Roadha Mihaaru
25 އަހަރު: ބުރަ، އެކަމަކު ދޫދިނުމެއް ވެސް ނެތް!

25 އަހަރުވީ މިހެން ހުންނަތާ، ބުރަ- އެކަމަކު ދޫދިނުމެއް ނެތް!

05 އެޕްރީލް 2022

ވަޅޯ މަސް މާރުކޭޓަށް ވަންނަ އިރު، ވަރަށް މަޑުމަޑުން ހުންނަ މި މީހާ އަށް އިހުތިރާމް ކުރެވެ އެވެ. ސަބަބަކީ މި އެވެ؛ އަބަދުވެސް އޭނާ ހުންނާނީ ވަރަށް މަޑުމައިތިރި ކަމާ އެކު ކަމެވެ. އަޑުގެ ރާގު ބަދަލެއް ނުވެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވަޅޯ މަސް މާރުކޭޓަށް ވަންނަ އިރު، ވަރަށް މަޑުމަޑުން ހުންނަ މި މީހާ އަށް އިހުތިރާމް ކުރެވެ އެވެ. ސަބަބަކީ މި އެވެ؛ އަބަދުވެސް އޭނާ ހުންނާނީ ވަރަށް މަޑުމައިތިރި ކަމާ އެކު ކަމެވެ. އަޑުގެ ރާގު ބަދަލެއް ނުވެ އެވެ.

މިއީ އިސްމާއިލް ނަސީމެވެ. އޭނާ އުފަންވީ މާލެ އަށެވެ. ވަޅޯ މަސް މާރުކޭޓުގައި މި ވަގުތު މި މަސައްކަތުގައި އުޅޭ އެންމެ ދުވަސްވީ، އެކަމަކު އަދިވެސް "ޒުވާނެކެވެ". އޭނާގެ ވާހަކަ ގޮސް ގުޅެނީ މީގެ 12 ވަރަކަށް އަހަރު ކުރިއާ އެވެ.

އިސްމާއިލް މަހުގެ ވިޔަފާރި އަށް ވަނީ އޭނާގެ އުމުރުން އެންމެ 12 އަހަރުގަ އެވެ. މަސައްކަތެއް ނެތި މަގުމަތީގައި އުޅެން ޖެހުމުން، އޭނާ ނިންމީ ކޮންމެވެސް ކަމެއް ކުރާށެވެ. އެހެންވެ މަސް މާރުކޭޓު ސާފު ކުރުމުގެ މަސައްކަތް އޭނާ ފެށި އެވެ. އެއަށްފަހު މަސް ކައްކައި ވިއްކާ ވިޔަފާރިވެރިއެއް ކައިރީގައި އޭނާ މަސައްކަތްކުރަން ފެށި އެވެ.

އެ މީހާ ކައިރީގައި އޭނާ މަސައްކަތް ކުރާތާ މިހާރު 25 އަހަރުވެދާނެ އެވެ. އޭނާގެ މަސައްކަތަކީ ވަޅޯ މަސް މާރުކޭޓުގައި ވަޅޯ މަހާއި ހިކި މަސް ވިއްކުމެވެ.

އިސްމާއިލް ވަޅޯ މަސް ވިއްކަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިސްމާއިލް ވަޅޯ މަސް ވިއްކަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެއް މަސައްކަތެއް 25 އަހަރު ވަންދެން ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހާ ގިނަ ދުވަހު އެއް މަސައްކަތެއް ކުރުމުން އެ ކަމަކާ ގުޅޭ މައުލޫމާތު ވެސް އެންމެ ބޮޑަށް ލިބިފައި ހުންނާނީ ވެސް އެ މީހަކަށެވެ. އެހެންކަމަށްވާ ނަމަ ވަޅޯ މަހުގެ މައުލޫމާތު އެންމެ ބޮޑަށް އެނގޭނެ އެކަކީ ވެސް އޭނާ އެވެ.

އިސްމާއިލް ބުނީ ފާއިތުވި 25 އަހަރުގެ ތެރޭގައި މަސް ހިއްކާ ގޮތްތަކަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. ކުރިން ދަރު ބޭނުން ކޮށްގެން މަސް ހިއްކި ނަމަވެސް މިހާރު ބޭނުން ކުރަނީ ކީސް ކުނޑި ކަމަށާއި އޭގެ ސަބަބުން ހިކި މަހުގެ ރަހަ ކުރިއަށްވުރެ މީރު ކަމަށް އޭނާ ބުންޏެވެ.

"މިހާރު ބޭނުން ކުރަނީ ކުނޑި. އެ ބޭނުން ކުރީމަ ލާ ރަހަ ވެސް މާ މީރުވާނެ. އެއީ މިހާތަނަށް އައި ވަރަށް ބޮޑު ބަދަލެއް،" އިސްމާއިލް ބުންޏެވެ.

އިސްމާއިލް ހިކި މަސް ވިއްކުމުގައި ހަރަކާތްތެރިވި ނަމަވެސް އެކަން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ކުރަން އޭނާ ބޭނުމެއް ނުވެ އެވެ.

"މިހާރު ދޯނިތައް އައިމަ އެއިން މަސް ގަނެގެން ވިލިނގިއްޔަށް ގެންދަނީ. އެއަށްފަހު އެ ކައްކައިގެން ހިއްކައިގެން ވިއްކަން ގެންނަނީ. އެއީ އެކަނި ކުރަން ވަރަށް ބުރަ މަސައްކަތެއް،" އޭނާ ބުންޏެވެ.

ވަޅޯ މަސް: އެންމެ މީރުވާނީ ކީސް ކުނޑި ބޭނުންކޮށްގެން ހިއްކާ މަސް ކަމަށް އިސްމާއިލް ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވަޅޯ މަސް: އެންމެ މީރުވާނީ ކީސް ކުނޑި ބޭނުންކޮށްގެން ހިއްކާ މަސް ކަމަށް އިސްމާއިލް ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަމިއްލަ ވިޔަފާރި ކުރާ މީހެއް ކައިރީގައި މަސައްކަތް ކުރާތީ އިސްމާއިލަށް އެހާ ބޮޑު މުސާރައެއް ނުލިބެ އެވެ. ނަމަވެސް މާލޭގައި އަމިއްލަ ގެދޮރު ހުންނާތީ އެތަނުން ލިބޭ އާމްދަނީގެ ސަބަބުން އޭނާއަށް އާއިލާގެ ޒަރޫރީ ބޭނުންތައް ފުއްދައިގެން ދިރިއުޅެވެ އެވެ.

"މާ ބައިވަރެއް ނުލިބޭ. ތިން ކުދިންނާ އެކު މި ދިރިއުޅެވެނީ ވެސް އަމިއްލަ ގެދޮރު ހުންނާތީ،" އޭނާ ބުންޏެވެ.

"އެހެންވެ، މިކަން އަމިއްލަ ކަމެއްގެ ގޮތުގައި ކުރަން ބޭނުން ވެސް ނުވަނީ. މީހެއް ކައިރީގައި މިހެން އުޅުން މާ ރަނގަޅު. އަނެއްކާ މިއީ އެކަނި ކުރެވޭ ވަރަށް ވުރެ މާ ބުރަ ކަމެއް،" އޭނާ ބުންޏެވެ.

މީހެއް ކައިރީގައި ފަންސަވީހަކަށް އަހަރު ކުރި ތަޖުރިބާ އޭނާ އަކަށް ގޯހެއް ނޫނެވެ. އޭނާ ބުނާ ގޮތުން ދެން ވެސް ހުންނާނީ ހަމަަ ވަޅޯ މަސް މާރުކޭޓުގަ އެވެ. އެއީ، ކޮންމެ ދުވަހަކު އިރުއެރީއްސުރެ ރޭގަނޑު އަށެއް ޖަހަންދެން އޭނާގެ މަންޒިލެވެ.