12 އެޕްރީލް 2019
ބާސެލޯނާ އަށް އޭރުގެ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 27 މިލިއަން ޑޮލަރު ދީފައި އިންޓަ މިލާނުން 1997 ވަނަ އަހަރުގެ ޖޫން މަހު ބްރެޒިލްގެ ރޮނާލްޑޯ ގަތުން ވެގެން ދިޔައީ އެ ކްލަބުގެ ތާރީހުގެ މުޅިން އާ ސަފުހާއެއް ހުޅުވިގެން ދިއުމަށެވެ. ފުރަތަމަ ސީޒަނުގައި ވެސް އިޓަލީ ފުޓްބޯޅަ އަށް ހޭނި ސަޕޯޓަރުން ޖާދޫގައި ޖެއްސި އެވެ. ސީޒަން ދެބައިވީ އިރު އޭނާ ވަނީ ދުނިޔެ އާއި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފަ އެވެ. ޖެހިގެން އައި ސީޒަން ނިމުނުއިރު، އެ ތާރީހީ ކްލަބުގެ ކެޕްޓަން ބޭންޑް އޮތީ އޭނާގެ އަތުގަ އެވެ.
ބާސެލޯނާ އަށް އޭރުގެ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 27 މިލިއަން ޑޮލަރު ދީފައި އިންޓަ މިލާނުން 1997 ވަނަ އަހަރުގެ ޖޫން މަހު ބްރެޒިލްގެ ރޮނާލްޑޯ ގަތުން ވެގެން ދިޔައީ އެ ކްލަބުގެ ތާރީހުގެ މުޅިން އާ ސަފުހާއެއް ހުޅުވިގެން ދިއުމަށެވެ. ފުރަތަމަ ސީޒަނުގައި ވެސް އިޓަލީ ފުޓްބޯޅަ އަށް ހޭނި ސަޕޯޓަރުން ޖާދޫގައި ޖެއްސި އެވެ. ސީޒަން ދެބައިވީ އިރު އޭނާ ވަނީ ދުނިޔެ އާއި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފަ އެވެ. ޖެހިގެން އައި ސީޒަން ނިމުނުއިރު، އެ ތާރީހީ ކްލަބުގެ ކެޕްޓަން ބޭންޑް އޮތީ އޭނާގެ އަތުގަ އެވެ.
އެކަމަކު އެ ދެ ސީޒަނުގައި ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައި ނެތުމާ އެކު އިންޓަ އިން ރޮނާލްޑޯއާ އެކު ތިން ވަނަ ސީޒަނަކަށް، 1999 ވަނަ އަހަރު ނުކުތީ އިޓާލިއަން ލީގު ކާމިޔާބުކުރުމުގެ އުއްމީދުގަ އެވެ. ކަންދިމާކުރި ގޮތުން ސީޒަނުގެ މެދުތެރެއިން، ނޮވެމްބަރު މަހު ލެއްޗޭއާ ދެކޮޅަށް ކުޅުނު މެޗެއްގައި ކަކުލަށް ސީރިއަސް ހާނީއްކައެއްވީ އެވެ. ކަކުލާއި ތަބިކަށި ގުޅުވައިދޭ ޓެންޑަނުން ބައެއް އިރައިގެން ދިޔައީ އެވެ. އެ އަހަރުގެ ކުރީކޮޅު ބެލި ބެލުމުން ދެ ކަކުލުގެ ޓެންޑަންތަކުގައި ބަލިކަށިވެފައިވާ ކަމަށް ދެއްކި ނަމަވެސް އޭރު އޮޕަރޭޝަނެއްގެ ހިޔާލުކުރެވިފައެއް ނެތެވެ.
ރޮނާލްޑޯ އިންޓަ އަށް ސޮއިކުރުމަށް ފަހު ޖާޒީ ދައްކާލަނީ. --ފޮޓޯ: ނައިކީ
އެ އަނިޔާ އަށް ފަރުވާ ހޯދަން ޕެރިހުގައި ކުރި އޮޕަރޭޝަނަށް ފަހު ރޮނާލްޑޯ ފިޓްވީ ޖެހިގެން އައި 2000 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ. އެކަމަކު އިންޓަގެ ކުރިމަތީގައި ދެ ގޮތް އޮތެވެ. ސީޒަން ނިމެމުން އަންނާތީވެއާ އެކު އެ ސީޒަނުގައި ނުކުޅުވައި ޖެހިގެން އަންނަ ސީޒަނަށް ނެރުމެވެ. ނުވަތަ އިޓާލިއަން ކަޕުގެ ފައިނަލުގައި ލާޒިއޯއާ ދެކޮޅަށް ކުޅުވުމެވެ. އޮޕަރޭޝަންކުރި ޑޮކްޓަރުގެ ލަފާ ދިނީ ލާޒިއޯ މެޗުގައި ވިއްސަކަށް މިނެޓު ރޮނާލްޑޯ އަށް ކުޅެވިދާނެ ކަމަށެވެ.
މީގެ 19 އަހަރު ކުރިން އޭޕްރިލް 12، 2000 ގައި ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި އިންޓަ އާއި ލާޒިއޯ ކުޅުނު އިޓާލިއަން ކަޕުގެ ފައިނަލް މެޗުގެ ފުރަތަމަ ލެގު ފާހަގަކުރެވުނީ ދުނިޔޭގައި އޭރު ހުރި އެންމެ މޮޅު ފޯވާޑް އެނބުރި އަންނަ މެޗުގެ ގޮތުގަ އެވެ. އެކަމަކު އެ މެޗު ވެގެން ދިޔައީ އެ ފޯވާޑުގެ ކެރިއަރުގެ އެންމެ ހިތްދަތި އެއް މެޗަށެވެ. މެޗުގެ 58 ވަނަ މިނެޓުގައި ކުޅެން އަރައި ލާޒިއޯގެ ފެނާންޑޯ ކޫޓޯ އާއި ސިނިސާ މިހަލޮވިޗް ކައިރިން ދެމި ގަތުމަށް މަސައްކަތްކުރި ވަގުތު ފައި ނުއަތަށް އެޅި، ކަނާތު ކަކޫ "ބަޑިގޮވީ" އެވެ. ކަކުލާއި ކަށިމަތި ގުޅުވައިދޭ، ވަރުގަދަ ޓެންޑަން އެއްކޮށް ކަނޑައިގެން ގޮސް، ކަކުލުގެ ފިޔަންކަށިގަނޑު ގޮސް ފަލަމަސްގަނޑުގެ ތެރެއަށް ވަނީ އެވެ. އަޅަން ފެށި ގަދަ ވޭނާ އެކު، ކަކޫމަތީ އަތްއަޅައިގެން ހުރެ ރޮނާލްޑޯ އަޑުންއަޑުނަގައި ރޯން ފެށި އެވެ. އިދިކޮޅު ލާޒިއޯގެ ކުޅުންތެރިން ވަގުތުން ކުޅުން މެދުކަނޑާލައި ސިއްހީ އެހީތެރިންނަށް ގޮވަން ފެށި އެވެ. އިންޓަގެ ކުޅުންތެރިންނާއި ކޯޗު މާސެލޯ ލިއްޕީ ހުރީ ހަދާނެ ގޮތް ހުސްވެފަ އެވެ.
ރޮނާލްޑޯ އަށް އަނިޔާވުމުން ލާޒިއޯގެ ކުޅުންތެރިން އެހީއަށް އެދި ގޮވަނީ.
އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވި، ތަދުކަނޑުވާ އެންމެ މަތީ މިނުގެ ޑްރަގްސް ދިނުމަށް އެދި ރޮނާލްޑޯ ހޮސްޕިޓަލުގައި ރޮއި ހޭރެމުން ދިޔަ އެވެ. އެ ހުރިހާ ވަގުތަކު ރޮނާލްޑޯއާ އެންމެ ގާތުގައި ހުރީ އޭނާގެ ޕާސަނަލް ފިޒިކަލް ތެރަޕިސްޓް ނިލްޓަން ޕެޓްރޯން އެވެ. "ފޯފޯޓޫ" އަށް ދިން އިންޓަވިއުއެއްގައި ޕެޓްރޯން ވަނީ އެ ހިތްދަތި ދުވަސްތަކުގެ ހަނދާންތައް އާކޮށްފަ އެވެ. ސައިންސް އިލްމު ބުނަމުން ދިޔައީ ރޮނާލްޑޯ އަށް އަލުން ކުޅެވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ޑޮކްޓަރުން ވެސް ތިބީ ޝައްކެއްގެ މަތީގަ އެވެ. މުޅި ދުނިޔެ ބުނަމުން އެ ހުނަރުވެރިޔާގެ ކެރިއަރުގައި އުމުރުން 24 އަހަރުގައި ސިއްކަ ޖެހުނީ ކަމަށެވެ. އެފަދަ ސީރިއަސް އަނިޔާއެއް އޭގެ ކުރިންވީ ކަމަށް ޑޮކްޓަރުންނާއި އިންޓަގެ ޑިރެކްޓަރުންގެ ހަނދާނުގައި ހުރި ޕޯޗުގަލްގެ ކުޅުންތެރިޔާ އަށް ވެސް އެނބުރި އާދެވިފައެއް ނުވެ އެވެ. ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކަށް ފަހު ކުޅެން ނުކުތް ފުރަތަމަ މެޗުގައި، ކަކުލާއި ކަށިތައް ވަކިވުމުން، ދެން ކުޅެވިދާނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟
އެ ހުރިހާ ސުވާލުތައް ރޮނާލްޑޯގެ ސިކުނޑީގައި ވެސް ދިޔައީ އެނބުރެމުންނެވެ. އިތުރު ބުރައަކާ އެކު އެވެ. އޭނާ އަށް ދެން ނުކުޅެވޭނެ ކަމަށް ނޫސްތަކުން ވެސް ބުނަމުން ދިއުމުންނެވެ. އެކަމަކު ޕެޓްރޯން ބުނި ގޮތުގައި ޒުވާނަކަސް ރޮނާލްޑޯ ނަފްސާނީ ގޮތުން ނުހަނު ވަރުގަދަ އެވެ. އަބަދުވެސް އަމާޒުތަކަށް ވާސިލްވުމަށް ހުރީ ސަމާލުވެގެންނެވެ. އޭނާ އަށް ނުވާނެ ކަމަށް އެންމެން ހީކުރި ދަނޑިވަޅުތަކުގައި ތެދުވުމުގެ ގާބިލްކަން އޭނާގެ ކިބައިގައި ހުއްޓެވެ.
ރޮނާލްޑޯ އަށިގަނޑުގައި ބާލަނީ.
ޕެރިހުގައި ކުރި ކާމިޔާބު އޮޕަރޭޝަނަށް ފަހު ރިހެބިލިޓޭޝަން ފެށިއިރު ވެސް އެ ސުވާލުތަކަށް ނިމުމެއް ނަޔެވެ. އެނބުރި އަޔަސް ކުރީގެ ފެންވަރުގައި ކުޅެވިދާނެތޯއާ މެދު ކުރެވޭ ސުވާލުތަކެވެ. ކުރިއަށް އޮތް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފިޓްވެދާނެތޯ އެވެ. އޭގެ ކުރީ ވޯލްޑް ކަޕުގެ ތަށީގައި އަތްލެވޭހާ ގާތަށް ގޮސް ބީވެގެން ދިޔައީ ފައިނަލް މެޗުގައި ރޮނާލްޑޯ އަށް ނުކުޅެވިގެންނެވެ. އެހެންވެ އެ ތަށި ގައުމަށް ހޯދައިދޭން އޭނާ ހުރީ އެ މުބާރާތުގައި ކުޅެން ނުހަނު ބޭނުންވެފަ އެވެ.
'ރޮނާލްޑޯ އަށް އާދަޔާހިލާފު ބުރަ މަސައްކަތެއް އޮތީ. އަރާމެއް ނެތި އޭނާ ކޮންމެ ދުވަހަކު ނުވަ ގަޑިއިރު 10 ގަޑިއިރު މަސައްކަތްކުރި. އޭރު ވެސް އޭނާ އެނބުރި އައުމާ މެދު އެތައް ޝައްކުތަކެއް އޮތް. އެހެންވެ އޭނާ ހަނގުރާމަކުރީ އަމިއްލަ ނަފްސާ އެކަންޏެއް ނޫން. އޭނާގެ ކެރިއަރު ނިމުނީ ކަމަށް ލަފާކުރި މީޑިއާތަކާ ވެސް،" ޕެޓްރޯން ބުންޏެވެ.
ރޮނާލްޑޯ (ވ) އޮޕަރޭޝަންކުރި ޑޮކްޓަރާ އެކު.
ފަރުވާގެ ތެރޭގައި އުޅެނިކޮށް 2000/2001 ގެ ސީޒަން ނިމުނީ އެވެ. އެކަމަކު އަނިޔާވިތާ 13 މަސް ދުވަސް ފަހުން 2001 ވަނަ އަހަރުގެ އޮގަސްޓް މަސް އައިއިރު ރޮނާލްޑޯ ހުރީ ކުޅެން ތައްޔާރުވެފަ އެވެ. އެކަމަކު އެނބުރި އައިސް ކުޅުނު މެޗެއްގައި ގޯލެއް ވެސް ޖަހާފައި ވަނިކޮށް ފަލަމަސްގަނޑަށް އަނިޔާވި އެވެ. ކުޅުމާ ދުރުގައި އެހާ ގިނަ ދުވަހު ހުރެފައި އެނބުރި އައުމުން އެއީ ކުރިމަތިވެދާނެ ކަމަށް ލަފާކުރެވުނު އަނިޔާއެކެވެ. އެކަމަށް ފަރުވާ ހޯދުމަށް އެނބުރި އައިސް އޭނާ މޮޅު ކުޅުން ތަކުރާރުކުރަނިކޮށް 2002 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަނެއްކާ ވެސް ފަލަމަސްގަނޑަށް އަނިޔާވީ އެވެ.
'އެހިސާބުން އޭނާ ސުވާލު އުފައްދަން ފެށި ވޯލްޑް ކަޕް އަންނަންވާއިރަށް އެނބުރި އާދެވިދާނެތޯ އާއި އޭނާ އަށް ކުޅެވިދާނެތޯ ނުވަތަ ނޫންތޯއާ މެދު،" ޕެޓްރޯން ބުންޏެވެ.
އެހިސާބުން އިންޓަގެ ޗެއާމަން މަސީމޯ މޮރާޓީއާ ވާހަކަދައްކައިގެން ރޮނާލްޑޯ އާއިލާއާ ގާތަށް ބްރެޒިލަށް ފޮނުވާލީ އެވެ. ފިޒިކަލީ ފިޓްވުމުގެ މަސައްކަތްކުރާއިރު ނަފްސާނީ ގޮތުން ވެސް ތައްޔާރުކުރުމަށެވެ. މި ފަހަރު އޭނާ އެނބުރި އައީ މާޗު މަހު އެވެ. ގަވާއިދުން ކުޅެން ފަށައި ޖޫން މަހު ސީޒަން ނިންމާނީ 15 ގޯލް ޖަހައިގެންނެވެ. ދެކުނު ކޮރެއާ އާއި ޖަޕާނުގައި އޮތް ވޯލްޑް ކަޕް އައިއިރު އޭނާ ހުރީ ސައްތައިންތައް ފިޓްކޮށެވެ.
ރޮނާލްޑޯ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލް މެޗަށް ފަހު މާޔޫސްވެފައި. --ފޮޓޯ: އޭއެފްޕީ
އޭނާ ފިޓްވުމަކީ ބްރެޒިލަށް ލިބުނު އާދަޔާހިލާފު ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާ ނެތި ބްރެޒިލް ކޮލިފައިވީ ވެސް ކިރިޔާ އެވެ. ރޮމާރިއޯ ނުނަގައިގެން ކޯޗު ސްކޮލާރީ ބޭރުނުކޮށް ހުރީ ވެސް ކިރިޔާ އެވެ. އެކަމަކު ބްރެޒިލާއި ރޮނާލްޑޯގެ ނަސީބު ހުރި ގޮތާ މެދު ވިސްނާލާށެވެ. އޭގެ ދެ އަހަރު ކުރިން ކަކުލަށް ސީރިއަސް ހާނީއްކައެއްވެ ކެރިއަރު ނިންމާލަން ޖެހިދާނެ ކަމުގެ ބިރު ހީވީ ކުޅުންތެރިޔާ އެނބުރި އައިސް އެ ގައުމަށް، ރެކޯޑް ފަސް ވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިދިނެވެ. ފައިނަލުގައި ޖަރުމަން ކޮޅަށް ޖެހި ދެ ލަނޑާ އެކު ރޮނާލްޑޯ މުބާރާތް ނިންމާލީ އަށް ގޯލް ޖަހައި ރަންބޫޓް ހާސިލްކޮށްގެންނެވެ.
ޕެޓްރޯން ބުނި ގޮތުގައި މެޑިކަލް ސައިންސަށް ވެސް 'ގޮންޖަހައި" ރޮނާލްޑޯ ހަމައެކަނި އެނބުރި އައީކީ ނޫނެވެ. ވާސިލްވީ އެންމެ މަތީ ވަނަ އަށެވެ. އޭނާގެ ކަކޫ އޮޕަރޭޝަންކުރި ފްރާންސް ޑޮކްޓަރު ޖެރާރްޑް ސެއިޔޮން، ފައިނަލް މެޗަށް ފަހު ބުނީ ރޮނާލްޑޯ އެ ރޯކޮށްދިނީ އަނިޔާގައި ތިބި އެންމެންނަށް އުއްމީދުގެ ހުޅުކޮޅެއް ކަމަށެވެ.
'ކުޅިވަރު ކުޅުންތެރިންނަށް އެކަންޏެއް ނޫން. އެންމެންނަށް. މަސައްކަތްކޮށްގެން އެނބުރި އާދެވޭނެކަން ސާބިތުކޮށްދީގެން އޭނާ އެދިނީ އުއްމީދެއް. އޭނާ އެހެރީ ހައްގު މަގާމަށް އެނބުރި އައިސް،" ސެއިޔޮން ވިދާޅުވި އެވެ.
ރޮނާލްޑޯ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލް މެޗަށް ފަހު ޓްރޮފީއަށް ބޮސް ދެނީ.
އެ މުބާރާތަށް ފަހު 46 މިލިއަން ޑޮލަރުގެ އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވެ އެ ކްލަބާ އެކު ރޮނާލްޑޯ ސްޕެނިޝް ލީގު ދެ ފަހަރު އުފުލާލި އެވެ. ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑާ ގުޅުނަސް ބާސެލޯނާގެ ސަޕޯޓަރުންގެ ނުރުހުން އޭނާ އަށް އަމާޒެއް ނުވެ އެވެ. އަދި ފަހުން އިންޓައާ ވާދަވެރި އޭސީ މިލާނަށް ކުޅުނު ނަމަވެސް އިންޓަގެ ސަޕޯޓަރުންގެ ލޯތްބެއް އުންޏެއް ނުވެ އެވެ. އޭގެ ސަބަބަކީ، ކެރިއަރުގައި 518 މެޗުން ޖެހި 352 ގޯލާއި އުފުލާލި 19 ޓްރޮފީ ހެކިވާ ހުނަރުވެރިކަމެވެ. ދަނޑު މަތީގައި ދެއްކި ޖާދުލެވެ.
އެކަމަކު އެ ޖާދުލުގެ ސަބަބުން ހިޔަނި އެޅި ފޮރުފައިވާ ހިތްވަރުގަދަކަމަކީ ރޮނާލްޑޯ، ރޮނާލްޑޯއަކަށްވީ އެންމެ މުހިއްމު އެއް ސަބަބެވެ. ސީރިއަސް ހާނީއްކަތަކުގެ ވޭނާއި ހިތްދަތިކަމާއި މާޔޫސްކަން އޭނާ ހިފަހައްޓަން މަސައްކަތްކުރި ނަމަވެސް، ގަދަ ހިތްވަރުން އޭނާ އެކަމުން ރެކުނެވެ. އޭނާގެ ހުނަރުވެރިކަމަށް ކުރާ ތައުރީފް، އޭނާގެ ހިތްވަރަށް ވެސް ދޭން ޖެހެ އެވެ. މާވަރަހެއްހާ ތަދު އަދި އެހާމެ އަގުހުރި ކުޅުންތެރިޔަކަށްވަނީ އެހެންވެ އެވެ.
މާ ވަރުގަދަކޮށް ނޭމާ އެނބުރި އަންނާނެ: ރޮނާލްޑޯ
ބްރެޒިލްގެ ކޯޗަކަމާ ހަވާލުވާން ގާޑިއޯލާ ބޭނުމެއް ނުވި
ސިމޯނީ މަރުވުމުން ރޮނާލްޑޯ ހިތާމައިގައި
ބްރެޒިލްގެ ރޮނާލްޑޯއަށް ނިއުމޯނިއާ ޖެހި އައިސީޔޫގައި ފަރުވާ ދެނީ
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
ސިޓީ އަށް އިންޓަގެ ގޯލު ހުޅުވާލެވޭ ގޮތެއް ނުވި
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
މާޓިނޭޒް އިންޓަގައި މަޑުކުރަން ނިންމައިފި