Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

06 އެޕްރީލް 2019

ޑިމްޕަލް ކަޕާޑިއާ އަށް ބޮޑުދައިތަ ކިޔާ ކަރަން ކަޕާޑިއާ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ބްލޭންކް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިމްޕަލް ކަޕާޑިއާ އަށް ބޮޑުދައިތަ ކިޔާ ކަރަން ކަޕާޑިއާ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ބްލޭންކް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ބެހްޒާދު ކަމްބާޓާ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. ފިލްމުގެ ޓްރެއިލާ އިން ވެސް ފެންނަ ގޮތުގައި މިއީ ވަރުގަދަ އެކްޝަން މަންޒަރުތައް ގިނަ ފިލްމަކަށް ވެގެން ދާނެ އެވެ. "ބްލޭންކް" ގެ މައިގަނޑު ވާހަކަ އެނބުރެނީ ކުއްލިއަކަށްވާ އެކްސިޑެންޓަކަށް ފަހު، ކަރަން އަށް ފަރުވާ ދޭން ބަލާ އިރު ހަށިގަނށޑުގައި ބޮމެއް ހަރުކޮށްފައި ހުރެގެން ދިމާވާ ކަންތައްތަކެވެ. އަދި އެ ހާދިސާގައި އޭނާގެ ހަނދާން ވެސް އެއްކޮށް ނެތިގެން ދެ އެވެ.

ޓްރެއިލާ އިން ފެންނަ ގޮތުގައި "ބްލޭންކް" އަކީ ބެލުންތެރިން ސިއްސުވައިލާނެ ކަހަލަ ގިނަ ކަންތައްތަކެއް ފެނިގެން ދާނެ ފިލްމަކަށް ވާނެ އެވެ. ފިލްމުގެ ހާއްސަ އެއް ކަމަކީ ސަނީ ޑިއޯލް ވެސް ފެނިގެން ދާނެތީ އެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި އިޝިތާ ދައްތާ އަދި ކަރަންވީރު ޝަރުމާ ހިމެނެ އެވެ.

ޑިމްޕަލްގެ ސިމްޕަލް ކަޕާޑިއާގެ ދަރިފުޅު ކަރަން ބޮލީވުޑަށް ދޫކޮށްލާ ފިލްމު "ބްލޭންކް" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 3 އެވެ.

"ކަލަންކް" ގެ ޓްރެއިލާ ދައްކާލައިފި

މި މަހުގެ 17 ވަނަ ދުވަހު ސްކްރީނަށް ގެންނަން ނިންމާފައިވާ ފިލްމު "ކަލަންކް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މީގެ ޓީޒާ މިދިޔަ މަހުގެ ތެރޭގައި ދައްކައިލުމަށް ފަހު، ގިނަ ބަޔަކު ޓްރެއިލާ އަށް އިންތިޒާރު ކުރަމުން ދަނިކޮށް ދައްކައިލި އިރު ޔަގީނުން ވެސް "ކަލަންކް" ވެގެން ދާނީ ވަރަށް ވެސް އަސަރު ގަދަ އިންޓެންސް ފިލްމަކެށެވެ.

ދެހާސް ސާދައިގައި "2 ސްޓޭޓްސް" ގެނެސް ދިން ޑައިރެކްޓަރު އަބީޝެކް ވަރުމަން ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 1940 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ޕީރިއަޑް ޑްރާމާއެކެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރު ޑްރީމް ޕްރޮޖެކްޓެއްގެ ގޮތުގައި ސިފަކޮށްފައިވާ ފިލްމުގެ ލީޑް ކާސްޓުންނަކީ އާލިއާ ބަޓް، ވަރުން ދަވަން، ސޮނާކްޝީ ސިންހާ، އަދިތިޔާ ރޯއި ކަޕޫރް، މަދޫރީ ޑިކްސިޓް އަދި ސަންޖޭ ދަތެވެ.

ބާދްޝާ ތައާރަފުވާ ފިލްމުގެ ޝޫޓިން ނިންމާލައިފި

މަޝްހޫރު ލަވަކިޔުންތެރިޔާ/ރެޕާ ބާދްޝާ އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ވަރުން ޝަރުމާ އަދި އައްނޫ ކަޕޫރް ހިމެނެ އެވެ. ޓީ ސީރީޒްގެ ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ ފިލްމުގެ ނަން އަދި އިއުލާންކޮށްފައި ނުވާ އިރު، މީގެ ޑައިރެކްޓަރަކީ ޝިލްޕީ ދާސް ގުޕްތާ އެވެ.

ފިލްމު ރިލީޒް ކުރާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅު އެވެ.

ކަރަންގެ ސްޓެޗޫ ދައްކާލައިފި

ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރު/ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރުގެ ވެކްސް ސިންގަޕޫރްގައި ދައްކާލައިފި އެވެ.

ލަންޑަންގެ މެޑަމް ޓްސޯޑްސް އިން ތައްޔާރުކޮށް، އެ މިއުޒިއަމްގެ ސިންގަޕޫރު ގޮފީގައި ބެހެއްޓި ކަރަންގެ ސްޓެޗޫ ދައްކައިލަން ބޭއްވި ރަސްމިއްޔާތުގައި އޭނާއާ އެކު މަންމަ ހީރޫ ޖޯހަރު ވެސް ބައިވެރިވެ، ސްޓެޗޫއާ އެކު ފޮޓޯ ނަގާފައިވެ އެވެ. އެ ސްޓެޗޫ ދައްކައިލުމާ އެކު ކަރަންގެ ވަރަށް ގިނަ ރައްޓެހިން ވަނީ މަރުހަބާ ކިޔައި ޓްވީޓްކޮށްފައިވެ އެވެ.

އޭނާގެ ސްޓެޗޫ ހަދާފައި ހުރީ ސެލްފީއެއް ނަގަން ފޯނު އަތަށް ލައިގެން ހުއްޓިގެން ހުންނަ ގޮތަށެވެ.

މެޑަމް ޓުސޯޑްސްގެ ސިންގަޕޫރް ގޮފިން މިދިޔަ މަހު ވަނީ ސައުތުގެ މަޝްހޫރު އެކްޓަރު މަހޭޝް ބާބޫގެ ސްޓެޗޫ ވެސް ދައްކާލައިފަ އެވެ.