Roadha Mihaaru
"ކަލަންކް" އަކީ ކަރަންގެ އެންމެ ބޮޑު ފްލޮޕް

"ކަލަންކް" އަކީ ކަރަން ޖޯހަރުގެ އެންމެ ބޮޑު ފްލޮޕް

25 އެޕްރީލް 2019

މި މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރި ދަރުމާ ޕްރޮޑަކްޝަންގެ ބޮޑު ބަޖެޓް ފިލްމު "ކަލަންކް" އަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އެންމެ ބޮޑު ފްލޮޕަށް ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރި ދަރުމާ ޕްރޮޑަކްޝަންގެ ބޮޑު ބަޖެޓް ފިލްމު "ކަލަންކް" އަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އެންމެ ބޮޑު ފްލޮޕަށް ވެއްޖެ އެވެ.

ކާމިޔާބު އަދި ރީތި ފިލްމުތަކެއް ގެނެސްދޭ ޕްރޮޑިއުސަރެއްގެ އޭ ޕްލަސް ޓްރެކް ރިކޯޑެއް އޮތް ކަރަންގެ އުންމީދީ ފިލްމު ބޮޑުތަނުން ފެއިލްވެގެން ދިޔައިރު މި ފިލްމަކީ ކްރިޓިކުންނާއި ބެލުންތެރިން ވެސް ބަލައިގަތް ފިލްމެއް ނޫނެވެ.

އަބީޝެކް ވަރުމަން ލިޔެ، ޑައިރެކްޓްކޮށް ގެނެސް ދިން ތާރީހީ ލޯބީގެ ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަން ފީކަޅާވެގެން މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނު "ކަލަންކް" އަކީ 150 ކްރޯޑް ރުޕީސްގެ ބަޖެޓަކާ އެކު، އޭ ލިސްޓް ތަރިންތަކެއް ވެސް ހިމަނައިގެން ގެނެސްދިން ފިލްމެކެވެ. އޭގެ ތެރޭގައި އާލިއާ ބަޓާއި ވަރުން ދަވަން، މަދޫރީ ޑިކްސިޓާއި ސަންޖޭ ދަތު އަދި ސޮނާކްޝީ ސިންހާ އާއި އަދިތިޔާ ރޯއި ކަޕޫރް ހިމެނެ އެވެ.

ކުރިން މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވުނު މި ފިލްމަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް ލިބުނު ނަމަވެސް، ފިލްމުގެ ވިޔަފާރި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ދަށަށެވެ.

އިންޑިއާ އިން އެކަނި މިދިޔަ ހޯމަ ދުވަހާ ހަމައަށް "ކަލަންކް" އަށް ލިބިފައި ވަނީ ޖުމްލަ 66.03 ކްރޯޑް ރުޕީސް އެވެ. އެ އަދަދާއި ބޭރުގެ މާކެޓްތަކުން ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ އަންގާރަ ދުވަހާ ހަމައަށް އުޅެނީ 112.20 ކްރޯޑް ރުޕީސްގަ އެވެ. މިއީ ދަރުމާގެ ފިލްމަކާ ބަލާފައިި އަދި އޭ ލިސްޓް ތަރިން އުޅޭ ފިލްމަކާ ބަލާފައި ވަރަށް ވެސް ދަށް ވިޔަފާރިއެކެވެ.

އަނެއްކޮޅުން "ކަލަންކް" ވެގެން ގޮސްފައި ވަނީ ކުޅުނު ހުރިހާ ފިލްމެއް މިހާތަނަށް ހިޓަކަށް ހެދި ޒުވާން އެކްޓަރު ވަރުން ދަވަންގެ ފުރަތަމަ ފްލޮޕަށެވެ. އެހެންވެ މިއީ އޭނާ ކެރިއަރުގެ ސާފު ރިޕޯޓްގައި ލައްގަނޑެއް ޖެހި ފިލްމެކެވެ.

"ކަލަންކް" އަކީ ކަރަންގެ ދަރުމާ އިން މި އަހަރު ގެނެސް ދިން ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސް ދިން ފުރަތަމަ ފިލްމަކީ 202.54 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި އަކްޝޭ ކުމާރުގެ "ކޭސަރީ" އެވެ.

ދަރުމާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.

މި އަހަރު އެތަނުން ގެނެސް ދޭނެ އިތުރު ފިލްމުތަކަކީ "ޑްރައިވް"، "ގުޑް ނިއުސް" އަދި "ބުރައްމަސްތުރާ" އެވެ.