30 މާޗް 2019
އައްޑު އަތޮޅުގައި ހިނގައިދިޔަ ގަޑުބަޑެއް ހަމަޔަކަށް އެޅުއްވުމަށް ފަހު، ހައްދުންމައްޗާއި ކޮޅުމަޑުލު މަގުން، އަލްއަމީރު ހަސަން ފަރީދު ދީދީ ކޮޅުނބަށް ދަތުރުކުރައްވަމުން ގެންދެވީ އިނގިރޭސި މަނަވަރު އެޗް.އެމް.އެސް މާލޮއީގަ އެވެ. ކޮޅުނބަށް ފޯރާނެ ކަމަށް ލަފާކުރެވުނު ދުވަހާއި އޭގެ މައްޗަށް ހަޔެއްކަ ދުވަސް ފާއިތުވިއިރު ވެސް އެމަނިކުފާނުގެ ހަބަރެއް ނުވުމުން، މުހައްމަދު އަމީން ދީދީ ހުންނެވީ ހާސްވެވަޑައިގެންފަ އެވެ.
އައްޑު އަތޮޅުގައި ހިނގައިދިޔަ ގަޑުބަޑެއް ހަމަޔަކަށް އެޅުއްވުމަށް ފަހު، ހައްދުންމައްޗާއި ކޮޅުމަޑުލު މަގުން، އަލްއަމީރު ހަސަން ފަރީދު ދީދީ ކޮޅުނބަށް ދަތުރުކުރައްވަމުން ގެންދެވީ އިނގިރޭސި މަނަވަރު އެޗް.އެމް.އެސް މާލޮއީގަ އެވެ. ކޮޅުނބަށް ފޯރާނެ ކަމަށް ލަފާކުރެވުނު ދުވަހާއި އޭގެ މައްޗަށް ހަޔެއްކަ ދުވަސް ފާއިތުވިއިރު ވެސް އެމަނިކުފާނުގެ ހަބަރެއް ނުވުމުން، މުހައްމަދު އަމީން ދީދީ ހުންނެވީ ހާސްވެވަޑައިގެންފަ އެވެ.
އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ އެންމެ ދިލަގަދަ ދުވަސްތައް ކަމުން، ނުވެނުދާނެ ހެން ހީވާ ގޮތްތައް އެމަނިކުފާނުގެ ހިތްޕުޅަށް ދިޔައީ އުނދަގޫކުރަމުންނެވެ. އެ ހިޔާލުފުޅުގައި ހުއްޓާ ކޮޅުނބުގައި ހުންނަ އިނގިރޭސި ރޯޔަލް އެއާ ފޯސް (އާރްއެފްއެފް) އިން މެސެޖެއް ފޮނުވައިގެން އެހީ އެ މަނަވަރު ރާއްޖެ ދިޔައިރު އެތަނުގެ ކާތިބަކު މާލެ ދިޔަތޯ އެވެ. މަނަވަރުގައި ވަޔާލެސް ސެޓެއް ހުރެ އެވެ. އެހެންވެ އެ ސުވާލު މަނަވަރު މީހަކާ ސީދާ ކުރެވެން އޮއްވާ، އަމީން ދީދީ ކުރެން އެކަން ސާފުކުރުމުން މަނަވަރަށް ކޮންމެވެސް ގޮތެއް ވީކަމުގެ އިހުސާސް އެމަނިކުފާނަށް ކުރެއްވެން ފެށި އެވެ.
އޭގެ ތިން ދުވަސް ފަހުން އާރްއެފްއެފުން އެންގީ، ދިވެހިރާއްޖޭގެ އެންމެ މަތީ ވަލީއާ ހަވާލުވެވަޑައިގެން ދައުލަތް ހިންގަވަމުން ގެންދެވި، ހަސަން ފަރީދު ދަތުރުކުރެއްވި މަނަވަރު ދުޝްމިނުންގެ ހަމަލައެއްގައި ފެތިއްޖެ ކަމަށެވެ. މީގެ 75 އަހަރު ކުރިން، މާޗު 31، 1944 ގައި މުހައްމަދު އަމީން "ބަސް ހުއްޓި ލޮލުން ކަރުހަ އޮހޮރެމުން ދިޔަ ހާލުގައި" އެ ހަބަރު އެއްސެވީ ހަމައެކަނި "ދައުލަތް ހިންގުމުގެ އެންމެ ބޮޑު ވެރިއެއްގެ ހިދުމަތުން ދިވެހި ގައުމު މަހުރޫމް ވެގެން" ދިޔަކަމުގެ ހިތާމައާ އެކު އެކަންޏެއް ނޫނެވެ. އަމީން ވިދާޅުވި ގޮތުގައި އެ ހަބަރާ އެކު، އޭރު މާލޭގައި ތިބި މީހުންގެ ތެރެއިން އެމަނިކުފާނަށް ވުރެ ބޮޑަށް އަސަރުކުރާނެ ހަމަ އެކަކު ވެސް ނުހުންނާނެ އެވެ.
މުހައްމަދު އަމީން ދީދީ އަސްކަރީ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.
"އާދެ! އުލޫމުގެ މާބަގީޗާ އިން މާބިދެވޭތޯ އަޅުގަނޑުމެން ދެބެން މަސައްކަތްކުރީ އެކީގަ އެވެ. ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްތައް އަޅުގަނޑުމެން ހޭދަކުރީ އެއް ފުރާޅުގެ ދަށުގަ އެވެ. އާދެ! އަޅުގަނޑުމެން ކެއީ އެއް މޭޒުމަތީންނެވެ. ނިދާ އުޅުނީ އެއް ކޮޓަރީގަ އެވެ. ބައިވެރިވީ އެއް ކުޅިވަރުތަކެއްގަ އެވެ،" އަމީން ލިއުއްވި އެވެ.
ބޮޑުބޭބޭފުޅު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުންގެ ދަރިކަލުން ހަސަން ފަރީދާ އެކު އަމީން ހޭދަކުރެއްވި "އުލޫމުގެ ބަގީޗާ"އަކީ ސްރީ ލަންކާގެ ސެއިންޓް ޖޯސެފް ކޮލެޖެވެ. އެއަށް ފަހު ހަސަން ފަރީދު މިސްރާބު ޖެއްސެވީ ޔޫރަޕަށެވެ. އެކަމަކު ބައްޕާފުޅު އެކަމާ ގަބޫލުފުޅުނުވުމުން ޔޫރަޕަށް ވަޑައިނުގެން އިހަށް މިސްރުގައި ދުވަސްކޮޅަކު ހުންނަވައި އެތަނުން ވެސް ކިޔަވާވިދާޅުވި އެވެ. އަދި އިސްކަންދަރިއްޔާގައި ހުންނެވި ހާޖީ އިމާދުއްދީންގެ އެހީފުޅާ އެކު އިނގިރޭސި ވިލާތަށް ވަޑައިގެން އެތަނުން މަތީ ތައުލީމް ހާސިލްކުރެއްވީ އެވެ. އެ ދުވަސްވަރު ފްރާންސްގެ އަންހެނަކާ ކައިވެނިފުޅު ބައްލަވައިގަތެވެ. އެކަމަނާ ގޮވައިގެން ރާއްޖެ ވަޑައިގަތުމަށް ސްރީ ލަންކާއާ ހަމައިން މޮޓަރުބޯޓުގައި ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު މެދުކަނޑުއްވާލަން ޖެހިވަޑައިގަތީ ގަދައިގައި ޖެހި އެކަމަނާ އަށް ދަތުރުކުރެއްވޭ ގޮތް ނުވުމުންނެވެ. ފަހުން އެކަމަނާ ވަރިކުރައްވައި ފްރާންސަށް ފޮނުއްވާލެއްވީ އެވެ.
ތައުލީމީ ހަޔާތަށް ފަހު ހަސަން ފަރީދު 1930 ގައި ރާއްޖެ ވަޑައިގެންނެވި އިރު ފުރަތަމަ ގާނޫނު އަސާސީ އައީ ލިޔަމުންނެވެ. އެއާ އެކު އޭނާގެ ބޮޑުބޭބޭފުޅު ސުލްތާން މުހައްމަދު ޝަމްސުއްދީން ރަދުން ފަތްކޮޅަކުން އެ މަޖިލީހަށް އޭނާ އައްޔަންކުރެއްވި އެވެ. އަދި އެ ގާނޫނު އަސާސީ ދަށުން އުފެއްދި ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި މާލީ ވަޒީރުކަމާއި ހާރިޖީ ވަޒީރުކަމާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ލިބިވަޑައިގަތެވެ. އޭނާ ވެވަޑައިގަތީ ވަރަށް ހަރަކާތްތެރި މެމްބަރަކަށެވެ. އެކަމަކު ދިވެހި ދައުލަތަށް އާގުބޯޓެއް ގަތުމަށް ދާހިލީ ވަޒީރު އަހުމަދު ކާމިލް ދީދީ، މާލީ ބާރުވެރިކަން ހޯއްދެވި މައްސަލައާ ދެކޮޅަށް ކުރެއްވި މަސައްކަތްޕުޅުގައި ނާކާމިޔާބުވެވަޑައިގެންނެވި އެވެ.
އަލް އަމީރު ހަސަން އިއްޒުއްދީން (ކ) އާއި މުހައްމަދު ފަރީދު ދީދީ (މ) އަދި ހަސަން ފަރީދު ދީދީ ކޮޅުނބުގައި.
އެހެނަސް އެ މައްސަލަގަނޑުގެ ތެރޭގައި ވޯރާ ވިޔަފާރިވެރިން ހަޅުތާލުކޮށް ފިހާރަތައް ބަންދުކުރުމުން މުހައްމަދު އަމީނާއި ދެ ބޭފުޅުން ވެގެން މާޝަލް ލޯ ހިންގަވައި މާލެތެރެ ރަމަތަކުރެއްވި އެވެ. އަދި ފަހުން އަހުމަދު ކާމިލް ދީދީ އާގު ބޯޓެއް ޗާޓަރުކުރައްވައި ކަމާ ބެހޭ ވަޒީރުންނަށް ނާންގަވައި ހަނޑޫ ގެނައި މައްސަލަ ނަންގަވައި އެކަން ހުއްޓުވި އެވެ. އެއީ ހަސަން ފަރީދު މަޑުމަޑުން ސިޔާސީ ބާރުވެރިކަން ހޯއްދަވަމުން ގެންދެވިކަމުގެ ނިޝާނެކެވެ.
އެކަމަކު ދެން ކުރެއްވީ އާއްމުންގެ ނުރުހުން އަމާޒުވި ކަމެކެވެ. ރާއްޖޭގައި ރޯވަމުން ދިޔަ ތައުލީމުގެ ދަންމަރު ނިއްވާލައްވަން މަސައްކަތްކުރެއްވުމެވެ. މަޖިލީހުން ގާނޫނެއް ފާސްކޮށް މަހްކަމަތުލް މައާރިފުން ހުއްދަ ލިބިފައިނުވާ މީހަކު ގުރުއާން، އަރަބި އަކުރު، ތާނަ އަކުރު، ކިޔަވައި ދިނުމާއި ހިސާބު ދަސްކޮށް ދިނުން މެނުވީ އެހެން އެއްވެސް އެއްޗެއް އެއްވެސް ތާކުން ކިޔައިދީގެން ނުވާނެ ކަމަށް އެންގެވި އެވެ.
އެހިސާބުން މަދަރަސަތުލް ސަނިއްޔާގެ އަންހެން ގޮފީގެ ކިޔެވުން ހުއްޓި ފިރިހެން ގޮތްޕަށް ވެސް އަސަރުކުރި އެވެ. ގޭގެއިން ފޮތްތައް ނެރެ ކަނޑުފެއްތި ކަމަށް ވެސް ބުނެވެ އެވެ. އެކަންކަމަށް ބާރު ލިބެނީ އޭރުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ހުސެއިން ސަލާހުއްދީނަށް އޭރުގެ މަހަކަމަތުލް މައާރިފްގެ ވެރިޔާގެ ހައިސިއްޔަތުން ހަސަން ފަރީދު ސޮއިކުރައްވާފައިވާ ފޮނުވި ސިޓީންނެވެ.
ހަސަން ފަރީދު ފޮނުއްވި ސިޓީގެ ވާހަކަ އިބްރާހިމް ޝިހާބު ވިދާޅުވެދެއްވަނީ.
"ފަލީލަތުއްޝައިހް ހުސެއިން ސަލާހުއްދީނަށް ވެދުން ސަލާމް ދެންނެވުމަށް ފަހު ދަންނަވަމޭ. މަނިކުފާނުގެ ބޭފުޅަކަށް ވިޔަސް މި ވުޒާރާގެ ހުއްދަ އޮތް އިލްމެއް ހުއްދަ މިންވަރަކަށް ހުއްދަ އޮތް ގޮތެއްގައި މެނުވީ ކިޔަވައިދެއްގައިގެން ނުވާނެ،" 1987 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި، ސަލާހުއްދީންގެ ދަރިކަލުން އިބްރާހިމް ޝިހާބު އެ ސިޓީގެ އިބާރާތްތައް ވިދާޅުވެދެއްވި އެވެ.
ހަމައެއާ އެކު، ފާތިހާ ކިޔަވައި ކޭންތައް ބޭއްވުމާއި ބޮޑު މާލޫދު ބޭއްވުމާއި ނަދުރު ބުނުން ފަދަ އޭރު ދިވެހިންގެ ސަގާފީ ކަންކަން ވެސް މަނާކުރެއްވި އެވެ. އެކަމަކު އިސްލާހީ ބަދަލުތައް ވެސް ގެންނެވި އެވެ. އެގޮތުން އޭރު މާލޭގައި އާއްމުވެފައި އޮތް މާރާމާރީތައް ހުއްޓުވުމަށްޓަކައި އަށިގޭ ޖަލުގައި ކުށްވެރިންނަށް ހަރުކަށި އަދަބު ދެއްވައި މާރާމާރީތައް ހުއްޓުވާލެއްވުމަކީ މަޝްހޫރު ވާހަކައެކެވެ. ހިތަށްއެރި ގޮތަކަށް ބޭސްކުރަމުން ދަނިކޮށް އިމްތިހާން ކޮމިޓީއެއް ނަގައި އެ ކޮމިޓީން އިމްތިހާންކޮށްފައި ސަނަދު ދިނީމާ ނޫނީ ދިވެހި ބޭސް ކުރުމާއި ފަންޑިތަ ނެހެދޭ ގޮތަށް ބަދަލު ގެންނެވި އެވެ.
ހަސަން ފަރީދު ދީދީގެ ބައްޕާފުޅު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަދި ބޭބޭފުޅު މުހައްމަދު ފަރީދު (މ) އާއި ކޮއްކޯފުޅު އިބްރާހިމް ފަރީދު.
އޭނާގެ ކާފާފުޅު އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި ދިވެހި ބަހުން ހުތުބާ ކިޔަން ފެށިފައި އޮތް އޮތުން އެއީ ގަވާއިދުން ކުރަން ޖެހޭ ކަމަކަށް ހެއްދެވި އެވެ. ބޭރު ބަސްތައް މަސްހުނިކޮށްގެން ހަމައެއް ލަމައެއް ނެތި ކިޔަމުން އައި ލަވަތައް ހުއްޓުވާލައި ދިވެހި ބަހުން ލަވަ ހަދައި އަވަށްއަވަށުގައި ލަވަ ޕާޓީ އުފެއްދެވި އެވެ. ފުޓްބޯޅަ، ކްރިކެޓް، ބައިސިކަލް ރޭސް އަދި ދުވުމުގެ ރޭސް ރާއްޖެ އަށް ތައާރްފްކުރެއްވި އެވެ. މާވަހަރުން ދިޔާވަރު ކަނޑުއްވާލައި އާއްމު ޓެކްސްއެއް ނަގަން ފެށުނެވެ.
އެކަމަކު ވަރަށް ގިނަ އާ ގާނޫނުތައް ވެސް ފާސްކުރަން ފެށުމުން، ހޭލުންތެރިކަމެއް ނެތް ދިވެހި މުޖުތަމައު އަށް އޭގެ ނޭދެވޭ އަސަރުތައް ކުރަން ފެށި އެވެ. އެހިސާބުން "ގާނޫނަކާ ހެދި ފޮރުއްޕާކަށް ނެތޭ" ބުނެ ރައްޔިތުންތަކެއް ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ބައެއް ވަޒީރު ބޭފުޅުން ހަވަރަށް ދޭން މަސައްކަޔްކޮށް ގާނޫނީ އަސާސީ ވީދާލީ އެވެ. ރައްޔިތުން ބޭނުންވީ ވަޒީރުން އަރުވާލުމަށެވެ. އެކަމަކު މޮޓަރު ބޯޓުގައި އެބޭފުޅުން ކޮޅުނބަށް ފޮނުއްވާލެއްވީ ހަސަން ފަރީދުގެ ރޭއްވެވުމަކުން ކަމަށް ބުނެވެ އެވެ. ވަޒީރުންގެ މަޖިލީސް އުވާލައި ރައްޔިތުން ނެގި 68 މެމްބަރުންގެ ކޮމިޓީއަކާ ސަރުކާރު ހިންގުން ހަވާލުކުރުމުން ހަސަން ފަރީދަށް ބާރު ލިބިވަޑައިގަތެވެ. އަދި މިސްރުގައި ހުންނެވި ރަންނަބަނޑޭރިކިލެގެފާނު ރާއްޖެ ވަޑައިގެން އެކުލަވާލެއްވި "ލުއި ގާނޫނު އަސާސީ"ގެ ދަށުން ހަސަން ފަރީދަށް ހާރިޖީ ދާހިލީ، އަދި މާލިއްޔާގެ ވަޒީރުކަމަށް ދެއްވި އެވެ.
ދެން ކުރިމަތިވީ ރަދުން ޝަމްސުއްދީންގެ ދަރިކަލުން އަލް އަމީރު ހަސަން އިއްޒުއްދީން ވެރިކަމަށް ވަޑައިގަންނަވަން ވެގެން ސަރުކާރާ ދެކޮޅު ހަރަކާތްތައް ހިންގަވަން ފެއްޓެވުމުގެ މައްސަލަ އެވެ. އެކަމުގެ ތަހުގީގަށް، އެމަނިކުފާނުގެ ނަށާ ޕާޓީގެ މެމްބަރުން ހައްޔަރުކުރަން ފެށި އެވެ. ބައްޕާފުޅު ރަސްކަމުގައި ހުންނެވި ނަމަވެސް ބާރެއް ނެތް ކަމަށް ވިދާޅުވެ އެކުވެރިން ސަލާމަތްކުރައްވަން ބޮޑު ބަނޑޭރިގެއަށް އިއްޒުދީން ސީދާ ވަޑައިގެންނެވި އެވެ. އެއީ ޝަމްސުއްދީނަށް ތަހައްމަލުކުރެއްވޭނެ ކަމަކަށް ނުވި އެވެ. އެހެންވެ މަޖުބޫރުވެވަޑައިގަތީ ލޯބިފުޅުވާ ދަރިކަލުންގެ ހައްގުގައި، ތަހުތު ދޫކޮށްލައްވައި ބޮޑުބަނޑޭރިގެ އަށް ވަޑައިގަންނަވާށެވެ.
ސުލްތާން މުހައްމަދު ޝަމްސުއްދީން (ކ) އާއި ދަރިކަލުން އަލް އަމީރު ހަސަން އިއްޒުއްދީން.
އެއީ ރަދުން ގާނޫނު އަސާސީއާ ހިލާފުވެވަޑައިގަތުމެވެ. އެ ދުވަހު އެތަނަށް އެއްވެފައި ތިބި ރައްޔިތުން ގާތު އިއްޒުއްދީން އެއްސެވީ "ރައްޔިތުން ބޭނުންވަނީ ރަސްގެފާނާއި ތިމަންމަނިއްޕުޅުތޯ ނުވަތަ ދެ ފަރީދާއި އަމީނުތޯ؟" ރައްޔިތުން ގޮވަމުން ދިޔައީ ތިމަންނާމެން ބޭނުންވަނީ އިސްލާމް ދީނާއީ ގާނޫނު އަސާސީގެ މަތިން ވެރިކަން ކުރާނެ ވެރިއެއް ކަމަށެވެ.
އެއާ އެކު ހަސަން ފަރީދު އަމަލުކުރެއްވި ގޮތަކީ ޝަމްސުއްދީން އަޒަލުކުރައްވައި އެމަނިކުފާނާއި ދަރިކަލުން ފުވައްމުލަކަށް ފޮނުއްވާލެއްވީ އެވެ. ގާނޫނު އަސާސީ ނެގެއްޓެވި ކަމުގެ ހިތްވަރު ހަސަން ފަރީދަށް ބައެއް މީހުން ދިން ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައީ އެއީ ސިޔާސީ ބާރުވެރިކަން ހޯއްދަވަން ކުޅުއްވި ނުބައި ރޯލެކެވެ. އެ ދުވަހު އެތަނަށް ރައްޔިތުންގެ ނަމުގައި އެއްވެފައި އޮތީ ވެސް ހަސަން ފަރީދު ފޮނުއްވި ބަޔެއް ކަމަށް ވެސް ބުނެވެ އެވެ.
ޝަމްސުއްދީނަށް ފަހު ރަސްކަމަށް އިސްކުރީ ހަސަން ނޫރައްދީނެވެ. ބޮޑުވަޒީރަކީ ކުރިން ވެސް އެ މަގާމުގައި ހުންނެވި، ހަސަން ފަރީދުގެ ބޭބެފުޅު މުހައްމަދު ފަރީދު ދީދީ އެވެ. އެކަމަކު އެއީ ރަމްޒީ މަގާމްތަކެކެވެ. ގާނޫނު އަސާސީ އަށް ގެނައި ބަދަލުތަކާ އެކު، ދާހިލީ ވަޒީރުކަމުގައި ހުންނެވި ހަސަން ފަރީދު ގައުމު ހިންގުމުގައި ބާރު ހޯއްދެއްވީ އެވެ. ނަތީޖާއަކަށް ވީ ނޫރައްދީނާއި މުހައްމަދު ފަރީދު ވެސް ފަހުން އިސްތިއުފާ ދެއްވުމެވެ.
ހަސަން ފަރީދު ދީދީ (ކ) އަދި އެމަނިކުފާނު ދެ ވަނަ އަށް ކައިވެނިފުޅު ބައްލަވައިގެންނެވި މާންދޫގެ ތުއްތު ދޮންގޮމާ: ތިން ކައިވެނިފުޅެއް ކުރެއްވި ނަމަވެސް ބޭފުޅަކު ލިބިވަޑައިނުގަންނަވާ.
ހަމަ އެއާ އެކު ދެ ވަނަ ބޮޑު ހަނގުރާމަ ފެށި ރާއްޖެ އަށް ކުރިމަތިވާން ފެށި މައްސަލަތައް ހައްލު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ރާއްޖޭގެ ވަލީ ހަސަން ފަރީދާ ހަވާލުކުރި އެވެ. އަދި ހަނގުރާމަވެރި އިއްތިހާދީންގެ ހަރަކާތްތަކާ ގުޅޭ ކަމެއް އަތުވެއްޖެ ނަމަ އެކަމެއް ރާއްޖެގައި ތަންފީޒްކުރާނެ ވެރިޔަކު ކަމުގައި އިނގިރޭސި ސަރުކާރުން ހިޔާރުކުރީ ވެސް އޭނާ އެވެ. 'ވަކަރުގަނޑު މާވަޑިޔާ ހިތެކެވެ. ގައުމު ހަސަން ފަރީދާ ހިތެކެވެ".
އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވަނީސް ހަސަން ފަރީދު ޗުއްޓީއަކަށް އެދިވަޑައިގަތެވެ. މަޖިލީހުން އޭނާ އަށް ޗުއްޓީ ދެއްވީ ހަނގުރާމައިގެ ސަބަބުން އެހެނިހެން ގޮތްގޮތުން ދައުލަތަށް ކުރިމަތިވެފައިވާ ބޭރާ ބެހޭ ކަންކަން ހަމަޖެއްސުމުގެ އިހުތިޔާރާ ވެސް އެކު އެވެ. އެހެންވެ ޗުއްޓީގައި ކޮޅުނބަށް ވަޑައިގެން އިނގިރޭސިންނާ މަޝްވަރާކުރައްވައި ރާއްޖެ އަށް ކާޑު ލިބޭނެ ގޮތް ހަމަޖެއްސުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން މަޖިލީހަށް އެ މައުލޫމާތު ވެސް ދެއްވި އެވެ. މި ފަހަރު އަލުން ލަންކާ އަށް ވަޑައިގަތީ ފައިސާގެ ކަންކަން ނިންމުމުގެ ބާރާއި ހައި ކޮޅުނބުގައި ހުންނަވާ ދިވެހި ކޮމިޝަނަރުކަމުގެ މަގާމާ ވެސް އެކު އެވެ. ކޮއްކޯފުޅު އަމީން ދީދީ އަށް ރާއްޖޭގެ ދައުލަތް ހިންގުމުގެ ބާރު ދެއްވާފައި ފަރީދު ބޭރަށް ވަޑައިގަތީ ހަނގުރާމައިގެ ވިލާބޯކޮށްފައި އޮތުމުން ހާރިޖީ ގޮތުން ދައުލަތް ހިންގާނެ މީހަކު ކޮޅުނބުގައި ހުރުން މުހިއްމު ކަމަށް ފެނިވަޑައިގަތުމުން ކަމަށްވެ އެވެ.
އެގޮތުގައި އޭނާ ކޮޅުނބުގައި ހުންނަވާފައި މާޗު 12، 1944 ގައި އިނގިރޭސި މަނަވަރު އެޗް.އެމް.އެސް މާލޮއީ އިން އަނެއްކާ ވެސް ރާއްޖެ ވަޑައިގަތެވެ. މި ދަތުރުގައި ދުޝްމިނުންގެ ޓްރޮޕީޓޯއެއްގެ އަތްދަށުނުވީ ކިރިޔާ އެވެ. އެކަމަކު ސަލާމަތުން އެނބުރި ވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ބަދަލުތައް ގެންވާފައި އައްޑު އަތޮޅަށް ވަޑައިގަތީ ހިތަދޫ ގަޑުބަޑު މައްސަލަ ހައްލުކުރައްވާށެވެ. އެ މައްސަލައިގައި އެންމެންނަށް މައާފް ދެއްވައި އައްޑޫ އަތޮޅުވެރިކަން ސިއްކަ އަލިމަނިކުފާނާ ހަވާލުކުރައްވައި ހަމަ އެ މަނަވަރުން ހައްދުންމައްޗާއި ކޮޅުމަޑުލަށް ވަޑައިގެންނެވި އެވެ. އަދި އައްޑޫން މަނަވަރަށް އެރި ދިވެހިން ކޮޅުމަޑުލަށް ބާލައި ދަތުރުކުރައްވަމުން ގެންދެވީ ކޮޅުނބަށެވެ. އެކަމަކު، އެ ހިސާބަށް ނުފޯރަނީސް، ރާއްޖޭގެ އިރު އުތުރުން ލަންކާގެ ގޯލާ ދިމާލުން ހުޅަނގު ދެކުނުން ޖަރުމަނުގެ ޔޫ-ބޯޓަކުން ހަމަލާދީ މަނަވަރު ފައްތާލީ އެވެ. އޭގައި ހަސަން ފަރީދާއި އާރްއޭއޭއެފް ޕައިލެޓް ފަސްޓް ލެފްޓިނެންޓް ޑޮނާލްޑް ވޯކަރުގެ އިތުރުން ކޮމާންޑަރާއި 23 ފަޅުވެރިން ދަތުރުކުރަމުން ދިޔަ އެވެ.
އެމްއެޗްއެސް މާލޮއި ފެތުނު ސަރަހައްދު (ކ) އަދި އެ މަނަވަރު. --ފޮޓޯ: ޔޫބޯޓް ޑޮޓް ނެޓް
އެ ހަބަރު އާރްއޭއެފް އިން އަމީނަށް ދެއްވުމުން، ކަށަވަރުކުރެއްވުމަށް ކޮޅުނބަށް ވަޑައިގެންނެވި އެވެ. އެމަނިކުފާނު ހޯދި ހޯދުމުން ފެނިވަޑައިގަތީ ހަސަން ފަރީދު ދުނިޔެއިން ވަކިވެވަޑައިނުގެން ހުންނެވި ކަމުގެ މާ ބޮޑު އުއްމީދެއް ނެތްކަމެވެ. އެކަމަކު އޭރު އޮންނަ ގޮތުން ނަމަ ހަނގުރާމައިގެ ތެރެއިން މީހަކު ގެއްލިއްޖެ ނަމަ އެމީހަކު މަރުވެއްޖެ ކަމަށް ނިންމެން އޮންނާނީ ހަނގުރާމަ ނިމުމުންނެވެ. އެކަމަކު ދަންނަބޭކަލުންގެ ލަފާގެ މަތިން ސަދަގާތްކުރުމާއި ހިތާމަފާޅުކުރުމުގެ ޖަލްސާތައް ބޭއްވި އެވެ.
"Ujaalaavi ranthari" - AlUsthaz Mohamed Jameel Didi (UsthazulJeel) pic.twitter.com/2hMiKz7LDr
— saima (@saima_mv) March 29, 2019
ހަސަން ފަރީދު ދީދީ ގެއްލިވަޑައިގަތުމުގެ ހިތާމަފުޅުގައި އަލްއުސްތާޒް މުހައްމަދު ޖަމީލް ދީދީ ހެއްދެވި ޅެން.
ހަސަން ފަރީދުގެ ކޮންޓްރޯލުން ގައުމު ދޫވެ، މުހައްމަދު އަމީނު ހުންގާނުގައި ހިއްޕެވުމުން، ހުދުމުހުތާރޭ ކިޔުނު ފަރުން ގައުމު ފުންވެ، ތައުލީމާއި ތަހުޒީބުގެ ފުން ކަނޑުގައި ފައްސިޔައިގައި ގައުމު ދަތުރުކުރަން ފެށި ކަމަށް ބައެއް ތާރީހު އިލްމުވެރިން ދެކެ އެވެ. އެކަމަކު ހަސަން ފަރީދު ގެއްލިވަޑައިގަތުމަކީ މުހައްމަދު އަމީން ލޭކަރުނައިގެ ކޯރަކަށް ގެނބިވަޑައިގަތް ހިތާމަފުޅެކެވެ. އޭގެ ދުވަސްކޮޅެއް ފަހުން "ކަނޑުން ފިރުކެމުން" އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި އަދި "ވައިން އުދުހެމުން" އާރްއޭއެފްގެ މަތިންދާބޯޓުގައި ކޮޅުނބަށް ވަޑައިގެންނެވި އިރު އެ އަސަރެއް ނުމެފިލަ އެވެ. "ޑަންގީ" ގައި އައްޑު އަށް ކުރަމުން ދިޔަ ދަތުރުގެ ބައިވެރިން "ގޮދަންރޮއްޓާއި ކުކުޅު ރިހަޔަށް އިންސާފުކޮށް ހަދިޔާ ދަޅުތަކުގެ މަތިތައް އެގޮތް މިގޮތަށް ބުރުވަމުން ދިޔައިރު" އެ މަޖަލުގައި ބައިވެރިނުވެވި އެމަނިކުފާނު އޮންނެވީ ގަދަ ހުމެއް ޖެހި ފަތްޖެހި އެނދުގަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެ ހިތާމައިގެ ސަބަބުން ހިތްޕުޅުގައި ލީ ލަކުނު ދުވަހަކު ވެސް ފިލައިގެންނުދާނެ އެވެ.
ހަސަން ފަރީދުގެ ގެއްލިވަޑައިގަތުމަކީ ސިޔާސީ ގޮތުން ރާއްޖެ މުޅިން އާ ސަފުހާއަކަށް ވަނުމެވެ.
އަލީގަޅުން އަމީނުގެ ހިތުގައި އާލާވި ގައުމީ ލޯބި
މުހައްމަދު އަމީނުގެ ތަފްސީލީ ބަޔޯގްރަފީއެއް މިރޭ ނެރެނީ
ހުކުރުން ފޭބި ގޮތަށް ގޮސް ވައްޓާލީ ވެރިކަން!
ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލީ 48 ގަޑިއިރުން
އަރިއަތޮޅުން 66 އަހަރު ކުރިން ފެށުނު ރަށްވެހިކަމުގެ ފަތިސް
ކުރަން ހެޔޮ ކަމެއް، ވަސިއްޔަތެއް ނެތް: މަރާލާ!
68 އަހަރު ކުރި: ޒިނޭގެ ޝަރީއަތް ނިމުނީ ރޭޕް ކޭސްއަކުން
އިބްރާހިމްދީދީ: ބާރުވެރިކަން، އިންގިލާބު، އަރުވާލުން!
އަމީނާ: ދިވެހި ޖިންސުއްލަތީފުންގެ "ރޫހު"
އަމީނާއާ ގުޅޭ މުހިންމު ހަނދާނެއް: ފަހު ސިޓީފުޅު