Roadha Mihaaru
"އަލާއްދިން" އަށް ތާރާ އޮޑިޝަން ހެދި

ތާރާ ސުތާރިއާ "އަލާއްދިން" އަށް އޮޑިޝަން ހެދި

05 މެއި 2019

ޑިޒްނީން މި މަހު ރިލީޒްކުރާ "އަލާއްދިން" ގެ ލައިވް-އެކްޝަން ފިލްމުގެ ބަތަލާގެ ރޯލަށް އޮޑިޝަން ހެދި ކަމަށް "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް މި މަހު ތައާރަފުވާ ބަތަލާ ތާރިއާ ސުތާރިއާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޒްނީން މި މަހު ރިލީޒްކުރާ "އަލާއްދިން" ގެ ލައިވް-އެކްޝަން ފިލްމުގެ ބަތަލާގެ ރޯލަށް އޮޑިޝަން ހެދި ކަމަށް "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް މި މަހު ތައާރަފުވާ ބަތަލާ ތާރިއާ ސުތާރިއާ ބުނެފި އެވެ.

އޭނާ ދިން އިންޓަވިއުއެއްގައި ބުނީ ގައި ރިޗީ ޑައިރެކްޓްކޮށްފައިވާ ފިލްމަށް އޮޑިޝަން ހެދުމަށް ފަހު ލަންޑަނުގައި ކުރިއަށް ގެންދިޔަ އެ ފިލްމުގެ ވޯކްޝޮޕްތަކެއްގައި ވެސް ބައިވެރިވި ކަމަށެވެ.

"އެކަމަކު މި ވަގުތު ބޭނުމެއް ނޫން އެ ފިލްމުގައި ބައިވެރި ނުވި ސަބަބު ހިއްސާކުރާކަށް. ތަންކޮޅެއް ފަހުން އެ ވާހަކަ އަދި ދައްކާނަން،" ތާރާ، 23، ބުންޏެވެ.

މި މަހުގެ 24 ވަނަ ދުވަހު ރިލީޒް ކުރާ "އަލާއްދީން" ގެ ޖޭޒްމިންގައި ރޯލް ކުޅެފައި ވަނީ ނައޯމީ ސްކޮޓެވެ. އޭނާ އަށް އެ ރޯލް ދިނީ ޖޭޒްމިންގެ ރޯލް ކުޅޭނެ ބަތަލާއަކު ހޯދަން މުޅި ދުނިޔޭގައި އަތްފުނާ އެޅުމަށް ފަހު، ޒުވާން އެތައް އަންހެނުންނެއް އޮޑިޝަން ހެދުމަށް ފަހު އެވެ.

"އަލާއްދިން" ގެ ޓައިޓްލް ރޯލް މޭނާ މަސްއޫދު ކުޅެފައިވާ އިރު، ޖީނީގެ ރޯލު ކުޅެނީ ވިލް ސުމިތެވެ.

ފާހަގަކޮށްލެވޭ ކަމަކީ މި ފިލްމަށް ތާރާ އޮޑިޝަން ހަދައި، ވިލްއާ އެކު މަސައްކަތް ކުރަން ފުރުސަތު ފަހިނުވިޔަސް، "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ހާއްސަ ފެނިލަމުން ތާރާ އެކު ވިލް ފެންނާނެ ކަމެވެ. އެގޮތުން ފިލްމުގެ ލަވައެއްގައި ތާރާ އާއި ބަތަލާ އަނަންޔާ ޕާންޑޭ އާއި ޓައިގާ ޝްރޮފާ އެކު ލަވައެއްގެ ތަންކޮޅަކުން ވިލް ފެންނާނެ އެވެ.

ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަ އިރު، ތާރާ މީގެ ކުރިން ވަނީ ޑިޒްނީ ޗެނެލުން ގެނެސް ދިން އިންޑިއާގެ ޝޯތަކެއްގައި މަސައްކަތް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި "ބިގް ބަޅާ ބޫމް"، "އޯޔޭ ޖެސީ" އަދި "ދަ ސޫޓް ލައިފް އޮފް ކަރަން އެންޑް ކަބީރު" ހިމެނެ އެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތާރާގެ ބޮލީވުޑްގެ ދަތުރު ފަށާ އިރު، އޭނާގެ އަތުގައި މި ވަގުތު އިތުރު އެހެން ދެ ފިލްމެއް ވެސް އެބަ އޮތެވެ.

އެއީ ދާދި ފަހުން ޝޫޓިން ނިންމައިލި އަދި އޮކްޓޯބަރު 2 ގައި ރިލީޒް ކުރާ "މަރްޖާވާ" އާއި ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ތަޅަޕް" އެވެ.

"ސްޓޫޑަންޓް އޮފް ދި އިޔާ 2" ސިނަމާތަކަށް އަންނާނީ މި މަހުގެ 10 ގަ އެވެ.