Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

09 އެޕްރީލް 2019

މި މަހުގެ 17 ގައި ރިލީޒްކުރާ ފިލްމު "ކަލަންކް" ގެ އަގުބޮޑު ސެޓްތަކުގެ ތެރެއިން ސެޓެއް ހަދަން ކުރަން ކުރި މަސައްކަތްތަކެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 17 ގައި ރިލީޒްކުރާ ފިލްމު "ކަލަންކް" ގެ އަގުބޮޑު ސެޓްތަކުގެ ތެރެއިން ސެޓެއް ހަދަން ކުރަން ކުރި މަސައްކަތްތަކެއް ދައްކާލައިފި އެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ޕީރިއަޑް ޑްރާމާގެ މަންޒަރުތައް ނެގުމަށް ވަރަށް ވެސް ޗާލު އަދި އެހާމެ ފުރިހަމަ އަގުބޮޑު ސެޓްތަކެއް ވަނީ ހަދައިފަ އެވެ. މި މަސައްކަތް ކުރިއަށް ދިޔަ ގޮތާއި އެކަމުގައި ޝާމިލުވި މީހުންގެ ވާހަކަތައް "ކަލަންކް" ގެ ޓީމުން ވަނީ ޓްވިޓާގައި ވީޑިއޯއަކުން ހިއްސާކޮށްފަ އެވެ.

އަބީޝެކް ވަރުމަން ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ސެޓްގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވީ އަމްރިތާ މަހަލް ނަކާއީ އެވެ. އޭނާ ބުނި ގޮތުގައި ހުސްނުއާބާދުގެ ނަމުގައި ގާއިމު ކުރި ޓައުންޝިޕްގެ މަސައްކަތް ތިން މަސް ދުވަހަށް ކުރިއަށް ދިޔަ އިރު، އެ މަސައްކަތުގައި 700 އަށް ވުރެ ގިނަ މީހުން ހިއްސާވި އެވެ.

"ކަލަންކް" ގައި ކިޔައި ދޭނީ 1940 ގައި ހިނގާ ހާދިސާތަކެކެވެ. މި ފިލްމުގެ ތަރިންނަކީ އާލިއާ ބަޓް، ވަރުން ދަވަން، މަދޫރީ ޑިކްސިޓް، ސަންޖޭ ދަތު، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރެވެ.

އަމީތާބް އިތުރު ފިލްމަކަށް

މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާރިއެއް ވެސް ކުރި "ބަދުލާ" ގެ ކާމިޔާބީ އަށް ފަހު އަމީތާބް ބައްޗަން އަނެއްކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

އޭނާ މި ފަހަރު ސޮއިކޮށްފައި ވަނީ ހިންދީ ބަހާއި ތަމަޅަ ބަހުން ހަދާ "ތޭރާ ޔާރު ހޫ މޭ" އަށެވެ. މި ފިލްމުގެ ކާސްޓްގައި ތަމަޅަ އެކްޓަރުތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ކުރިން ހިންދީ ފިލްމުތަކެއް ކުޅެފައިވާ ރާމިއާ ކްރިޝްނަން އާއި އެސްޖޭ ސޫރިއާ ހިމެނެ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމުގެ ޑައިރެކްޓަރަކީ ތީ ތަމިލްވަނަން އެވެ.

އަމީތާބްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޖުންދު" އަދި "ބުރައްމަސްތުރާ" ހިމެނެ އެވެ.

ޓައިގާ އާއި ޑިޝާގެ އާ ލަވައެއް

މީގެ ކުރިން "ބޭފިކުރާ" ގެ ނަމުގައި ވީޑިއޯ ލަވައެއް އެކީގައި ކުޅެފައިވާ ޓައިގާ ޝްރޮފާއި ލޯބިވެރިޔާ އަދި ބަތަލާ ޑިޝާ ޕަޓްނީގެ އާ ވީޑިއޯއެއް ލަވައެއް ދައްކާލައިފި އެވެ.

ޓީ ސީރީޒުން ނެރެފައިވާ މި ލަވައިގެ ނަމަކީ "ހަރް ގޫންޓް މޭ ސްވެގް" އެވެ. ފޯރި ގަދަ ނެށުންތަކެއް ފެނިގެންދާ ލަވަ ޑައިރެކްޓްކޮށްފައި ވަނީ ޓައިގާ އާއި ޑިޝާ އެކީގައި ކުޅުނު ފިލްމު "ބާގީ 2" ގެ ޑައިރެކްޓަރު އަހުމަދު ހާނެވެ.

"ހަރް ގޫންޓް މޭ ސްވެގް" ލަވައިގެ މިއުޒިކާއި ޅެން ހަދައި އަދި ލަވަ ކިޔާފައި ވަނީ މަޝްހޫރު ރެޕާ ބާދްޝާ އެވެ.

އާލިއާ ތެލެގޫ ބަސް ދަސް ކުރަނީ

އެސްއެސް ރާޖަމޯލީގެ ފިލްމު "އާރްއާރްއާރް" ގެ ބަތަލާގެ ރޯލަށް ސޮއިކޮށްފައިވާ ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް، އެ ފިލްމަށް ތެލެގޫ ބަސް ދަސްކުރަން ފަށައިފި އެވެ.

އޭނާ ބުނީ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން މިހާރު ކޮންމެ ދުވަހަކު ކުރާ ކަމަކީ ޕްރައިވެޓްކޮށް، ތެލެގޫ ބަހުގެ ކްލާސްތަކެއް ނެގުން ކަމަށެވެ. އަދި މިއީ ދަސްކުރަން އެހާ ފަސޭހަ ބަހެއް ނޫން ކަމަށް ބުންޏެވެ.

އާލިއާ ބުނި ގޮތުގައި އާ ބަހެއް ދަސްކުރުމަކީ ވަރަށް ބޮޑު ޗެލެންޖެކެވެ. އެކަމަކު ފިލްމުގައި އޭނާ ކުޅެން ޖެހޭ ކެރެކްޓާ އަށް ތައްޔާރުވާން ކުރަން ކޮންމެ ކަމެއް ކުރާނެ ކަމަށް ބުންޏެވެ.

"އާރްއާރްއާރް" އަކީ ތެލެގޫ އާއި ހިންދީ ބަހުން ގެނެސް ދޭނެ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ރާމް ޗަރަން، އެންޓީއާ ޖޫނިއާ އަދި އަޖޭ ދޭވްގަން ހިމެނެ އެވެ.

ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި، 30، 2020 ގަ އެވެ.

އާލިއާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 17 ގައި ރިލީޒް ކުރާ "ކަލަންކް" އެވެ.