Roadha Mihaaru
މެޗުތައް ރޭވިފައި ހުރިގޮތުން ސާރީ ރުޅިގަދަވެއްޖެ

މެޗުތައް ރޭވިފައި ހުރިގޮތުން ސާރީ ރުޅިގަދަވެއްޖެ

08 އެޕްރީލް 2019

ލަންޑަން (އޭޕްރީލް 8) - އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމުތައް ޔޫރަޕްގެ މުބާރާތްތަކުގައި ވާދަކުރާއިރު ލުއިގޮތްތަކެއް ހޯދައިދޭން އިނގިރޭސި އެފްއޭ އިން މަސައްކަތްނުކުރާ ކަމަށް ބުނެ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޭޕްރީލް 8) - އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމުތައް ޔޫރަޕްގެ މުބާރާތްތަކުގައި ވާދަކުރާއިރު ލުއިގޮތްތަކެއް ހޯދައިދޭން އިނގިރޭސި އެފްއޭ އިން މަސައްކަތްނުކުރާ ކަމަށް ބުނެ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ކުޅޭނީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. އެ އަށް ފަހު ބުރާސްފަތި ދުވަހުގެރޭ ކުޅޭނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރަށުންބޭރުގައި ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރާގްއާ އެވެ. އެ އަށް ފަހު އަންނަ އާދިއްތަ ދުވަހު ޕްރިމިއާ ލީގުގައި ރަށުންބޭރުގައި ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުން މެޗުތައް ރާވާއިރު އެންމެ ބޮޑަށް ބަލަނީ ޓީވީ ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަށެވެ. ޓީވީން މެޗުތައް ދައްކައިގެން ލިބޭ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ޗެލްސީ އަށް 30 މިލިއަން ޕައުންޑް ލިބިފައިވާ ކަމަށް އެ ކްލަބްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޗެލްސީގެ ކޯޗު ސާރީ ބުނީ ޔޫރަޕްގައި ކުޅޭ ޓީމުތަކަށް އިނގިރޭސި އެފްއޭ އިން އިސްކަންދޭން ޖެހޭނެ ކަމަށެވެ.

"އަހަރެމެން ބުރާސްފަތި ދުވަހު ޕްރާގަށް މި ދަނީ އިނގިރޭސި ޓީމެއްގެ ގޮތުގައި ޔޫރަޕް މުބާރާތެއްގައި ކުޅެން. އެހެން އެކަން އޮތްއިރު ކީއްވެ އަހަރެމެންގެ ލީގު މެޗު ހޯމަ ދުވަހު ކުޅެން މި ޖެހެނީ. އަހަރެމެން މެޗު ބަދަލުކުރަން އެދުނީމަ ވެސް އެކަމެއް ނުވި. މީގެ ޗެމްޕިއަންސް ލީގު ކުޅޭ ޓީމުތަކަށް ތިން ދުވަސް ރެސްޓް ލިބޭ ކަމަށް ބުނުމަކީ ހައްލެއްނޫން،" މިރޭ ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިތްހަމަނުޖެހިފައި ހުރެ ސާރީ ބުންޏެވެ.

އޭނާ ބުނީ އެހެން ގައުމުތަކުން ޔޫރަޕްގައި ކުޅޭ ޓީމުތަކަށް ލުއިގޮތްތައް ހޯދައިދޭ ގޮތަށް އިނގިރޭސި ޕްރިމިއާ ލީގުން ވެސް ކަންތައްތައް ކޮށްދެންޖެހޭ ކަމަށެވެ.

"ޓީމުތަކަށް ފަސޭހަގޮތްތަކެއް ހޯދައިދިނުމަކީ އެފްއޭގެ ޒިންމާއެއް. ފުޓްބޯޅަ ހަމައެކަނި އާމްދަނީ އަށް ވިސްނައިގެން ކުޅެގެން ނުވާނެ. އަހަރެެމެން ވެސް މި އަންނަނީ ޔޫރަޕްގައި އިންގްލެންޑް ތަމްސީލުކުރަމުން،" ސާރީ ބުންޏެވެ.

ސީޒަނުގެ މުހިއްމު ހިސާބެއްގައި ހަ ދުވަސްތެރޭގައި އުނދަގޫ ތިން މެޗު ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި މީގެ އަސަރު ކުޅުންތެރިންނަށް ކުރާނެ ކަމަށް ސާރީ ވަނީ ބުނެފަ އެވެ. އެކަމަކު މެޗުތައް ރޭވިފައިހުރި ގޮތް ބަދަލުކުރެވޭނެ ބާރެއް ނެތް ކަމަށާއި މީގެ އޮތީ ހާލަތަށް ތައްޔާރުވެގެން ކުރިމަތިލުން ކަމަށް ބުންޏެވެ.

އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ ޗެލްސީ އަށް 2020 ގެ ކުރިން ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ވަނީ އަދަބުދީފަ އެވެ. ސާރީ ބުނީ އެ އަދަބުދީފައި އޮތް ނަމަވެސް ޗެލްސީ އަށް ކުރިއަށްދެވޭނެ މަގު އެބައޮތް ކަމަށާއި މި ސީޒަނުގައި ގަދަ ހަތަރެއްގައި އޮވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ވެސްޓް ހޭމް އާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެެވެ.