Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

16 އެޕްރީލް 2019

ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރާ، ސަލްމާން ހާންގެ ފިލްމު "ބާރަތު" ގެ ޓްރެއިލާ މި މަހުގެ 24 ވަނަ ދުވަހު ދައްކައިލަން ނިންމައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރާ، ސަލްމާން ހާންގެ ފިލްމު "ބާރަތު" ގެ ޓްރެއިލާ މި މަހުގެ 24 ވަނަ ދުވަހު ދައްކައިލަން ނިންމައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

ފިލްމުގެ ޓީމުން އާންމުކުރި ޕޯސްޓަރުން ފެންނަނީ ސަލްމާން ވަރަށް ދުވަސްވީ މީހެއްގެ ލުކެއްގަ އެވެ. "ބާރަތު" އަކި އޭނާގެ ވަރަށް ޒުވާން އުމުރުން ފެށިގެން ގޮސް ދުވަސްވީ މީހެއްގެ ރޯލުން ދައްކުވައި ދޭނެ ފިލްމެކެވެ.

ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ބާރަތު" އަކީ ސަލްމާނާއި ކެޓްރީނާގެ ޖޯޑު އަނެއްކާ ވެސް އެކީގައި ފެންނާނެ ފިލްމެކެވެ.

މި ދެ ތަރިން އެންމެ ފަހުން އެކީގައި ކުޅުނީ އަލީ 2017 ގައި ގެނެސް ދިން ކާމިޔާބު ފިލްމު "ޓައިގާ ޒިންދާ ހޭ" އިންނެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބާރަތު" ގެ ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓްނީ، ޖެކީ ޝްރޮފް، ތައްބޫ، ނޯރާ ފަތެހީ އަދި ސުނިލް ގްރޯވާ ހިމެނެ އެވެ.

މި ފިލްމަކީ 2014 ގައި ރިލީޒް ކުރި ކޮރެއީ ފިލްމު "އޯޑް ޓް މައި ފާދާ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި މަހުގެ 24 ވަނަ ދުވަހު "ބާރަތު" ގެ ޓްރެއިލާ ދައްކައިލާ އިރު، މިދިޔަ ޖެނުއަރީ މަހު ވަނީ ފިލްމުގެ ޓީޒާ ވެސް ދައްކާލައިފަ އެވެ.

ރަހުމާންގެ ފިލްމު ޖޫން 21 ގައި

އޮސްކާ ހާސިލުކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހުމާންގެ ވާހަކައަކަށް އޭނާ، ޕްރޮޑިއުސްކޮށްފައިވާ ފުރަތަމަ ފިލްމު "99 ސޯންގްސް" އަންނަ ޖޫން މަހުގެ 21 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

އޭނާ ކުރި ޓްވީޓެއްގައި ވެސް އެކަން ކަށަވަރުކޮށް ދީފައިވާ އިރު، މި ފިލްމު ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުން ގެނެސް ދޭނެ އެވެ.

ރަހުމާންގެ ފިލްމު ކުންފުނި ވައިއެމް މޫވީޒް އާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން ހަދާފައިވާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ވިޝްވޭޝް ކްރިޝްނަމުރުތީ އެވެ.

ރޮމޭންޓިކް މިއުޒިކަލްއެއްގެ ގޮތުގައި ގެނެސްދޭ "99 ސޯންގްސް" އިން ފެނިގެން ދާނީ އާ ތަރިންނެވެ. އެއީ އިހާން ބަޓް، އެޑިލްސީ ވަރްގީސް އަދި ތެންޒިން ދާޅާ އެވެ.

އެކްތާ އާއި މޯހިތުގެ އިތުރު ފިލްމެއް

ޕްރޮޑިއުސަރު އެކްތާ ކަޕޫރާ ގުޅިގެން 2017 ގައި "ހާފް ގާލްފްރެންޑް" އާއި 2015 ގެ "އޭކް ވިލަން" ގެނެސް ދިން ޑައިރެކްޓަރު މޯހިތު ސޫރީ އަނެއްކާ ވެސް އެކްތާއާ ގުޅިގެން ފިލްމެއް ގެނެސް ދޭން ނިންމައިފި އެވެ.

މި މަހުގެ 11 ގައި ފާހަގަ ކުރި މޯހިތުގެ އުފަން ދުވަހާ ދިމާކޮށް އެކްތާ ކުރި ޓްވީޓެއްގައި ބުނީ މޯހިތު އޭނާ އަށް ވަރަށް ފުރިހަމަ ސްކްރިޕްޓެއް ނެރޭޓްކޮށް ދީފައިވާ ކަމަށެވެ. އެކަމަކު އެއާ ބެހޭ އެއްވެސް ތަފުސީލެއް ހިއްސާއެއް ނުކުރެ އެވެ.

"އާޝިގީ 2" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދިން މޯހިތު މިހާރު އަންނަނީ "މަލަންގް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ޓީ ސީރީޒާއި ލަވް ފިލްމްސް އިން ޕްރޮޑިއުސްކޮށް، އަންނަ އަހަރު ގެނެސްދޭ އެ ފިލްމުގެ ތަރިންނަކީ އަދިތިޔާ ރޯއި ކަޕޫރް، ޑިޝާ ޕަޓްނީ، ކުނާލް ކޭމޫ އަދި އަނިލް ކަޕޫރެވެ.

މިއޮތީ "ކަލަންކް" ގެ ޖޫކްބޮކްސް

ބުދަ ދުވަހު ރިލީޒް ކުރާ ފިލްމު "ކަލަންކް" ގެ ލަވަތައް ހިމެނޭ ޖޫކްބޮކްސް ފޭނުންނަށް ދޫކޮށްލައިފި އެވެ.

ޕްރިތަމް މިއުޒިކް ތައްޔާރުކޮށް ދީފައިވާ މި ފިލްމުގެ ލަވަތައް މިހާރު ވެސް އަންނަނީ ޗާޓްތަކުގެ އެންމެ ކުރީގައި ވާދަ ވެސް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ލަވައަކީ "ފަސްޓް ކުލާސް" އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލަވަތަކުގެ ތެރޭގައި "ގަރް މޯރޭ ޕަރުދޭސިއާ"، "ތަބާ ހޯ ގަޔޭ"، "އައިރާ ގައިރާ"، "ރަޖްވާޅީ އޮދުނީ" އަދި ޓައިޓްލް ލަވަ "ކަލަންކް" ހިމެނެ އެވެ.

މި ލަވަތަކުގެ އަޑުުގެ ވެރިންގެ ތެރޭގައި ބޮލީވުޑްގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި އަރިޖިތު ސިންގް އާއި ޝްރެޔާ ގޯޝަލް ފާހަގަކޮށްލެވެ އެވެ.

"ކަލަންކް" ގެ ތަރިންނަކީ އާލިއާ ބަޓް، ވަރުން ދަވަން، މަދޫރީ ޑިކްސިޓް، ސަންޖޭ ދަތު، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރެވެ.