ގާއިމްކޮށް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ނޫސްވެރިން ފާހަގަކުރި ގޮތުގައި މީގެ ކުރީގެ ކޮންމެ ސަރުކާރަކުން ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްތައް ކުރިމަތިކުރުވި އެވެ. އާ ގާނޫނުއަސާސީއަށް ފަހު އެކަން އެންމެ ބޮޑަށް ދިމާވީ ޔާމީންގެ ވެރިކަމުގައި ކަމަށް، އެ ނޫސްވެރިން ބުނެ އެވެ.

"މައްސަލައަކަށް ދިމާވަނީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމުން ދެން ވާނެ ގޮތް ނޭނގޭތީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި، ސީނިއަ ނޫސްވެރިޔަކު ބުންޏެވެ.

"އެމްޑީޕީ ސަރުކާރަށް ކުރިއަކުން މަޖިލިހުގެ މެޖޯރިޓީއެއް ނުލިބޭ. އެކަމަކު އޭރު ވެސް ބައެއް މީޑިއާތަކާ ދެކޮޅަށް ފިޔަވަޅުތައް އެޅި،" އެ ނޫސްވެރިޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާރު މި އޮތީ އެމްޑީޕީން ބޭނުން ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމުގެ ބާރު ސަރުކާރު ތެރެއިންނާއި މަޖިލިހުގެ ތެރެއިން ލިބިފަ އެވެ. އެހެންކަމުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް މިނިވަންކަމަކަށް ވެސް ހުރަސް އެޅުމުގެ ބާރު އެބަ އޮތެވެ. އެކަމަކު އެގޮތަށް އެކަން ނުކޮށް، ނޫސްވެރިންގެ ޒިންމާ އަދާކުރަން ފުރުސަތު ދީފި ނަމަ މި ސަރުކާރާއި އެމްޑީޕީއަށް ނޫސްވެރިކަމުގެ ތާރީޚުން ވަރަށް ފުރިހަމަ ޖާގައެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

"ނޫސްވެރިކަމަށް ހުރަސް ނޭޅުމަކީ ސަރުކާރު ތެރެއިން ސީދާކޮށްނާއި ނުސީދާކޮށް ވެސް ނުބައި ނުފޫޒެއް ނައުން. ވަކި ބަޔަކަށް އަމާޒުކޮށްގެން ދަތިތައް ނުކުރުން،" އޭނާ ފާހަގަކުރި އެވެ.

"އެކަން ދާނެ ގޮތް އެނގޭނީ އަދި އާ ރައްޔިތުންގެ މަޖިލިހުގެ މަސައްކަތް ފެށިގެން ހިނގައިގަތީމާ."

މިހާރު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޫސްވެރިކަމުގެ ހައްގުގައި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެއީ ކުރީ ސަރުކާރުގެ ވެރިކަމުގައި އެއްގޮތަކަށް ވެސް ފެނުނު މަންޒަރެއް ނޫނެވެ. އެހެންކަމުން މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ އިރު ހިތްހަމަޖެހުމާއި ރައްކާތެރިކަމުގެ އިހުސާސްތަކެއް ކުރެވެ އެވެ.