Roadha Mihaaru
ކަނޑޫދޫ މިރުހަށް، ފުރަތަމަ ފަހަރަށް، ހީނަރުކަން!

ކަނޑޫދޫ މިރުސް ދަނޑުތަކަށް، ފުރަތަމަ ފަހަރަށް، ހީނަރުކަން!

23 އެޕްރީލް 2019

ރާއްޖޭގައި އެންމެ ހިނގާ ތ. ކަނޑޫދޫ ގިތެޔޮ މިރުހުގެ ދަނޑުތަކަށް ފުރަތަމަ ފަހަރަށް ބޮޑު ހީނަރުކަމެއް އައިސް، ލިބޭ މިރުގެ އަދަދު މަދުވެ، އޭގެ އަގު މާލޭގެ ބާޒާރުގައި ރަނަށް އަރައިިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި އެންމެ ހިނގާ ތ. ކަނޑޫދޫ ގިތެޔޮ މިރުހުގެ ދަނޑުތަކަށް ފުރަތަމަ ފަހަރަށް ބޮޑު ހީނަރުކަމެއް އައިސް، ލިބޭ މިރުގެ އަދަދު މަދުވެ، އޭގެ އަގު މާލޭގެ ބާޒާރުގައި ރަނަށް އަރައިިފި އެވެ.

ކަނޑޫދޫ ކައުންސިލުން ބުނީ ދަނޑުތަކުގެ މަތިވަރު ދެރަވެގެން، މިރުހުގެ އަދަދު މަދުވީ، މިދިއަ ދެ މަސް ދުވަހު އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ކަމަށެވެ.

ކަނޑޫދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނަވާޒް ވިދާޅުވީ މިދިޔަ ދެ މަހެއްހާ ދުވަހު ހޫނު ގަދަކަމުން މިރުސް ގަސްތަކުގައި މާ އެޅީ ވެސް މަދުން ކަމަށާއި އެޅި ގިނަ މާތައް މިރުހަށް ނުވެ ވަނދުވީ ކަމަށެވެ. އެހެންވެ އެރަށުން މިހާރު މިރުސް ކިލޯއެއް ވިއްކަނީ 500 ރުފިޔާ އާއި 600 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ނަމަ ކިލޯއެއް އުޅުނީ 200ރ އާއި 300ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ.

"މިހާރު ވަރަށް މަދުން މާލެއަށް މިރުސް ގެންދެވެނީ. މިހާ ދަތިނުވޭ މީން ދުވަހަކު ވެސް،" ނަވާޒް ވިދާޅުވި އެވެ.

"މާލޭގައި މާރުކޭޓުގައި ތިބޭ ފަރާތްތަކަށް މިރަށުން މިހާރު މިރުސް ވިއްކަނީ 500، 600 އަށް. އެހެންވެ ބާޒާރުގައި މިހާރު މިރުސް އެ ވިއްކަނީ 800 ރުފިޔާއަށް."

ތ. ކަނޑޫދޫ މީހަކު މިރުސް ދަނޑުގެ މަސައްކަތުގައި: މިދިއަ ދެ މަސް ދުވަހު ދަނޑުތަކަށް ނުބައި އަސަރުކުރި . ފޮޓޯ: ކަނޑޫދޫ ކައުންސިލް

ތ. ކަނޑޫދޫ މީހަކު މިރުސް ދަނޑުގެ މަސައްކަތުގައި: މިދިއަ ދެ މަސް ދުވަހު ދަނޑުތަކަށް ނުބައި އަސަރުކުރި . ފޮޓޯ: ކަނޑޫދޫ ކައުންސިލް

މާލޭގައި ކަނޑޫދޫ ގިތެޔޮ މިރުހެއް މިދުވަސްކޮޅު ލިބެނީ 7-10ރ. ގެ އަގުތަކުގަ އެވެ.

ކުރިއަށް އޮތް ރޯދަމަހަށް އުފާވެރި ޚަބަރެއް ވެސް އެބަ އޮތެވެ. އެއީ ރާއްޖެއަށް ވިއްސާރަ މޫސުން ފެށުމުގެ އަސަރުތައް ފެންނާތީ، ރޯދައަށް ވާ އިރަށް ކަނޑޫދޫގެ މިރުސް ތިޔާގިވުމުގެ ފުރުސަތު ބޮޑުވުމެވެ.

ނަވާޒް ވިދާޅުވީ ވިއްސާރަ މޫސުން ފެށުމާ އެކު ދަނޑުތަކުގެ ހާލަތު ރަނގަޅުވާ ފަށާފައިވާ ކަމަށެވެ. އެހެންކަމުން އަންނަ ރޯދަމަހު މިހާރަށް ވުރެ ގިނައިން ބާޒާރަށް މިރުސް ނެރެވޭނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.

"ރޯދަމަހު މިއަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ. ވިއްސާރަ މޫސުން ފެށުނީމާ، މިހާރު މިރުސް ދަނޑުތައް ރަނގަޅުވަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.

ކަނޑޫދޫ މިރުސް މަޝްހޫރީ ކީއްވެ؟

ކަނޑޫދޫގައި އަބަދުވެސް ގިތެޔޮ މިރުސް ހައްދަ އެވެ. ނަމަވެސް އެރަށުގެ މިރުސް ރާއްޖޭގައި މަޝްހޫރުވެ، ބާޒާރުގެ ކޮންޓްރޯލް ހޯދިތާ އަދި މިވީ 10 ވަރަކަށް އަހަރެވެ.

އެ ރަށުގައި ކުރިން ހައްދަމުން އައީ، ދަނޑުވެރިން ކިޔާ ގޮތުން ނަމަ، "ހުދު މިރުސް" (ފެހިކުލަ މަޑު) މިރުހެވެ. މިހާރު މަޝްހޫރުވެގެން އުޅޭ ކުޅި ގަދަ އަދި ފެހިކަން ވެސް ގަދަ މިރުސް އަޅަން ފެށީ، ކުރިން ވެސް ހައްދަމުން އައި މިރުހުގެ މުޑުވަކުންނެވެ.

ފެހި ކުލަ ގަދަ މިރުސް، އާންމު ނަމުން ނަމަ، "ކަޅު މިރުސް"، ފުރަތަމަ ފެންނަން ފެށުމުން އެއީ ކަމުނުދާ އެއްޗެއް ކަމަށް ބަލައި، އަޅާނުލާ ދޫކޮށްލީ އެވެ. އެކަމަކު ފަހުން އެނގުނީ އެ މިރުސް މީރުވެފައި، ކުޅި ވެސް ގަދަކަމެވެ. އެހެންކަމުން ކުޅި ގަދަކޮށް ކެއުމުގެ އާދަ އޮންނަ ދިވެހިންގެ ތެރޭގައި ކަނޑޫދޫ މިރުސް މަޝްހޫރުވެ، ޑިމާންޑް ބޮޑުވި އެވެ.

"އޭރު ކަޅު މިރުސް ގަހަކާ އެކަކު ވެސް އަޅައެއް ނުލާނެ. އެކަމަކު ފަހުން މި އެނގުނީ އެއީ މާ ކުޅި ގަދަ، މާ މީރު ވައްތަރެއްކަން. ދެން އެ ބާވަތް ބާޒާރުގައި މާ ހިނގާ އެއްޗަކަށް ވީ،" މިރުހުގެ ދަނޑުވެރިކަން ވެސް ކުރައްވަމުން އަންނަ ނަވާޒް ވިދާޅުވި އެވެ.

އާމްދަނީ ހޯދަން ކުރާ ހަމައެކަނި މަސައްކަތެއްގެ ގޮތުގައި މިރުސް ހައްދާ މީހުން ކަނޑޫދޫގައި އުޅެ އެވެ. އެކަމަކު ގިނަ މީހުން މިރުސް ހައްދަނީ އެހެން މަސައްކަތްތައް ވެސް ކުރަމުންނެވެ. މިރުސް ހައްދައިގެން ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމަށް ނަވާޒް ވިދާޅުވި އެވެ.

މިރުސް ވިއްކައިގެން ދަނޑުވެރިޔަކަށް އާންމުކޮށް މަހަކު 15،000ރ ލިބެ އެވެ.

.