Roadha Mihaaru
ޓްރީ ޓޮޕްގެ މުވައްޒަފުން ހުޅުމާލޭގެ ބީޗް ސާފުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުވައްޒަފުން ހުޅުމާލޭގެ ބީޗު ސަރަހައްދު ސާފުކޮށްފި

29 މާޗް 2019

ޓްރީ ޓޮޕް ހޮސްޕިޓަލަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން އެ ހޮސްޕިޓަލްގެ މުވައްޒަފުން ހުޅުމާލޭގެ ބީޗް ސަރަހައްދު މިއަދު ސާފުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓްރީ ޓޮޕް ހޮސްޕިޓަލަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން އެ ހޮސްޕިޓަލްގެ މުވައްޒަފުން ހުޅުމާލޭގެ ބީޗް ސަރަހައްދު މިއަދު ސާފުކޮށްފި އެވެ.

ހެނދުނު 6:30 ން ފެށިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 'ސޭވް ދަ ބީޗް މޯލްޑިވްސް' ގެ ކޯ-ފައުންޑަރު ހަސަން އަހުމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ 100 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި، ސާފުކުރުމުގެ ހަރަކާތުގައި 105 ކޮތަޅުގެ ކުނި ބީޗް ސަރަހައްދުން ނެގި އެވެ. އަދި ބީޗް ސަރަހައްދުން 54 ކޮތަޅުގެ ޕްލާސްޓިކް ވަނީ ހޮވައިފަ އެވެ. މި ތަކެތި ޕާލޭއާ ހަވާލުކުރުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމައިފަ އެވެ.

ޕާލޭ އަކީ އުކާލާ ޕްލާސްޓިކް ރީ-ސައިކަލް ކުރުމަށްޓަކައި ކަލެކްޓް ކުރާ ބައެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، ސާފުކުރުމުގެ މިފަދަ ހަރަކާތެއް ހިންގުމުގެ ބޭނުމަކީ ކުނި މެނޭޖްކުރުމުގެ މުހިއްމުކަމާއި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުން ކަމަށެވެ. އަދި ރީ-ސައިކަލް ކުރުމަށް ހިތްވަރުދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ބައެއް މުވައްޒަފުން ހުޅުމާލޭގެ ބީޗް ސަރަހައްދު މިއަދު ސާފުކުރަނީ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ބައެއް މުވައްޒަފުން ހުޅުމާލޭގެ ބީޗް ސަރަހައްދު މިއަދު ސާފުކުރަނީ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަހަރީ ދުވަހަކީ މި މަހުގެ އެއްވަނަ ދުވަހެވެ.

އަހަރީ ދުވަހާ ގުޅުވައިގެން އެ ހޮސްޕިޓަލުން ވަނީ ވެލްނެސް ކޭމްޕެއް ބާއްވައިފަ އެވެ. ހިލޭ ޑޮކްޓަރަށް ދެއްކޭ ގޮތަށް ބޭއްވި އެ ކޭމްޕަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. މީގެ އިތުރުން، ހެލްތް ސްކީނިން އަށް ހާއްސަކޮށް، ހެޔޮ އަގެއްގައި ބޮޑީ ޗެކަޕް ހެއްދޭނެ އިންތިޒާމު ވެސް މި މަހުގެ ނިޔަލަށް އެ ހޮސްޕިޓަލުން ވަނީ ހުޅުވާލައިފަ އެވެ.