15 ފެބުރުއަރީ 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންގެ ގޭގޭގައި ބޭނުންކުރާ ޕްލާސްޓިކް އުކައެއް ނުލާނެ އެވެ. އެ އެއްޗެހި ފޮނުވަނީ ރާއްޖެ އިން ބޭރަށެވެ. އެޑިޑާސް އިން މިދިޔަ ނޮވެމްބަރު މަހު ނެރުނު ޚާއްސަ ދެ ޖާޒީ ބައެއް ތައްޔާރުކުރަން އެ ޕްލާސްޓިކް ވަނީ ބޭނުންކޮށްފަ އެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންގެ ގޭގޭގައި ބޭނުންކުރާ ޕްލާސްޓިކް އުކައެއް ނުލާނެ އެވެ. އެ އެއްޗެހި ފޮނުވަނީ ރާއްޖެ އިން ބޭރަށެވެ. އެޑިޑާސް އިން މިދިޔަ ނޮވެމްބަރު މަހު ނެރުނު ޚާއްސަ ދެ ޖާޒީ ބައެއް ތައްޔާރުކުރަން އެ ޕްލާސްޓިކް ވަނީ ބޭނުންކޮށްފަ އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ ސްޕެއިންގެ ރިއަލް މެޑްރިޑާއި ޖަރުމަންގެ ބެޔާން މިއުނިކްގެ ކުޅުންތެރިން އެ ޖާޒީތަކުގައި މެޗު ކުޅެފައިވާ އިރު މިއުނިކްގެ ކުޅުންތެރިންގެ އޮޓޮގްރާފާ އެކު ޣިޔާސުއްދީނަށް ވަނީ ޖާޒީއެއް ހަދިޔާ ވެސް ކޮށްފަ އެވެ.
މިއީ ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމްއިއްޔާ ޕާލޭ އިން އެޑިޑާސްއާ ގުޅިގެން ކުރިއަށް ގެންދާ ޕްލާސްޓިކް ރީސައިކަލްކުރުމުގެ މަސައްކަތުގައި ދިވެހި ކުޑަކުދިންތަކެއްގެ ހިއްސާ އެވެ.
ގޭގައި ބޭނުންކޮށް ހުސްވެފައި ހުންނަ ލޯޝަން ފުޅި ފަދަ އެއްޗެހި ހިފައިގެން ޣިޔާސުއްދީންގެ ދަރިވަރުން ދާނީ ސްކޫލަށެވެ. އެ އެއްޗެހި އަޅާނީ ސްކޫލުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުންނަ ބޮޑު ދެ ގޯންޏަށެވެ. ޕާލޭ އަށް އެ ޕްލާސްޓިކް ފޮނުވައިދެނީ ރާއްޖޭގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ބީމް އިންނެވެ. ޕްލާސްޓިކްގެ ބާވަތާއި އެ އެއްޗެއް ގެންނަނީ ކޮން ދަރިވަރެއްކަން އެނގޭނެހެން ޣިޔާސުއްދީނުން ރެކޯޑް ބަލަހައްޓަ އެވެ.
މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އަށް މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 345،000 އައިޓަމް ޣިޔާސުއްދީނުން ބީމްއާ ހަވާލުކޮށްފައިވެ އެވެ.
"އެ ހުރިހާ ޕްލާސްޓިކް އަންދާލި ނަމަ ނުވަތަ ކޮންމެވެސް ސަބަބަކާ ހެދި އެ އެއްޗެހި މޫދަށް ދިޔަ ނަމަ ވަރަށް ބޮޑު ޕޮލިއުޝަނަކަށް ވީސް،" އިންޑިއާގެ ޝްރީ އެޑިއުކެއާ ކުންފުނިން ހިންގަމުން އަންނަ ޕްރައިވެޓް ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވި އެވެ.
ޕްލާސްޓިކްގެ ނުރައްކަލުން ކަނޑުގެ ދިރުންތައް ސަލާމަތްކުރަން ޕާލޭ އިން ހިންގާ ބޮޑު ކެމްޕެއިންގައި ޖަރުމަންގެ އެޑިޑާސް އިން ވަނީ ރާއްޖެ އިން ހޮވާފައިވާ ޕްލާސްޓިކުން ބޫޓެއް ވެސް އުފައްދައިފަ އެވެ. އެ ބޫޓުގެ އެއް މިލިއަން ޖޯޑު މި އަހަރުގެ ނިޔަލަށް ތައްޔާރުކޮށް ވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ޣިޔާސުއްދީނަކީ ޕާލޭގެ މި ޕްރޮގްރާމްގައި މުޅި ދުނިޔެ އިން ވެސް ބައިވެރިވާ ފުރަތަމަ ސްކޫލް،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން އެއްކުރި ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސް އިން ތައްޔާރުކުރި ބެޔާން މިއުނިކްގެ ޖާޒީ އަދި ރާއްޖެ އިން ހޮވި ޕްލާސްޓިކުން ހަދާފައިވާ ބޫޓު ޣިޔާސުއްދީނަށް ހަދިޔާކޮށްފައި.
ޕްލާސްޓިކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރަން އެހީވާން ޣިޔާސުއްދީނުން ދޭ ސަމާލުކަން ބޮޑެވެ. އުކާލާ ޕްލާސްޓިކް އެއްކުރުމުގެ ޕްރޮގްރާމް ދާއިމީކޮށް ކުރިއަށް ގެންދެ އެވެ. އެއާ އެކު، ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ.
ފެން އަޅަން ބޭނުންކުރާ ވައްތަރުގެ ފުޅި ފިޔަވައި އެހެން ބާވަތްތަކުގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ޣިޔާސުއްދީނަށް ވެއްދުމަކީ މަނާ ކަމެކެވެ. ސްކޫލުގެ ހަރަކާތްތަކުގައި ވެސް ޕްލާސްޓިކް ފުޅި ކަހަލަ އެއްޗެހި ބޭނުމެއް ނުކުރެ އެވެ.
"އެއްވެސް އިވެންޓެއްގައި ވެސް އަދި ކެންޓީނުގައި ވެސް ޕްލާސްޓިކް ބޭނުމެއް ނުކުރާނެ. ކުޅިވަރު އިވެންޓްތަކުގައި އެހެން ސްކޫލްތަކުން ބޮޑެތި ފެން ކޭސްތައް ބޭނުންކުރާ އިރު މި ތަނުން ގެންދާނީ ބޮޑެތި ކޫލަރަށް ފެން އަޅައިގެން،" ތޯހާ ފާހަގަކުރެއްވި އެވެ.
އެއީ އެހާ ފަސޭހަ ކަމެއް ނޫންކަން ޕްރިންސިޕަލް ގަބޫލުކުރައްވަ އެވެ. އެކަމަކު އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އުނދަގޫ ވިޔަސް، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރަން އެންމެން ވެސް މި ވިސްނުން ބަލައިގަތުން މުހިއްމެވެ.
"މިއީ އުނދަގޫ ކަމެއް. މިސާލަކަށް ކޫލަރު އުފުލުން ކަހަލަ ކަންކަން ފަސޭހައެއް ނޫން. އަނެއްކާ އަޅުގަނޑުމެން ދިވެހިން އާދަވެފައި މި ތިބީ ފިހާރަ އިން އެއްޗެއް ގަނެގެން ބޮއެފައި އެއްލައިލާ ގޮތަށް،" ތޯހާ ވިދާޅުވި އެވެ.
"އެކަމަކު މިއީ އަޅުގަނޑުމެން އެންމެންގެ ކުރިމަގަށްޓަކައި ކުރަން ޖެހޭ ކަމެއް. މިއީ އަޅުގަނޑުމެން އެންމެން ވެސް ދިރިއުޅެން އޮތް ތަން. އެހެންވީމާ ރާއްޖޭގައި މިކަން ފުޅާވާން އަޅުގަނޑުމެން ބޭނުންވަނީ. ބައެއް ގައުމުތައް އެބަހުރި ޕްލާސްޓިކް ބޭނުންކުރުން މުޅިން މަނާ ގައުމުތައް. އަނެއް ބައި ގައުމުތަކުގައި ބޮޑެތި ޖޫރިމަނާތައް އެބަ ކުރޭ. ރާއްޖެ މީ ކުޑަކުޑަ ގައުމެއް ވީމާ މިކަން ކުރަން މާ ފަސޭހަ ވެސް ވާނެ."
އަލުން ބޭނުންކުރަން އެއްކުރާ ޕްލާސްޓިކް އަޅަން ޣިޔާސުއްދީން ސްކޫލުގައި ބަހައްޓާފައިވާ ބޮޑު ކޮތަޅެއްގެ ކައިރީގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ފޮޓޯއަކަށް މަޑުކޮށްލައިގެން.
އުކާލަން ހުންނަ ޕްލާސްޓިކް އަލުން ބޭނުންކުރަން އެއްކުރުމުގެ ފޯރި ޣިޔާސުއްދީންގެ ދަރިވަރުންގެ މެދުގައި ބޮޑެވެ. އެންމެ ގިނައިން ޕްލާސްޓިކް ގެންދާ ކުއްޖަކަށް ވުމުގެ ވަރުގަދަ ރޫހެއް އެ ކުދިންގެ ތެރޭގައި އޮވެ އެވެ. ބައެއް ދަރިވަރުން އެއްކޮށްފައިވާ އެއްޗެހީގެ އަދަދު އެތަކެއް ހާހަކަށް އަރާ އިރު، އެއީ ތިމާވެއްޓަށް ވެދެވޭ ވަރަށް ބޮޑު އެހީއެއް ކަން އެ ކުދިން ދަނެ އެވެ.
"މިކަން ކުރަނީ އީކޯސިސްޓަމް އަށް ވަރަށް ބޮޑަށް ފައިދާކުރާނެތީ،" މިހާތަނަށް ސްކޫލަށް އެންމެ ގިނައިން ޕްލާސްޓިކް ގެންދިޔަ އިލާން މުހައްމަދު ޝަފާޒް، ޕްލާސްޓިކް އެއްކުރުމުގައި ބައިވެރިވާ ސަބަބު ކިޔައިދެމުން ބުންޏެވެ. އޭނާ އެއްކޮށްފައިވާ ޕްލާސްޓިކް އެއްޗެހީގެ އަދަދު 55،000 އަށް ވުރެ މައްޗަށް އަރަ އެވެ.
އެޑިޑަސްގެ ޖާޒީގައި އެ ކުދިންގެ ހިއްސާ އޮތް ކަން އެނގުމަކީ ވެސް ޣިޔާސުއްދީންގެ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެ ޖާޒީ ސްކޫލުގެ އެސެމްބްލީގައި ކުދިންނަށް ވަނީ ދައްކާލައިފަ އެވެ.
"އެ ދުވަހު ހިތަށްއެރީ ވަރަށް ރަނގަޅު ކަމެކޭ މި ކުރެވުނީ،" އިލާން، 9، ބުންޏެވެ.
ޕްރިންސިޕަލް ގަބޫލުކުރައްވާ ގޮތުގައި ޕްލާސްޓިކް މަދުކޮށް، ރީސައިކަލްކުރުމުގެ ސިޔާސަތެއް ޣިޔާސުއްދީން ނޫން ސްކޫލްތަކަށް ވެސް ގެންގުޅެވިދާނެ އެވެ. އޭގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެންގެ ސްކޫލުގައި ޕްލާސްޓިކް ނުގެންގުޅޭ އިރު އެހެން ސްކޫލްތަކުގައި އެ ގޮތަށް ނެހެދެންވީ ކީއްވެގެންތޯ؟ ސްކޫލްތަކުގައި މި ކަން ކުރާ އިރު ކޮންމެވެސް ވަރެއްގެ ހަރަދެއް ކުރަން ޖެހޭ. ރިވާސް އޮސްމޯސިސް ފިލްޓާތަކާ އެއްޗެހި ހަރުކޮށް ހަދަން ޖެހޭނެ. އެކަމަކު އެ ހަރަދު މި ކުރަނީ ރަނގަޅު ކަމަކަށް،" ތޯހާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް ހީވަނީ އެޑިއުކޭޝަން މިނިސްޓްރީން މިކަމަށް ބާރެއް ލައިފިއްޔާ އަދި ހުރިހާ ސްކޫލްތަކުން ރީސައިކަލްކުރުމުގައި ބައިވެރިވެގެން، ރާއްޖޭގައި ހުރި ހުރިހާ ޕްލާސްޓިކެއް ރަނގަޅު ކަމަކަށް ބޭނުންކޮށް ހުސްކޮށްލެވިދާނެ ހެން."
ޣިޔާސުއްދީން: ތިމާވެށީގައި ހިމާޔަތުގައި ނަމޫނާއަކަށް
ޕްލާސްޓިކް މަނާ ކުރަން މަޖިލިހުން ގަރާރެއް ފާސްކޮށްފި
ސްކޫލްތެރެއަށް ކުނިއަޅާ ދަރިވަރުން ޖޫރިމަނާ ކުރަނީ
ޣިޔާސުއްދީންގެ 10 އަހަރަށް 10 ޓަނުގެ ޕްލާސްޓިކް
ސްކޫލު ފޮތްތައް ރިސައިކަލް ކުރަން ވެމްކޯއިން ފަށައިފި
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
ޣިޔާސުއްދީނުގެ ނިންމުން އައީ ކޮވިޑް ކޭސްތަކަކާ ގުޅިގެން
ގައިޑްލައިނަށް ކިޔަވައިދޭން ޣިޔާސުއްދީނަށް އަންގައިފި
ހަތް މަހަށް ފަހު ޣިޔާސުއްދީންގެ ދަރިވަރުން ސްކޫލަށް
މުސްތަފާ، ދަތި ދުވަސްވަރެއްގައި ޣިޔާސުއްދީން ހުންގާނަށް