Roadha Mihaaru
ޑިޒްނީ އިންޑިއާގެ ފޯކަސް ހޮލީވުޑް ފިލްމުތަކަށް

ޑިޒްނީ އިންޑިއާގެ ފޯކަސް މިހާރު ހޮލީވުޑް ފިލްމުތަކަށް، ޑިމާންޑް އެބަ އޮތް

03 ސެޕްޓެމްބަރ 2016

އެމެރިކާގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ވޯލްޓް ޑިޒްނީގެ އިންޑިއާ ގޮފިން، ބޮލީވުޑްގެ ފިލްމްތަކުގެ ޑިސްޓްރިބިއުޝަނަށް ދޭ ސަމާލުކަން ކުޑަކޮށް، ހޮލީވުޑްގެ ފިލްމްތައް އިންޑިއާގައި މާކެޓްކޮށް، އޯޑިއަންސް ހޯދުމަށް ކުރާ މަސައްކަތް ފުޅާ ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ވޯލްޓް ޑިޒްނީގެ އިންޑިއާ ގޮފިން، ބޮލީވުޑްގެ ފިލްމްތަކުގެ ޑިސްޓްރިބިއުޝަނަށް ދޭ ސަމާލުކަން ކުޑަކޮށް، ހޮލީވުޑްގެ ފިލްމްތައް އިންޑިއާގައި މާކެޓްކޮށް، އޯޑިއަންސް ހޯދުމަށް ކުރާ މަސައްކަތް ފުޅާ ކުރަން ނިންމައިފި އެވެ.

ޑިޒްނީ އިންޑިއާ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިހާރު އެންމެ ބޮޑު އަމާޒަކީ ހޮލީވުޑްގެ ފިލްމުތަކަށް އިންޑިއާގެ އޯޑިއަންސް މިހާރަށް ވުރެ ބޮޑަށް ހިތް ޖެއްސުން ކަމަށެވެ.

ބޮލީވުޑް ފިލްމުތަކަށް ޑިޒްނީ އިންޑިއާ އިން ދޭ ސަމާލުކަން ކުޑަ ކުރަން ނިންމި އިރު، އެ ކުންފުނިން އެންމެ ފަހުން ޑިސްޓްރިބިއުޓް ކުރި ރިތިކް ރޯޝަން ލީޑް ރޯލް ކުޅުނު ޕީރިއަޑް ޑްރާމާ "މޮހެންޖޮ ދާރޯ" އަކީ ބޮޑު ފްލޮޕެކެވެ.

ފަނަރަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ އެންމެ 8.3 މިލިއަން ޑޮލަރެވެ.

ޑިޒްނީ އިންޑިއާ އިން މި އަހަރު ޑިސްޓްރިބިއުޓް ކުރި "ދަ ޖަންގަލް ބުކް" ވަނީ މިހާތަނަށް އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވުޑް ފިލްމުގެ މަގާމު ވެސް ހޯދައިފަ އެވެ. އެ ފިލްމަށް އިންޑިއާ އިން 30 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ޑިޒްނީން އިންޑިއާގައި ޑިސްޓްރިބިއުޓް ކުރި "ދި އެވެންޖާސް؛ އޭޖް އޮފް އަލްޓްރޯން" އަކީ އެ އަހަރު އިންޑިއާ އިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވުޑްގެ ތިން ވަނަ ފިލްމެވެ. އެ ފިލްމަށް 16.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

އެހެންވެ މި އަދަދުތަކުން ދައްކައި ދެނީ ހޮލީވުޑް ފިލްމުތަކަށް އިންޑިއާގައި ބޮޑު ތަރުހީބެއް އޮތް ކަމާއި ފިލްމުތައް ޕްރޮމޯޓް ކުރަން މިހާރަށް ވުރެ ބޮޑަަށް މަސައްކަތްކޮށްފި ނަމަ، ބޮލީވުޑް ފިލްމްތައް ފަހަތަށް ޖައްސާލެވިދާނެކަން ކަމަށް އިންޑިއާގެ ފިލްމް ކުންފުނި ޔޫޓީވީގެ ހިއްސާ ވެސް އޮންނަ ޑިޒްނީން ބުންޏެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮލީވުޑްގެ ފިލްމުތަކަށް މިދިޔަ އަހަރު އިންޑިއާ އިން ޖުމްލަ 98 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ 2014 އާ އަޅާ ބަލާ އިިރު 34 ޕަސަންޓްގެ ކުރިއެރުމެކެވެ.

އަނެއްކޮޅުން އެތައް ބަހަކުން ހާހަކާ ގާތް ކުރާ އަދަދަކަށް ފިލްމްތައް ނެރޭ އިންޑިއާގައި މިދިޔަ އަހަރު އެ ގައުމުގެ ފިލްމުތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.09 ބިލިއަން ޑޮލަރެވެ.

ޑިސްނީ އިންޑިއާ އިން ޑިސްޓްރިބިއުޓް ކުރަން ކުރިއަށް ތާވަލް ކުރެވިފައި ހުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޑިސެމްބަރު 23 ގައި ރިލީޒް ކުރާ އާމިރް ހާންގެ "ޑަންގަލް" އާއި ރަންބީރު ކަޕޫރާއި ކެޓްރީނާ ލީޑް ރޯލް ކުޅޭ "ޖައްގާ ޖާސޫސް" އެވެ.