Roadha Mihaaru
ސައުދީން 50 ޓަނުގެ ކަދުރު ދީފި

ސައުދީން 50 ޓަނުގެ ކަދުރު ދީފި

30 އެޕްރީލް 2019

އެހެން އަހަރުތަަކެކޭ އެއްގޮތަށް މި އަހަރުގެ ރޯދަމަހަށް ވެސް ސައުދީ ސަރުކާރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެހެން އަހަރުތަަކެކޭ އެއްގޮތަށް މި އަހަރުގެ ރޯދަމަހަށް ވެސް ސައުދީ ސަރުކާރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ދެއްވާ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ރާއްޖެ އަށް ލިބުނު ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

މާލޭގައި ހުންނަ ސައުދީ އެމްބަސީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޒާހިރާ ކަދުރު ހަވާލުކޮށްދެއްވީ އެމްބަސީގެ ޗާޖް ޑި އެފެއާޒް މެތުރިކް އަލް ދޮސާރީ އެވެ.

ކަދުރާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވީ ސައުދީން ދިން ކަދުރު ރޯދަމަސް ފެށުމުގެ ކުރިން ބަހާނެ ކަމަށާއި އެހެން ނަމަވެސް އެ ކަދުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބެހޭ ވަރު ނުވާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 50 ޓަނު ކަދުރު ހަދިޔާކުރިކަމުގެ ލިއުމާ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ހަވާލުވެވަޑައިގަންނަވަނީ. މިހާރު/ފޮޓޯ:ހުސައިން ވަހީދު

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 50 ޓަނު ކަދުރު ހަދިޔާކުރިކަމުގެ ލިއުމާ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ހަވާލުވެވަޑައިގަންނަވަނީ. މިހާރު/ފޮޓޯ:ހުސައިން ވަހީދު

"މި ކަދުރު ހަމަ ކުރިއެކޭ އެއްގޮތަށް އާއްމުންނަށް އަޅުގަނޑުމެން ބަހަމުން ގެންދާނަން. ދެން 50 ޓަނު އެއީ ހުރިހާ ރައްޔިތުންނަށް ފުދޭ ވަރެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސައުދީން ދިން ކަދުރުން ހުރިހާ ރައްޔިތުންނަށް ހަމަ ނުވިޔަސް އެހެން ފަރާތްތަކުން އިތުރު ކަދުރު ހަދިޔާކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި އެގޮތުން ލިބޭ ކަދުރު ވެސް ހަމަ ލިބޭ އިރަށް ބަހާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީ އަހަރުތަކުގައި މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުން ވެސް ރާއްޖެ އަށް ކަދުރު ހަދިޔާކުރި އެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވެސް ހިމެނެ އެވެ.