Roadha Mihaaru
ކަނޑޫދޫ މިރުސް ދެ ގުނަ އަގުބޮޑުކޮށް!

ކަނޑޫދޫ މިރުސް ދެ ގުނަ އަގުބޮޑުކޮށް، ރޯދަ ނިމޭނީ މި އަގުގައި!

03 އެޕްރީލް 2022

އެހެން އަހަރުތަކާ ހިލާފަށް މި ރޯދަ މަހު ކަނޑޫދޫ މިރުހުގެ އަގު ކުޑަ ތަންކޮޅެއް އަގު ހެޔޮވިޔަސް، އާންމު އަގަށް ވުރެ ދެ ގުނަ މައްޗަށް އުފުލިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެހެން އަހަރުތަކާ ހިލާފަށް މި ރޯދަ މަހު ކަނޑޫދޫ މިރުހުގެ އަގު ކުޑަ ތަންކޮޅެއް އަގު ހެޔޮވިޔަސް، އާންމު އަގަށް ވުރެ ދެ ގުނަ މައްޗަށް އުފުލިއްޖެ އެވެ.

ވޭތުވެދިޔަ ދެ ތިން ރޯދަ މަހު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1200ރ. އަށް ވެސް އެރި އެވެ.

ރާއްޖޭގައި ރޯދަ މަސް އިއްޔެ ފެށިއިރު ވެސް ކަނޑޫދޫ މިރުހުގެ އަގު ވަނީ ކިލޯއެއް 600ރ. އަށް މައްޗަށް ގޮސްފަ އެވެ. މާލޭ ލޯކަލް މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް އާންމުކޮށް ވިއްކަމުން އައި އަގަކީ 300-350ރ. އެވެ.

"އެކަމަކު ހިޔެއް ނުވޭ މިހާރު ހުރި އަގަށް ވުރެ ބޮޑު ވެދާނެ ކަމަކަށް،" ލޯކަލް މާރުކޭޓުގެ ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

"އެންމެ މައްޗަށް ދާނެ ވަރަށް މިހާރު އެހުރީ ގޮސްފައި."

މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުނީ ކަނޑޫދޫން މި ރޯދަ މަހު މިރުސް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެހެން މަސްތަކާ އަޅާ ބަލާއިރު ރޯދަ މަހު މިރުހުގެ އަގު އުފުލިފައި ވަނީ ޑިމާންޑު ބޮޑުވުމުން ކަމަށް އޭނާ ބުންޏެވެ.

"މިރުސް ހުސްނުވެ ލިބޭނެ. އެކަމަކު މި ދުވަސްވަރު ވަރަށް ގިނައިން މީހުން މިރުސް ބޭނުން ކުރާނެ. އެހެންވެ އެ ކޮޅުން މިރުސް ގެންނައިރަށް އަނެއްކާ ގެންނަން ޖެހިފައި އޮންނަނީ. އެހެންވެ އަގު ބޮޑުވަނީ. އަނެއްކާ އެކޮޅުންވެސް ރޯދަ މަހު މިރުސް ވިއްކާ އަގު ބޮޑު ކުރޭ،" އޭނާ ބުންޏެވެ.

މިއަހަރު ބާޒާރުގައި އެންމެ އަގުބޮޑީ ކަނޑޫދޫ މިރުހެއް ނޫނެވެ. ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި އެންމެ އަގުބޮޑުކޮށް ވިއްކަނީ ލ. އަތޮޅު މިރުހެވެ. އެ އަތޮޅުން ގެންނަ މިރުހުގެ އަގު ހުރީ ކިލޯއެއް 650ރ. ގަ އެވެ.