Roadha Mihaaru
އެއާޕޯޓެއްގެ "ބެގެޖް ކްލެއިމް" ގައި ކައިވެނިކުރަނީ

ދިމާވީ އެއާޕޯޓް "ބެގެޖް ކްލެއިމް" އިން، ކައިވެނި ވެސް އެތަނުގައި

22 އެޕްރީލް 2019

ފުރަތަމަ ބައްދަލުވެ ގުޅުން ބަދަހިވި ތަނެއްގައި ކައިވެނިކުރުމަކީ މީހުން ކޮށް އުޅޭ ކަމެކެވެ. އެމެރިކާގެ މި ދެ މީހުން ވެސް ބޭނުންވީ އެގޮތެވެ.

ފުރަތަމަ ބައްދަލުވެ ގުޅުން ބަދަހިވި ތަނެއްގައި ކައިވެނިކުރުމަކީ މީހުން ކޮށް އުޅޭ ކަމެކެވެ. އެމެރިކާގެ މި ދެ މީހުން ވެސް ބޭނުންވީ އެގޮތެވެ.

މިޝެލް ބެލީ އާއި ރޮން ޕީޓަސަން އެންމެ ފުރަތަމަ ބައްދަލުވީ އެމެރިކާގެ އެއާޕޯޓެއް ކަމަށްވާ ކްލެވަލެންޑް ހޮޕްކިންސް އިންޓަނޭޝަނަލް އެއާޕޯޓްގެ ބެގެޖް ކްލައިމްގަ އެވެ. ލަގެޖް ލިބިގަންނަ ސަރަހައްދުން ބައްދަލުވި މި ދެ މީހުން ހޮނިހިރު ދުވަހު އެކުވެރިންގެ ވެސް ހާޒިރުގައި، ހަމަ އެ މީހުން ދިމާވި ތަނުގައި ކައިވެނިކުރަން ވަނީ ނިންމައިފަ އެވެ.

މި ދެ މީހުން އެ މީހުންގެ ކައިވެންޏަށް ހެދި ވެބްސައިޓުގައި ބުނެފައި ވަނީ ކައިވެނީގެ ހަފުލާ އަށް ހާއްސަ ނޫން، އާދައިގެ ހެދުމެއްގައި ގޮސް ކައިވެނިކޮށްލާނީ ކަމަށާއި އެ މީހަކު އެ މީހެއްގެ ގޮތުގައި ހުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

މިއީ ކްލެވަލެންޑް ހޮޕްކިންސް އެއާޕޯޓްގައި ކުރާ ފުރަތަމަ ކައިވެނި ކަމަށްވެ އެވެ. މި ތަފާތު ރަސްމިއްޔާތުގައި ބައިވެރިވާން 120 މީހަކަށް ދައުވަތު ދީފައިވެ އެވެ.

"އަހަރެމެންނަކަށް އެނގިފައެއް ނެތް މި އެއާޕޯޓްގައި އަދި ކައިވެންޏެއް ކުރި ކަމެއް،" އެއާޕޯޓްގެ ތަރުޖަމާނަކު ސީބީއެސް ނިއުސް އަށް ބުނެފައިވެ އެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި ބީލޫ އާއި ޕީޓަސަން ދިމާވީ މީގެ 12 އަހަރު ކުރިންނެވެ. އެއީ ބީލޫ އޭރު ވަޒީފާ އަދާކުރި ތަނުގެ ވެރިޔާގެ އެދުމަކަށް މީހަކު ބަލާ އެއާޕޯޓަކަށް ދިއުމުންނެވެ. އެ މީހަކީ ޕީޓަސަން އެވެ.

މި ދެ މީހުން ބުނި ގޮތުގައި އެއާޕޯޓަކީ އެންމެ އުފާވެރި އަދި އެންމެ ހިތްދަތި ތަނެވެ. އެއީ ބައްދަލުވާ އަދި އަލްވަދާއު ވެސް ކިޔަންޖެހޭ ތަނަށް ވާތީ އެވެ.