Roadha Mihaaru
"ކަލަންކް" ޕްލޮޕްވުމުގެ ޒިންމާ އަބީޝެކަށް؟

"ކަލަންކް" ޕްލޮޕްވުމުގެ ޒިންމާ އަބީޝެކަށް؟

02 މެއި 2019

މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ފްލޮޕަކަށްވި، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ބޮޑު ބަޖެޓް ފިލްމު "ކަލަންކް" ގެ ޑައިރެކްޓަރު އަބީޝެކް ވަރްމަން އާއި ކަރަންގެ ގުޅުން ގޯސްވެފައިވާ ކަމަށް ބައެއް ރިޕޯޓަތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ފްލޮޕަކަށްވި، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ބޮޑު ބަޖެޓް ފިލްމު "ކަލަންކް" ގެ ޑައިރެކްޓަރު އަބީޝެކް ވަރްމަން އާއި ކަރަންގެ ގުޅުން ގޯސްވެފައިވާ ކަމަށް ބައެއް ރިޕޯޓަތައް ބުނެފި އެވެ.

ސަބަބަކަށްވީ ބެލުންތެރިން އުންމީދުކުރި ވަރުގެ ފިލަމަކަށް ނުވެ، ކުރި ހަރަދު ވެސް ފޫނުބެއްދި ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުމެވެ. ޖުމްލަ 150 ކްރޯޑް ބަޖެޓަކުން، އޭ ލިސްޓް ތަރިންތަކެއް ވެސް ހިމަނައިގެން ގެނެސް "ކަލަންކް" އަކީ އަބީޝެކް ލިޔެ، ޑައިރެކްޓް ކުރި ފިލްމެކެވެ.

މިއީ ކަރަންގެ ދަރުމާ އަށް އޭނާ ހަދައި ދިން ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2014 ގެ "2 ސްޓޭޓްސް" އެވެ.

"ކަލަންކް" އަކީ މީގެ 15 އަހަރު ކުރިން ކަރަންގެ ބައްޕަ ޔާޝް ޖޯހަރް ޑްރީމް ޕްރޮޖެކްޓެއްގެ ގޮތުގައި ގެނެސް ދޭން އުޅުނު ފިލްމެކެވެ. އޭރު މި ފިލްމު ޑައިރެކްޓް ކުރާ ގޮތަށް އޮތީ ކަރަން އެވެ. އެކަމަކު 2004 ގައި ޔާޝް މަރުވުމުން "ކަލަންކް" އޮތީ ހުއްޓިފަ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ކަރަން އާއި އަބީޝެކްގެ ގުޅުމުގައި ކުނި ޖެހުމުގެ މައިގަނޑު އެއް ސަބަބަކީ އޭނާގެ ބައްޕަގެ ހުވަފެނީ ފިލްމެއް ބެލުންތެރިން ބަލައިގަތް ފިލްމަކަށް އަބީޝެކަށް ހަދައި ނުދެވުނީތީ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ކަރަން އާއި އަބީޝެކް ރަސްމީކޮށް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކަރަން އާއި އަބީޝެކާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހެ އެވެ. އަދި "ކަލަންކް" އަށް ފަހު، އިތުރު ފިލްމެއް ދަރުމާ އަށް ހަދައިދޭން، ސްކްރިޕްޓެއްގެ މަސައްކަތް ކުރަން ކަރަން، އަބީޝެކްގެ ކިބައިން އެދިފައިވާ ކަމަށްވެ އެވެ. އަދި ކޮންމެ ޑައިރެކްޓަރަކަށް ވެސް ކާމިޔާބީ އާއި ނާކާމިޔާބީއާ ކުރިމަތިވާނެ ކަމަށް ބުނެ ކަރަން، އަބީޝެކަށް ހިތްވަރު ވެސް ދީފައިވާ ކަމަށްވެ އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރި "ކަލަންކް" އަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން މިހާތަނަށް ލިބިފައި ވަނީ 121.96 ކްރޯޑް ރުޕީސް އެވެ. މި ފިލްމުގެ ތަރިންނަކީ އާލިއާ ބަޓާއި ވަރުން ދަވަން، މަދޫރީ ޑިކްސިޓާއި ސަންޖޭ ދަތު އަދި ސޮނާކްޝީ ސިންހާ އާއި އަދިތިޔާ ރޯއި ކަޕޫރެވެ.

"ކަލަންކް" އަކީ ކަރަންގެ ދަރުމާގެ އެންމެ ބޮޑު ފްލޮޕެވެ. އަދި މިއީ ދަރުމާގެ އޭ ޕްލަސް ރިޕޯޓްގައި ޖެހުނު ފުރަތަމަ ބޮޑު ލައްގަނޑު ވެސް މެ އެވެ.