Roadha Mihaaru
ޣިޔާސުއްދީންގެ 10 އަހަރަށް 10 ޓަނުގެ ޕްލާސްޓިކް

ޣިޔާސުއްދީނަށް 10 އަހަރު ފުރުން ފާހަގަކުރަން 10 ޓަނުގެ ޕްލާސްޓިކް ހޮވަނީ

29 އެޕްރީލް 2019

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް 10 އަހަރު ފުރުމާ ދިމާކޮށް، އެ ސްކޫލުގެ ދަރިވަރުން ތިމާވެށީގެ ހަރަކާތެއްގެ ގޮތުން 10 ޓަނުގެ ޕްލާސްޓިކް ހޮވަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް 10 އަހަރު ފުރުމާ ދިމާކޮށް، އެ ސްކޫލުގެ ދަރިވަރުން ތިމާވެށީގެ ހަރަކާތެއްގެ ގޮތުން 10 ޓަނުގެ ޕްލާސްޓިކް ހޮވަން ފަށައިފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް މިއަދު ވިދާޅުވީ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، މިިދިޔަ ހޮނިހިރު ދުވަހު ދަރިވަރުން މާލޭގެ އެކި ސަރަހައްދު ސާފުކޮށް މިހާތަނަށް ތިން ޓަނުގެ ކުނި އެއްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ޓަނަކީ އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ސަރުކާރުން ހިންގަމުން އައި ސްކޫލު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވަނީ ޕްރައިވަޓައިޒޭޝަންގެ އުސޫލުން ހިންގަން އިންޑިއާގެ ސްރީ އެޑިއުކެއާއާ ހަވާލުކޮށްފަ އެވެ. އެ ކުންފުންޏާ ހަވާލުކޮށް، އިންޓަނޭޝަނަލް ފެންވަރުގައި ޣިޔާސުއްދީން ހިންގާތާ 10 އަހަރު ފުރޭނީ އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހެވެ.

ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން، ކުނި ހޮވަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތުގައި ބައިވެރިވަނީ -- ފޮޓޯ: ޣިޔާސުއްދީން ސްކޫލު

ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން، ކުނި ހޮވަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތުގައި ބައިވެރިވަނީ -- ފޮޓޯ: ޣިޔާސުއްދީން ސްކޫލު

ޣިޔާސުއްދީންގެ ދަރިވަރުން އަންނަނީ، ގޭގައި ހުސްކުރާ ޕްލާސްޓިކް ފުޅި ސްކޫލަށް ގެންދަމުންނެވެ. އެގޮތުން އެ ތަނަށް ގެންދާ ފުޅި، ސްކޫލާ ގުޅިގެން ރިސައިކަލް ކުރަން ޕާލޭ އިން ރާއްޖެއިން ބޭރަށް ފޮނުވަ އެވެ. އެގޮތުން ކުޅިވަރުގެ ސާމާނު އުފައްދާ މަޝްހޫރު އެޑިޑަސް ކުންފުނިން ވަނީ އެ ޕްލާސްޓިކް ބޭނުންކޮށްގެން ބޫޓާއި ޖާޒީ ވެސް ހަދައިފަ އެވެ. ބަޔާން މިޔުނިކް އާއި ރެއަލް މެޑްރިޑުން އެ ޖާޒީގައި ކުޅުނެވެ.

"މިހާރު 2017 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުދިން ގެއިން ގެންނަ ޕްލާސްޓިކުން ވަނީ 7120 ކިލޯ [ހަތް ޓަނު] އެއްކުރެވިފައި. މިިދިޔަ ހޮނިހިރު ދުވަހުގެ ހަރަކާތާ އެކު ޖުމްލަ 9246 ކިލޯ [ނުވަ ޓަނު]ގެ ޕްލާސްޓިކް ވަނީ އެއްކުރެވިފައި،" ތޯހާ ވިދާޅުވި އެވެ،

ޣިޔާސުއްދީން ސްކޫލަށް 10 އަހަރު ފުރުމާ ދިމާކޮށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތުގައި އެ ސްކޫލުގެ ދަރިވަރުން ހޮވި ކުނިތައް -- ފޮޓޯ: ޣިޔާސުއްދީން ސްކޫލު

ޣިޔާސުއްދީން ސްކޫލަށް 10 އަހަރު ފުރުމާ ދިމާކޮށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތުގައި އެ ސްކޫލުގެ ދަރިވަރުން ހޮވި ކުނިތައް -- ފޮޓޯ: ޣިޔާސުއްދީން ސްކޫލު

"އުއްމީދަކީ އުކާލެވޭ ޕްލާސްޓިކް ކަނޑާއި މޫދަށް އުކާލެވޭ މިންވަރު މަދުކުރުމާއި، ހޭލުންތެރިކަން އުފައްދައި އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓިގެން ދިއުން،" ތޯހާ ވިދާޅުވި އެވެ.

ތިމާވެށި ހިމާޔަތްކުރަން ގިނަ މަސައްކަތެއް ކުރަމުން އަންނަ ޣިޔާސުއްދީނުން ވަނީ، ފިނޭންސް މިނިސްޓްރީގެ އިމާރާތް ހުރި ގޯތިތެރޭގައި ގަސް އިންދަން ވެސް ނިންމައިފަ އެވެ. އަދި އަހަރީ ދުވަހުގެ ހާއްސަ ފޮތެއް ވެސް ނެރޭނެ އެވެ.